ލޭ ހަދިޔާކުރަން އޮތީ އަވަސްވެގަތުމެވެ! ފުރާނަ ސަލާމަތްކުރަން ލިބޭ ފުރުޞަތުގެ ބޭނުން ނުކުރެވިއްޖެނަމަ ގެއްލިގެން އެދަނީ ލިބެން އޮތް ހާދަބޮޑު ރަހްމަތެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ލޭ ހަދިޔާކުރަން އޮތީ އަވަސްވެގަތުމެވެ! ފުރާނަ ސަލާމަތްކުރަން ލިބޭ ފުރުޞަތުގެ ބޭނުން ނުކުރެވިއްޖެނަމަ ގެއްލިގެން އެދަނީ ލިބެން އޮތް ހާދަބޮޑު ރަހްމަތެކެވެ!

ޢާންމުގޮތެއްގައި ލޭއަލަންޖެހެނީ ތެލެސީމިއާބަލީގެ ކުދިންނަށް، އޮޕަރޭޝަނެއް ކުރަން، އެކްސިޑެންޓެއްވެ ޖެހޭ މައްސަލއަކާއި ގުޅިގެން ފަދަ ކަންކަމުގައެވެ. މިފަދަ ކޮންމެ ޙާލަތެއްގައިވެސް ކޮންމެ މީހެއްގެ ގައަށް ނަމަވެސް ލޭއަޅާނީ ނާޅައި ވާންނެތިއްޖެނަމައެވެ. އޭނާގެ ފުރާނަ ސަލާމަތްކުރުމަށެވެ.

ވީމާ ބޭނުން ޖެހިފައިވާ މީހާއަށް ލޭހަދިޔާކުރަން ފުރުޞަތު ލިބިއްޖެނަމަ އެކަމަށް އޮތީ އަވަސްވެގަތުމެވެ. މީހެއްގެ ފުރާނަ ސަލާމަތްކުރަން މަސައްކަތްކުރުމުން ދެއްވަވާނެ ގިނަގުނަ ޘަވާބުގެ ދަހިވެތިކަމުގައެވެ. އެންމެ މީހެއްގެ ފުރާނަ ސަލާމަތްކުރުމަކީވެސް މުޅި އުންމަތުގެ އެންމެންގެ ފުރާނަ ސަލާމަތްކުރުން ފަދަ ބޮޑު ރަޙްމަތަކަށްވާތީއެވެ.

ބިރުވެތިވާން ޖެހޭނީ ފުރުޞަތު ލިބި ލޭހަދިޔާ ނުކުރެވިއްޖެނަމައެވެ. އެއިރުން ވާނީ މީހެއްގެ ފުރާނަ ސަލާމަތްކުރަން މަސައްކަތްކުރަން ލިބުނު ފުރުޞަތުގެ ބޭނުން ނުކުރި މީހަކަށެވެ. އެއީ ޤާނޫނީ ގޮތުން ކުށަކަށް ނުވެދާނެއެވެ. ނަމަވެސް އެއީ އެކަމަކާއިމެދު ޤިޔާމަތްދުވަހު ސުވާލު ކުރެވޭނެ ކަމެކެވެ. "ތިމަން ﷲ ގެ އަޅާގެ ފުރާނަ ސަލާމަތްކުރަން އެހީތެރިވެދޭން ލިބުނު ފުރުޞަތުގައި އެކަން ނުކުރި" ސަބަބާއިމެދުގައެވެ.

ލޭހަދިޔާކުރަން ފުރުޞަތެއް ލިބިއްޖެނަމަ އެކަމަށް އަވަސްވެގަންނާށެވެ! ޞިއްޙީ ޢުޛުރެއް ނެތްނަމަ ފަސްޖެހެންވީ އެއްވެސް ސަބަބެއް ނެތެވެ. ހަށިގަނޑުން މަދުވި ލޭގެ ބަދަލުގައި ތާޒާ ލޭ ﷲ ތަޢާލާ ދެއްވަވާނެއެވެ. ގިނަގުން ޘަވާބުވެސް ދެއްވަވާނެތެވެ. އިން ޝާ ﷲ

ލޭ ހަދިޔާކުރުމުގެ ޙުކުމް: … ލޭ ހަދިޔާކުރުމުގެ ޙުކުމާމެދު ދަންނައެވެ. ފަހެ ހަމަކަށަވަރުން އެކަމަށް ބޭނުން ޖެހިފައިވާ މީހަކަށް ލޭ ހަދިޔާކުރުމަކީ ހުއްދަކަމެކެވެ. އެހެނީ [ލޭ ނެގުމުން] ލެޔަކީ އާވެގެންދާ އެއްޗަކަށްވުމުން، ހަށިގަނޑުން މަދުވެގެންދާ މިންވަރު ފާހަގައެއް ނުވެއެވެ. މިކަމުގައި ޔަޤީން މަޞްލަޙަތެއް އެކުލެވިގެންވެއެވެ.

ނުވަތަ މަޞްލަޙަތެއް ޙާޞިލުވުމުގެ އިޙްތިމާލު އެބައޮތެވެ. މިކަމުގައި ފަސާދައެއް އެކުލެވިގެންނުވެއެވެ. މިފަދަ ކަމެއް އިސްލާމީ ޝަރީޢަތުގައި މަނާކުރެވިގެން ނުވެއެވެ. ފަހެ ބޭނުންޖެހިފައިވާ މީހަކަށް ލޭ ހަދިޔާކުރުމަކީ ހުއްދަކަމެކެވެ. އެކަމުގެ ޝަރުޠަކީ ލޭ ހަދިޔާކުރާމީހާ، އެމީހަކު ލޭ ހަދިޔާކުރުމުން އެކަމުން އެމީހާއަށް ގެއްލުން ނުވާނެކަމުގައި ޑޮކްޓަރަކު ލަފާދިނުމެވެ.

--ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙު އަލްޢުޘައިމީން – رحمه الله

މިއަދު އޮންލައިން