މިނެދިން ނާޅިއަކުން މިނެދޭން ކުރަން އޮތްކަމަކީ ނުބައިކޮށް ހިތި މީހަކަށް ނުބައިކޮށް ހިތުމެއް ނޫނެވެ. ކުރަންއޮތްކަމަކީ ހެޔޮކޮށް ހިތި މީހާއަށް ހެޔޮކޮށް ހިތުމެވެ. މައިންބަފައިން މުސްކުޅިވާ ދުވަހު އެމީހުންނަށް ހެޔޮކޮށްހިތަންވީވެސް އެފަދަ ސަބަބުތަކަށްޓަކައެވެ.
ތިބާގެ މަންމަ، ތިބާ ތުއްތުއިރު ތިބާގެ އަނގައަށް ލައްވައި ކިތައް އަހަރު ކާންދިން ހެއްޔެވެ؟ އެކަން ކޮށްދިނީ ނުހަނު ލޯބިންނެވެ. ފަކުރުގަތުމެއް ނެތިއެވެ. ތިބާގެ މަންމަ މުސްކުޅިވިޔަސް ނުވިޔަސް ބަލިވިޔަސް ނުވިޔަސް އަނގައަށް ލައްވައި ކާންދޭން ފަކުރުގަނެގެން ދެކޮޅުޖެހޭނީ ކިހިނަކުންހެއްޔެވެ؟
މިވާހަކަ ދައްކަން މިޖެހެނީ މައިން މުސްކުޅިވެ އެނދުމަތިވާދުވަހު މައިންނަށް އަތުން ކާންދޭން ބައެއް ދަރިން އެބަ ޖެހިލުންވެއެވެ. ސަމުސަލުން އަޅަން ޖެހޭ ޙާލަތުގައި ސަމުސަލުން ކާން ނުދޭކަށް ނުބުނަމެވެ. ސަމުސަލުން ކާންދިންނަމަވެސް އަނގައިގައި އަތްޖެހިދާނެތީ ފަޖުރުގަންނަ ގޮތަށް ޢަމަލުތައް ބެހެއްޓުމަކީ މައިންގެ ހިތުގައި ޖެހޭނެ ކަމެކެވެ.
މީގެ އިތުރުން ބައިވެރިޔާދެކެ ލޯބިންވެސް އަނގައަށް ލައްވައި ކާންދެނީ ނޫންހެއްޔެވެ؟ މިހެންބުނީތީ ގޮތްބަލައިލަން ނަމަވެސް މައިމީހާ ގަދަވެ ހުއްޓައި އެންމެ ސުވަލެއް ވިޔަސް ނިކަން އަތުން މައިމީހާގެ އަނގައަށްލަވައިލަބަލާށެވެ! މޭވާކާއިރު އުލަކަށް ހަރާފައިނަމަވެސް މައިމީހާގެ އަނގަޔަށް ނިކަންލަވައިލަބަލާށެވެ! މައިމީހާގެ ހިތް އުފަލުން ނަށަންފަށާނެއެވެ!
މިފަދަ ނަޞޭޙަތްތައް މިދެނީ މައިންބަފައިންނަށް ހެޔޮކޮށް ހިތައި މައިންބަފައިން އުފަލުގައި ގެންގުޅުމަކީ ސުވަރުގެ ވަދެވެން އޮތް މަގަކަށްވާތީއެވެ. ޘަވާބު ފުނިފުންޏަށްހައި ގިނައިން ޙާޞިލްކުރެވެން އޮތް ކަމެކެވެ. އަހަރެމެން އެންމެ ބޮޑަށް ބޭނުންވާ ކަމަކީ ސުވަރުގެ ވަނުން ކަމުގައިވާތީއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން