އަނބިމީހާ ކަމަށްވީތީ ނުބެހޭ ކަމެއް ނޯންނާނެ! ކުށްދެއްކުމުން އޮތީ ބަލައިގަނެ އިޞްލާޙްކުރުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
އަނބިމީހާ ކަމަށްވީތީ ނުބެހޭ ކަމެއް ނޯންނާނެ! ކުށްދެއްކުމުން އޮތީ ބަލައިގަނެ އިޞްލާޙްކުރުން!

އެކުވެރިންނަށް ބެލިކަމުގައިވީނަމަވެސް އެންމެ ގާތް އެކުވެރިންގެ މަޤާމް ދެވޭނީ ތިމާއަށް އިޙްތިރާމްކުރާ މީހުންނަށެވެ. އެހެން ނޫންނަމަ އެމީހަކު ބެހެއްޓޭނީ ތަންކޮޅެއް ދުރަގައެވެ. ކޮންމެ އެކުވެރިއަކަށް އެންމެ ގާތް އެކުވެރިޔާގެ މަޤާމެއް ނުދެވޭނެއެވެ. 

ދެމަފިރިންގެ މެދުގައި މިކަން ވަކިން ބޮޑަށް އޮންނާނެއެވެ. ބައިވެރިޔާއަކީ ތިމާ ދެކެ ލޯބިވާ މީހަކު ކަމަށް ނިންމައި އެންމެ މަތީ ދަރަޖަ ދެވޭނީ ތިމާއަށް އިޙްތިރާމްކުރާނަމައެވެ. އެއިގެ މާނައަކީ ތިމާ ކޮންމެ ކަމެއް ކުރިނަމަވެސް އެކަމަށް ރުހިގެން ހުރުމެއް ނޫނެވެ. ދައްކާހައި ވާހަކަތައް ޤަބޫލުކުރުމެއްވެސް ނޫނެވެ. 

ރަނގަޅު ނޫން ކަންކަންކޮށް ޙައްޤު ނޫން ބަސްބުނާނަމަ އެކަން ފާހަގަކުރުމަކީ އިހްތިރާމް ނުކުރުމެއް ނޫނެވެ. އެކަންވާނީ އިޙްތިރާމްކުރުން ކަމަށެވެ. ނުބައިކޮށް ކުރެވޭ ކަންކަން ފާހަގަކުރަނީ ބައިވެރިޔާއަށް އެހެން މީހުންގެ އިޙްތިރާމް ހޯދައިދިނުމަށްޓަކައެވެ. އިޙްތިރާމް ގެއްލިގެންދިއަ ނުދިނުމަށެވެ. 

ވީމާ ތިމާއަށް ގޯސްކޮށް ކަމެއް ކުރެވުމުން އެކަން ފާހަގަކޮށް އިޞްލާޙްކުރަން ބުނުމަކީ ތިމާއަށް އިޙްތިރާމް ނުކުރުން ކަމަށް ނުދެކޭށެވެ. އަނެކާގެ ކުށް ބުނެދީ އިޞްލާޙްކުރަން ބާރު ނުއަޅާނަމަ އެއީ ކުރެވޭ ކުށެކެވެ. ކުށް ބަޔާންކޮށްދީ އިޞްލާޙްކުރަން ބާރުއެޅުމަކީ ލޯބިވާކަމުގެ ދަލީލެކެވެ. އެކަމުން އަންގައިދެނީ ބައިވެރިޔާއަށް ރަނގަޅު ގޮތްތައް މެދުވެރިވުމަށް އެދޭކަމެވެ.  

ކަންއޮތީ މިފަދައިން ނަމަވެސް ފިރިމީހާއަށް ކުރެވޭ ކުށްތައް ފާހަގަކުރުމުން "ތިއައީ ކަލެއާ ބެހޭކަމެއް ނޫނޭ، އަނގަގަދަ ނުކުރާށޭ" އެބަބުނެއެވެ. ބުނަން ހެއްޔެވެ؟ ކައިވެނިކުރުމަށްފަހު ނުބެހޭ ކަމެއް ނުއޮންނާނެއެވެ. ދެމީހުންނަކީވެސް އަނެކާގެ ހުރިހާ ކަންކަމާއިވެސް ބެހެންޖެހޭނެ މީހެކެވެ. އަނެކާގެ އިޞްލާޙަށް މަސައްކަތްކުރަންޖެހޭނެ މީހެކެވެ.

 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން