ﷲ ތަޢާލާ މީހަކަށް ރުހިވޮޑިގެންފިނަމަ ރޭއަޅުކަންކުރަން ފަށަންދެން މަތިމައްޗަށް ތަކްލީފްތައް ކުރިމަތިކުރައްވަވާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ﷲ ތަޢާލާ މީހަކަށް ރުހިވޮޑިގެންފިނަމަ ރޭއަޅުކަންކުރަން ފަށަންދެން މަތިމައްޗަށް ތަކްލީފްތައް ކުރިމަތިކުރައްވަވާނެ!: މުފްތީ މެންކް

ތިބާއަށް މުޞީބާތެއް ކުރިމަތިވީއެވެ. ތަކްލީފް އުފުލަން ޖެހުނީއެވެ. އެކަމަކުވެސް ތިބާ ނިދީން ހޭލައި ރޭއަޅުކަމެއް ނުކުރެއެވެ. ދެވަނަ ކަންތައް ކުރިމަތިވީއެވެ. ތިންވަނަ ކަންތައް ކުރިމަތިވީއެވެ. އެކަމަކުވެސް ތިބާ ރޭއަޅުކަން ނުކުރަނީއެވެ. 

ބުނަންހެއްޔެވެ؟ ތިބާއަކީ ތަޢާލާ ރުހިވޮޑިގަންނަވާ، ލޯބިވެވޮޑިގަންނަވާ އަޅަކުކަމުގައި ވެއްޖެނަމަ ތިބާ ރޭގަނޑުގެ ނިދި ދޫކޮށްލައި ތެދުވެ ރޭއަޅުކަން ކުރަން ފަށަންދެން އެއްކަމަކަށްފަހު އަނެއް ކަމެއް ކުރިމަތިކުރައްވަވާނެއެވެ. އެއީ ހަމަ ތިބާދެކެ ލޯބިވެވޮޑިގަންނަވާތީއެވެ. 

ޙަޤީޤަތަށް ބަލައިފިނަމަ ރޭގަނޑުގެ ނިދި ދޫކޮށްލައި ތެދުވެ ރޭއަޅުކަން ނުކުރާނަމަ އެއިގެ މާނައަކީ އޭނާއަށް އެއްވެސް ބޮޑުކަމެއް ކުރިމަތިވެފައެއް ނުވެއެވެ. ބޮޑުކަމެއް ކުރިމަތިވެފައިވާނަމަ އެކަން ޙައްލުކުރައްވަވައިދެއްވެވުން އެދި ﷲ ތަޢާލާގެ ޙަޞްރަތުގައި ނުދަންނަވައި (ރޭއަޅުކަންކޮށް ދުޢާނުކޮށް) ކަންނެތްވެ ޣާފިލުވެފައި ނިދާކަށް ނުއޮންނާނެއެވެ. 

ބައެއް މީހުން ރޭދެބައިވުމުން ނިދާފައި ހެނދުނު ހޭލެވުނުއިރަކުން ތެދުވެ މީސްމީހުންގެ ގާތަށް ކަންކަމުދެއެވެ. އެކަކު ގާތުން އަނެކަކުގެ ގާތަށް ހިނގައެވެ. ބޭސްފަރުވާކުރާނެ ފައިސާއަށް އެދިގެންނެވެ. ކުރިމަތިވެފައިވާ މާލީ ދަތިކަމުން އަރައިގަނެވޭތޯއެވެ. ވަޒިފާއެއް ލިބޭތޯއެވެ. މިފަދަ އެތައް ކަމެއްގައެވެ. 

އެމީހުންނަށް ނުވިސްނޭ ކަމަކީ ކިތަންމެ ގިނަ ބައެއްގެ ގާތުގައި ކަންކަމު އެދުނަސް ތިމާގެ ބޭނުން ފުއްދައިދޭނީ އެކަމަށް ﷲ ތަޢާލާ މިންވަރުކުރެއްވެވުމުން ކަމެވެ. މިހެންވިޔަ ނުދޭށެވެ! ފުރަތަމަ ކަމަކަށް ރޭއަޅުކަންކުރާށެވެ. ނިކަމެތިކަމާއިއެކު ﷲ ތަޢާލާގެ ޙަޟްރަތަށް ދުޢާކުރާށެވެ! އެކަންކަން ކުރުމަށްފަހު ދެން ތިމާއަށް ކުރެވެންހުރި ކަންކަން ކުރާށެވެ. ހިންމަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ 

- މުފްތީ މެންކުގެ ދަރުސަކުން  

މިއަދު އޮންލައިން