ޙައްޤު ގޮތުގަ ހުރެ ﷲ ގެ އެހީތެރިވަންތަކަމަށް އެދި ތިބާ ދެއަތް އުފުލާލުމުން ފޮނުއްވަވަނީ އެންމެ މަލާއިކަތެއް ނޫންކަމާ ހާހުންކަން!! ޤުރްއާނުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ޙައްޤު ގޮތުގަ ހުރެ ﷲ ގެ އެހީތެރިވަންތަކަމަށް އެދި ތިބާ ދެއަތް އުފުލާލުމުން ފޮނުއްވަވަނީ އެންމެ މަލާއިކަތެއް ނޫންކަމާ ހާހުންކަން!! ޤުރްއާނުން-

އަހުރެމެން މިތިބީ ދުނިޔޭގެ ބިމުގައެވެ. ﷲ ތަޢާލާ ވޮޑިގެންވަނީ 7 އުޑުމަތީގައިކަމަށްވުމަކީ ބިމުގައި ތިބެގެން ކުރާ ދުޢާ ވަޤުތުން އައްސަވައިވޮޑިގަތުމަށް އޮތް ހުރަހެއް ނޫނެވެ. ރާސްތާ ދިގެއްވެސް ނޫނެވެ. ހަމަ ވަޤުތުން އައްސަވައިވޮޑިގެންވެއެވެ. އެއްވެސް މަޑުޖެހުމެއް އޮތްނަމަ އެހުރަހަކީ އަހުރެމެންގެ ކިބައިވާ އުރެދުމެވެ. ފާފަތަކެވެ. ތައުބާނުވެވުމެވެ.

އަހަރެމެންގެ ތެރެއިން ގިނަ ބައަކަށް މިއަދު ޤަބޫލުކުރަން އުނދަގޫވާ ކަންތައްތަކުގެ ތެރޭގައި ﷲ ތަޢާލާގެ ދީލަތިވަންތަކަން ހިމެނޭކަމީ ހިތާމަހުރިކަމެކެވެ. އެކަން ޤަބޫލުކުރެވޭނަމަ ތިމާގެ ހުރިހާ ޢަމަލުތަކެއް އިޞްލާޙްވާނެއެވެ. ފާފަތަކަށް އަރައިގަންނަން ބިރުވެތިވެވޭނެއެވެ.

"ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތަށް އެހީއަށްއެދި ތިޔަބައިމީހުން ދެންނެވިހިނދު، ހަނދުމަކުރާށެވެ! ފަހެ، އެހިނދު އެކަލާނގެ ތިޔަބައިމީހުންނަށް އިޖާބަދެއްވައި އެންގެވިއެވެ. މަލާއިކަތުންގެ ހާހަކުން ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް މަދަދު ދެއްވާހުށީމެވެ. އެކަކަށްފަހު އަނެކަކު އަންނަގޮތުގައެވެ." (އަންފާލް:9)

މިއާޔަތުގައި އެވަނީ "ތިއަބައިމީހުންގެވެރި" އެވެ. މާނައަކީ އެންމެހައި މީސްތަކުންގެވެރި އެވެ. ވީމާ އެއިގެ ތެރޭގައި ތިބާވެސް ހިމެނެއެވެ. އަހުރެންވެސް ހިމެނެއެވެ. އެންމެންވެސް ހިމެނެއެވެ.

ރަޙްމަތުގެ މަލާއިކަތުން ތިބާއާއި ހަމައަށް ހާހުން ފޮނުއްވެވުން އެދި ކުރަންޖެހެނީ އެންމެ ކަމެކެވެ. އެއީ އެވަރުގެ އީމާންތެރިއަކުކަމުގައިވުމެވެ. ތަޤްވާވެރިއަކު ކަމުގައިވުމެވެ. ﷲ ތަޢާލާގެ މަގުގައި ސާބިތުވެހުރުމެވެ.

ގިނަގިނައިން ތައުބާވާ މީހުންގެތެރެއިން ހިމެނޭށެވެ! އަދި އީމާންތެރި، ތަޤްވާވެރިއަކުކަމުގައިވެ އެކަލާނގެ މަގުގައި ސާބިތުވުމަށްފަހު ދެއަތް އުފުލައި ދުޢާކުރާށެވެ! އެކަލާނގެ ރަޙްމަތް ތިބާއަށްވެސް އޮއްސަވާނެތެވެ! އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން