މި 2 ޙާލަތުގަވެސް ކަރުނައެޅުމަށް އަވަސްވެގެންފި މީހާ ދުނިޔެއާ އާޚިރަތްވެސް ކާމިޔާބުކޮށްފިއެވެ. އިން ޝާ ﷲ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
މި 2 ޙާލަތުގަވެސް ކަރުނައެޅުމަށް އަވަސްވެގެންފި މީހާ ދުނިޔެއާ އާޚިރަތްވެސް ކާމިޔާބުކޮށްފިއެވެ. އިން ޝާ ﷲ!

ކޮންމެ ކަމަކުންވެސް އެންމެ ބޮޑަށް ފައިދާކުރާނީ އެކަމެއް ކުރަން އޮންނަ ވަގުތުގައި އެކަމެއް ކުރުމުންނެވެ. އަދި އެކަމަކީ ކުރަންޖެހޭ ކަމެއްނަމަ އެކަމެއްކުރަން އަވަސްވެގަތުމުންނެވެ. އެގޮތުން ކަރުނައެޅުމުންވެސް ފައިދާކުރާނީ އެކަމުގެ ވަގުތުގައި އެކަންކުރުމުންނެވެ.

މިސާލެއްގެ ގޮތުން ފުރަތަމަ އިބިލީހަށް ބަލައިލަމާ ހިނގާށެވެ! އިބިލީސް ކަރުނައަޅަމުން ގެންދެއެވެ. އިންސާނާ ﷲ ތަޢާލާއަށް ސަޖިދަކުރާތަން ފެނުމުން އެކަލޭގެ އެކަމަށް ދެރަވެ ހިތާމަކޮށް ކަރުނައަޅާކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ އެއީ އާދަމްގެފާނަށް ސަޖިދަކުރަން އެންގެވި ވަގުތު ސަޖިދަނުކުރެވުމުންނެވެ. ތައުބާވާން ލިބުނު ފުރުޞަތުގެ ބޭނުން ނުހިފުނީތީއެވެ.

ދުނިޔޭގައި މީސްތަކުން ގެންދާނީ ﷲ ތަޢާލާއަށް ސަޖިދަކުރަމުންނެވެ. މިހާރުވެސް 2 ބިލިއަނެއްހައި މުސްލިމުން އެގެންދަނީ ސަޖިދަކުރަމުންނެވެ. ޝައިޠޯނާއަށް ޖެހޭނީ ކަރުނައެޅުންމަތީގައި ހުންނާށެވެ!

ދެން ބަލައިލަންވީ އާދަމްގެފާނު އެޅުއްވެވި ކަރުނަފޮދަށެވެ. ކުށެއް ކުރެއްވެވިއްޖެކަން އެނގިވަދައިގެންނެވިހިނދު އެކަމަށް ހިތާމަކުރައްވަވައި ވަގުތުން ކަރުނަފޮދު އެޅުއްވެވިއެވެ. ތައުބާވެވަޑައިގެންނެވިއެވެ. ނަތީޖާއަކީ ފާފަ ފުއްސަވައިދެއްވަވައި އިތުރަށް ދަރަޖަ މަތިވެރިކުރެއްވެވުމެވެ.

ވީމާ އަހަރެމެންވެސް މަސައްކަތްކުރަންވީ ފާފައެއް ކުރެވޭހިނދު އެކަމަށް ދެރަވެ ހިތާމަކޮށް އަވަހަށް ތައުބާވުމަށެވެ. އެއިރުން ހަމައަހަރެމެންނަށް ކުރެވޭ ފާފަވެސް ފުއްސަވައި ދެއްވަވައި ރަޙްމަތް ލައްވަވައި ދަރަޖަ ަމތިވެރިކުރައްވަވާނެތެވެ. އިން ޝާ ﷲ

ދެމް އޮތީ ކަރުނަ އެޅުމުގެ އެންމެ މުހިންމު ދެވަނަ ޙާލަތެވެ. އެއީ އަމިއްލަ ދިރިއުޅުމުގެ ކަންކަމުގައި އަޅަންޖެހޭ ކަރުނައެވެ. ޒަވާޖީ ޙަޔާތުގައި ތިމާއަށް ކުރެވޭ ކުށެއްގެ ސަބަބުން އަޅަންޖެހޭ ކަރުނައެވެ.

ކުށެއް ކުރެވިއްޖެނަމަ އަވަހަށް އަނެކާގެ ކިބައިން މާފަށް އެދޭށެވެ. އެކުށް ތަކުރާރުނުކުރާށެވެ! އެކަން ކުރުން ލަސްކޮށްފިނަމަ ފުރުޞަތު ގެއްލިދާނެއެވެ. ވަގުތު ފާއިތުވާފަހުން ދެރަވެ ހިތާމަކޮށް ކަރުނައެޅިނަމަވެސް އެކަމުން އެއްވެސް އަސަރެއް ނުކޮށްފާނެއެވެ. ވީމާ ކަރުނަ އަޅަންޖެހޭ ފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ އަވަހަށް ކަރުނައަޅާށެވެ. މިބަޔާންކުރީ ކަރުނަ އެޅުން އަވަސްކުރަންޖެހޭ ސަބަބުތަކެވެ.

ކުށެއް ކުރެވޭވާހަކަ ބުނާއިރަށް އެއީ ބޭވަފާތެރިވުން ކަމުގައި ނުވިސްނާށެވެ! އަނެކާ ނުރުހޭ ގޮތަކަށް ނުވަތަ ނުކުރަން ބުނެފައި އޮތްކަމެއް ކުރެވުމަކީވެސް ކުށެކެވެ. ވީމާ މިބުނަނީ އެކަން ބައިވެރިޔާއަށް އެނގި ރުޅިއައުމުގެ ކުރިން ބައިވެރިޔާގެ ގާތުން މާފަށް އެދުމުގެ ވާހަކައެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން