ޝަޢުބާން މަހާ ބައްދަލުވުމުން ވީހާ ގިނައިން ރޯދަހިފަން ޖެހެނީ ކީއްވެގެންކަން އެނގޭ ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
ޝަޢުބާން މަހާ ބައްދަލުވުމުން ވީހާ ގިނައިން ރޯދަހިފަން ޖެހެނީ ކީއްވެގެންކަން އެނގޭ ހެއްޔެވެ؟

ރޯދަހިފުމަކީ ﷲ ތަޢާލާ އާއި އެންމެ ބޮޑަށް ކުއްތަންވެވެން އޮތް އެއް މަގެވެ. އެންމެ ބޮޑަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން ކުރެވެން އޮތް ޢަމަލެވެ. ހިފާ ކޮންމެ ރޯދައަކީ އެމީހަކު ނަރަކައާއި 70 އަހަރުގެ ރާސްތާއަށް ދުރުކޮށްދެއްވަވާ ކަމެކެވެ. އަދި ސުވަރުގޭގައި ރޯދަވެރިންނަށް ޚާއްޞަ ދޮރުކޮޅެއްވުމަކީ ރޯދައިގެ މަތިވެރިކަން އެނގިގެންދާ އެއް ސަބަބެވެ.

ދެވަނަ ބަލައިލަންވީ ރަސޫލް ﷺ އެންމެ ގިނައިން ރޯދަހިއްޕެވި މަހަކީ ޝަޢްބާން މަސްކަމުގައި ހެއްދެވި ސަބަބަށެވެ. އެކަމުގެ ޙިކުމަތަށެވެ.

އަހުރެންނަށް ވިސްނޭގޮތުން އެކަމުގެ ޙިކުމަތަކީ ރަމަޟާން މަސް އަންނަންވާއިރަށް ވީހައި ބޮޑަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯއްދެވުމެވެ. ވީހައި ބޮޑަކަށް ﷲ ތަޢާލާ އާއި ކުއްތަންވެވަޑައިގަތުމެވެ. އެއީ ރަމަޟާން މަހުގެ ފައިދާ އެންމެ ބޮޑަށް ލިބިވަޑައިގަތުމަށް އެދިވަޑައިގަންނަވާތީއެވެ. މިވާހަކަތައް އަހުރެން މިބުނީ ޙަދީޘްފުޅުތަކުގައި ބަޔާން ކުރައްވަވާފައިވާ ކަންކަމުގެ އިތުރުންނެވެ.

މީސްތަކުންނޭވެ! އަހަރެމެންނަށްވެސް އޮތީ ހަމަ މިމަގުން ކުރިއަށްދާން ގަދައަޅައި މަސައްކަތްކުރުމެވެ. އަހަރެމެންވެސް ޙާޞިލްކުރަން މިއުޅެނީ ހަމަ އެއް ކަމެކެވެ. ﷲ ތަޢަލާ ރުހިވޮޑިގަންނަވާ އަޅެއްގެ ގޮތުގައި ރަމަޟާން މަހާއި ބައްދަލުކުރުމެވެ. ރަމަޟާން މަހުގެ ފައިދާ ވީހާ ބޮޑަށް ލިބިގަތުމެވެ.

އަދިވެސް ވިސްނައިލާށެވެ! ޞަޙާބީންވެސް ރަމަޟާން މަސް ފިޔަވައި އެންމެ ގިނަ ވަގުތު ޤުރްއާނާއިއެކު ހޭދަކުރައްވަވާފައިވަނީ ޝަޢްބާން މަހުގައެވެ. އެއީ ރަމަޟާންމަހަށް ތައްޔާރުވެވަޑައިގަތުމުގެ ގޮތުންނެވެ. އެބޭކަލުންގެ ހިތްޕުޅުގައި ދުނިޔޭގެ ކަންކަމަށް ސަމާލުކަމެއް ނެތެވެ. ހުރިހާ ސަމާލުކަމެއްވެސް ދެއްވަވާފައިވަނީ އާޚިރަތަށެވެ. އާޚިރަތް ބާއްޖަވެރި ކުރެއްވުމަށެވެ.

-- ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ދީފައިވާ ދަރުސަކުން

މިއަދު އޮންލައިން