ދޮގުހަދާ މީހުންނާ ދެފުށް ދެގޮތް މީހުންނަށް ނަފްރަތުކުރާއިރު ތިމާގެ ކިބައިގަ އެސިފަތައް ހުރިއަނުދޭން އެބަ މަސައްކަތްކުރަމު ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 29ސ
ދޮގުހަދާ މީހުންނާ ދެފުށް ދެގޮތް މީހުންނަށް ނަފްރަތުކުރާއިރު ތިމާގެ ކިބައިގަ އެސިފަތައް ހުރިއަނުދޭން އެބަ މަސައްކަތްކުރަމު ހެއްޔެވެ؟

ތެދުވެރިން މަދުވެ ދޮވެރި މަކަރުވެރިން ގިނަވަމުން އަންނަކަން އެންމެންވެސް ޤަބޫލުކުރެއެވެ. އަދި އެކަމަށް ކަންބޮޑުވެސްވެއެވެ. ތެދުވެރިން ދެކެ ލޯބިވާ ފަދައިން ދޮގުވެރިން ދެކެ ރުޅިވެސް އައުދެއެވެ. ސުވާލަކީ އެހެންކަމާއިއެކުވެސް ތިމާއަކީ ތެދުވެރިއަކު ކަމުގައިވުމަށް އެބަ މަސައްކަތްކުރަމުހެއްޔެވެ؟

ޖަވާބުގައި އެންމެން ނުވަތަ ގިނަ ބައަކު ނަމަވެސް އާނއެކެވެ ބުނާނެ ނަމަ ނުވަތަ ތިމާއަކީ ތެދުވެރިއަކު ކަމުގައި ވުމަށް މަސައްކަތްކުރާ ނަމަ މައްސަލަ އެއޮތީ ވަރަށް ރަނގަޅަށް ޙައްލުކުރެވިފައެވެ. އެމަސައްކަތް ނުކުރެވި ޙައްލެއް ނުކުރެވޭނެއެވެ.

ހަމައެއާއިއެކު ދެފުށް ދެގޮތް މީހުން ދެކެވެސް ރުޅި އައުދެއެވެ. އެކަމަކު ތިމާގެ ދެފުށް އެއްގޮތްކުރަން އެބަ މަސައްކަތްކުރެވޭ ހެއްޔެވެ؟

ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!

ދޮގު ވަރަޢަވެރިކަން -

ދިވެހި ބަސްފޮތުގައި ވަރަޢަވެރިކަން މާނަކޮށްފައި ވަނީ ތަޤްވާވެރިކަމާއި ދީންވެރިކަމުގެ މާނައިގައެވެ. ނަމަވެސް މިއީ އެ މުޞްތަލަޙުގެ ޢާންމު މާނަކަމަށް ބުނެވިދާނެއެވެ.

ދީނީ ނަޒަރަކުން ބަލާ އިރު، ވަރަޢަވެރިކަމުގެ ޚާއްޞަ މާނައަކީ މާތް ﷲ ނަހީކުރައްވާފައިވާ ކަންކަމުން ދުރުވުމާއެކު، މަކްރޫހު ކަންކަމުންވެސް ދުރުވުމެވެ. މާނައަކީ، އެކަމަކީ، ޙަރާމްކަމަށް ވިޔަސް ނުވިޔަސް، ނޭދެވޭ ހުރިހާ ކަމަކުން ދުރުހެލިވުމެވެ.

ވަރަޢަވެރިކަން ދެބަޔަކަށް ބެހިދާނެއެވެ. އެއީ ތެދުވެރި ވަރަޢަވެރިކަމާއި، ދޮގުވެރި ވަރަޢަވެރިކަމެވެ. ނުވަތަ ތެދުވަރަޢަވެރިކަމާއި ދޮގުވަރަޢަވެރިކަމެވެ. ދޮގު ވަރަޢަވެރިކަމަކީ، ހަމައެކަނި ބޭރުފުށުން ދައްކާ ދެއްކުމެކެވެ. ބޭރު ފުށުން ތިމާޔަކީ ވަރަށް ދީންވެރި މީހެއްކަން ދެއްކުމެވެ. މީހުންގެ ތެރޭގައި އުޅޭއިރު، ތިމާޔަކީ މާތް ﷲ އަށް ވަރަށް ތަޤްވާވެރި މީހެއްކަމުގައި ދައްކައިގެން އުޅުމެވެ. ތިމާޔަކީ، ހަމައެކަނި ޙަރާމް ކަންތަކުން ދުރުވެ ހުރި މީހެއް ނޫން ކަމާއި މަކްރޫހަ އަދި ނޭދެވޭ ހުރިހާ ކަމަކުންވެސް ދުރުވެ ހުރި އަދި އެކަންކަމަށް ނުރުހުންތެރިވާ މީހެއްކަން ދެއްކުމެވެ. ނަމަވެސް، އެކަނިވާ ހިނދު، އެފަދަ މީހަކީ، މާތް ﷲ ޙަރާމްކުރެއްވި އެންމެ ބޮޑެތި ފާފަތަކަށް އަރައިގަތުމަށް ވެސް އެއްވެސް ޖެހިލުމެއް ނުވާ މީހާއެވެ. އެފަދަ ވަރަޢަވެރިކަމަކީ ދެއްކުންތެރިކަމެވެ. އެއީ ދޮގު ވަރަޢަވެރިކަމެކެވެ.

ތިމާގެ ބޭރުފުށަށް ސަމާލުކަން ދޭ ގޮތަށް، އެތެރެފުށަށް އެއަށްވުރެ ބޮޑަށް ސަމާލުކަން ދޭން ވާނެއެވެ. ތަޤްވާވެރިކަމާއި ވަރަޢަވެރިކަމާއި ދީންވެރިކަމުގެ އަޞްލު އުފެދިގެން އަންނަނީ ހިތުގައެވެ. ބޭރުފުށުން ފެންނަނީ އެކަންކަމުގެ މޭވާއެވެ.

އެހެންކަމުން، ހިތްނިޔަތުގެ ސާފުކަމާއި، ތަޤްވާއާއި ވަރަޢަވެރިކަމުގެ ތެދުވެރި އޮށް ހިތުގައި އިންދުމަކީ ކޮންމެހެން ލާޒިމުކަމެކެވެ. އެފަދަ މީހަކަށް ޙަޤީޤީ ވަރަޢަވެރިކަން ހާސިލުވާނެއެވެ. މަޚްލޫޤުންނަށް އޭނާ ލަދުގަންނަ ވަރަށް ވުރެ ބޮޑަށް، މާތް ﷲ އަށް އޭނާ ލަދުވެތިވާނެއެވެ. އޭނާ ވީ ކޮންމެ ތަނެއްގައި މާތް ﷲ އަށް ތަޤްވާވެރިވާނެއެވެ. ބިރުވެތިވާނެއެވެ. ފާޙިޝް ހަޑިހުތުރު ނޭދެވޭ ކަންކަމަށް އަރައިގަތުމަށް ޖެހިލުން ވާނެއެވެ. އެއީ އޭނާ އެކަނި ހުއްޓަސް ވެހެވެ.

އަޅުގަނޑުމެންގެ މުޖުތަމަޢަކީ ހެޔޮ ރަނގަޅު ދީނީ މުޖުތަމަޢަކަށް ހެދުމަށްޓަކައި، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީވެސް ތެދުވަރަޢަވެރިއަކަށް ވުމަށް މަސައްކަތް ކުރަން ޖެހެއެވެ. ތެދުވެރި ވަރަޢަވެރިންގެ ގޮވައްޗަކީ ސުވަރުގެ ކަމާމެދަކު ޝައްކެއްނެތެވެ.

--ޝައިޚް ޝަފީޢު ޢަބްދުﷲ

މިއަދު އޮންލައިން