އެއްވެސް ކަމެއް ކާމިޔާބުކުރަން އެދޭނަމަ ފުރަތަމަ ކުރަންޖެހޭ 2 ކަންތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
އެއްވެސް ކަމެއް ކާމިޔާބުކުރަން އެދޭނަމަ ފުރަތަމަ ކުރަންޖެހޭ 2 ކަންތައް-

ބައެއް މީހުން ކަންކަން ކުރަން ބޭނުންވުމުން ދުރާލައި ކަންކަން ރާވައެވެ. ރަނގަޅު އިންތިޒާމެއްގެ ދަށުން ކަންކަން ކުރަންވެސް މަސައްކަތްކުރެއެވެ. ނަމަވެސް ފޭލްވެއެވެ. 

އެހިސާބުން ފޭލްވީ ކީއްވެގެންކަން، ކޮންކަމެއް ގޯސްކޮށް ކުރެވިގެންކަން ދެނެގަންނަން ގަދައަޅައި މަސައްކަތްކުރަން ފަށާނެއެވެ. ހޯދިހޯދުންތަކުން ފޭލްވި ސަބަބުތަކުގެ ތެރެއިން 90 އިންސައްތަ ސަބަބަކީ އެހެން މީހުން ކުރި ޖެއްސުމާއި ހުރަސްއެޅުންކަންވެސް އެނގިދާނެއެވެ. ދެން ބާކީ އޮތް 10 އިންސައްތައިގެ ތެރެއިން 5 އިންސައްތައަކީ ތިމާއަށް އެނގިހުރެ ހެދުނު ގޯސްތައްކަމުގައިވެދާނެއެވެ. އަނެއް 5 އިންސައްތައަކީ ނުއެނގުހުރެ ހެދުނު ގޯސްތައް ކަމުގައި ވެދާނެއެވެ. 

މިދެއްކީ މިޘާލެކެވެ. ދެން ކަންކަންވާ ގޮތަކީ އެކަމަށް ހުރަސްއެޅި މީހުން ދެކެ ރުޅިއާދެވެނީއެވެ. އެމީހުންނަށް ނަފްރަތުކުރެވެނީއެވެ. 

އަހުރެންގެ ތަޖުރިބާއަށް ބަލައި ބުނަމެވެ. މިފަދަ ގޮތްގޮތަށް ކަންކަން މެދުވެރިވެގެން އަހުރެންގެ ގާތަށް ލަފާހޯދަން އަންނަ 99 އިންސައްތަ މީހުންނަށް އޮންނަނީ އެމީހުން އެންމެ ފުރަތަމަ ކުރަންޖެހޭ ކަންތައް ކުރަންވާވަރާއި ގާތަކަށްވެސް ނުކުރެވިފައެވެ. 

އެކަމަކީ ކޮބައިކަން އެނގޭހެއްޔެވެ؟ އެއީ ﷲ ތަޢާލާއަށް ކިޔަމަންތެރިވުމާއި އެކަލާނގެ ޙަޟްރަތުން ވާގިއެދުމެވެ. އެދެކަންތަކުގައި ފޭލްވީމާ ދެން ޖެހޭނީ ކުރިން ކުރި ދިރާސާ އަނެއްކޮޅަށް ބަދަލުކޮށްލާށެވެ! 100 އިންސައްތަ ތިމާގެ ސަބަބުން ކަމަށް ނިންމާށެވެ. އެނޫން އެއްވެސް ގޮތެއް ނުއޮންނާނެއެވެ. 

ސަބަބަކީ ތިމާ ނުވަތަ ކިތަންމެ ގިނަ ބައަކުވެގެން ނަމަވެސް އަދި ކިތަންމެ ގިނަ މަސައްކަތްތަކެއް ކުރިނަމަވެސް އަދި ކިތަންމެ ގިނަ ފައިސާތަކެއް ހޭދަކުރިނަމަވެސް އަދި ކިތަންމެ ފަސޭހައިން ކާމިޔާބުކުރެވެން އޮތް ކަމެއް ނަމަވެސް ކާމިޔާބުކުރެވޭނީ ﷲ ތަޢާލާ އެކަމެއް ހިންމަވައިދެއްވެވުމުން ކަމުގައިވާތީއެވެ. 

ވީމާ ކޮންމެ ކަމެއް ކުރަން އުޅުނު ނަމަވެސް ފުރަތަމަކަމަކަށް ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި ކިޔަމަންތެރިވާށެވެ. އަދި އެކަލާނގެ ޙަޟްރަތުން ވާގިއެދޭށެވެ. އެކަންކަން ކުރުމަށްފަހު އެކަމަކާއިގެން ކުރިއަށްދާން މަސައްކަތްކުރާށެވެ. ކާމިޔާބުކުރެވޭނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން