ޝަޢްބާން މަސް ފެށިގެން ކުރިއަށް ދަނީ އެވެ. ދެން ފެށޭނީ މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހެވެ. އެންމެންވެސް މިހާރު ދަނީ ރަމަޟާން މަހަށް ތައްޔާރުވަމުންނެވެ. ސުވާލަކީ ރަމަޟާން މަހަށް ތައްޔާރުވާން ފުރަތަމަ ކުރަންވީ ކޮންކަމެއް ހެއްޔެވެ؟
މިސުވާލަށް އެކި ޢިލްމުވެރިން ދެއްވާނީ އެކި ޖަވާބެވެ. މިފަހަރު މިގެނެސްދެނީ މިސުވާލަށް ޝައިޚް މުޙައްމަދު އަނީލް ދެއްވާފައިވާ ޖަވާބެވެ!
"މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ދުވަސްތައް ފެށެން ދާދި ގާތްވެފައިވާއިރު، އެއްވެސް މީހެއްގެ ހައްޤަކަށް އަރައިގަނެވިފައިވާ ނަމަ އެމީހެއްގެ ކިބައިން މާފު ހޯދުމަކީ ވަރަށް ވަރަށް މުހިންމު ކަމެކެވެ.
އެގޮތުން އެމީހަކާއި ބައްދަލުކޮށް ނުވަތަ ވަސީލަތެއް ބޭނުންކޮށް މުޢާމަލާތުކޮށްގެން ނުވަތަ މެސެޖުކޮށްގެން ނަމަވެސް އަނެކާގެ ކިބައިން މާފު ހޯދަން މަސައްކަތްކުރާށެވެ!"
- ޝައިކް މުޙައްމަދު އަނީލް
މިޖަވާބު މިގެނެސްދިނީ ވަރަށް މަތިވެރި މަޤްޞަދެއްގައެވެ. ބައެއް ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި ރަމަޟާން މަހާއި ކުރިމަތިލުމަށް އެންމެ ފުރަތަމަ ކުރަން އޮތްކަމަކީ ފުރިހަމަ ތައުބާއަކުން ތައުބާވުން ކަމުގައިވާތީއެވެ.
ފުރިހަމަ ތައުބާއަކުން ތައުބާވެވޭނީ މީހެއްގެ ޙައްޤަކަށް އަރައިގަނެވިފައިވާނަމަ އެމީހަކަށް ބަދަލުދިނުމުންނެވެ. އެމީހެއްގެ ކިބައިން މާފަށް އެދި ހިތް ޙަލާލު ހޯދުމުންނެވެ. ﷲ ތަޢާލާ ޢަފޫކުރައްވަވާނީ އެމީހަކާއި ﷲ ތަޢާލާ އާއި ދެމެދުގައިވާ ކަންކަމެވެ. ކުރެވިފައިވާ ފާފަތަކެވެ. މީހެއްގެ ޙައްޤަކަށް އަރައިގަނެވިފައިވާނަމަ އެކަމަށް އޮތީ އެމީހެއްގެ ކިބައިން މާފަށް އެދުމެވެ.
ވީމާ ފުރިހަމަ ތައުބާއަކުން ތައުބާވެގެން ތިބެ ބަރަކާތްތެރި ރަމަޟާން މަހާއި ކުރިމަތިލަމާތޯއެވެ! އިން ޝާ ﷲ. ކުރިއާލައި މިކަން ހަނދާންކޮށްދިނީ މީހުންގެ ޙައްޤުތައް އަދާކޮށް މާފަށް އެދެން ވަޤުތު ބޭނުންވާނެތީއެވެ!