ބޭނުންވާ ކޮންމެކަމަކަށް އެދި ދުޢާ ނުކުރިނަމަވެސް މިދުޢާ ކުރުންމަތީގަ ހުންނަ މީހާ އެދޭ ކަންކަން ހިންމަވައިދެއްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 24ސ
ބޭނުންވާ ކޮންމެކަމަކަށް އެދި ދުޢާ ނުކުރިނަމަވެސް މިދުޢާ ކުރުންމަތީގަ ހުންނަ މީހާ އެދޭ ކަންކަން ހިންމަވައިދެއްވަވާނެ! އިން ޝާ ﷲ

ބައެއް މީހުން ވަރަށް ގިނައިން ސުވާލު ކުރެއެވެ. އެވެނި މިވެނި ކަމެއް ތިމާ ބޭނުންވެއެވެ. މިކަމަށް އެދި ކުރަން އެންމެ ރަނގަޅު ދުޢާއަކީ ކޮބައިހެއްޔެވެ؟ އެކަމަށް ދުޢާއެއް ބުނެދީބަލާށެވެ! ވަކި ޚާއްޞަ ދުޢާއެއް އެނގިފައި ނެތްކަމަށް ބުނެފި ނަމަ ބައެއް މީހުން ރުޅިވެސް އައުދެއެވެ.

ވަރަށް ގިނަ ކަންކަމަށް އެދި ކުރަންވީ ދުޢާތައް ކީރިތި ޤްރްއާނުންނާއި ރަސޫލް (ޞޢވ)ގެ ސުންނަތުން އެނގެން އެބަހުއްޓެވެ. ނަމަވެސް "ތިމަންނަ މިއުޅެނީ އިންޓަރވިޔުއަކަށް ދާށޭ. އިންޓަރވިޔުން ފާސްވުމަށް ކުރަން ރަނގަޅު ދުޢާއެއް ދީބަލާށޭ. ތިމަންނައަށް މިއުޅެނީ އެއާލައިނަކުން ޓިކެޓެއް ނުލިބިގެންނޭ. އެކަމަށް ޚާއްޞަ ދުޢާއެއް ދީބަލާށޭ" ބުނެފި ނަމަ ދޭނެ ވަކިން ޚާއްޞަ ދުޢާއެއް ނެތިދާނެއެވެ. ނަމަވެސް ތިމާ އެދޭ ކަންކަން ހިންމަވައިދެއްވެވުން އެދި ކުރާނެ ދުޢާ އެބަހުއްޓެވެ. އެފަދަ ދުޢާއެއް ކުރެވިދާނެއެވެ.

އިބްން ޢައްބާސް ވިދާޅުވެފައިވެއެވެ. "މިދުޢާ ނޫނީ ދުޢާ ކުރި ކޮންމެ ބޭނުމެއް ފުއްދަވައި ދެއްވަވާ ދުޢާއެއް އެނގިފައެއް ނެތެވެ!" ވީމާ އެދުޢާގެ ތަފްޞީލަށް ބަލައިލަމާ ހިނގާށެވެ!

އިބްން ޢައްބާސް ވިދާޅުވެފައިވާ ގޮތުގައި ކޮންމެ ފަދަ މުޞީބާތެއް ކުރިމަތިވި ނަމަވެސް އަދި ކޮންމެ ކަމަކަށް ބޭނުންވި ނަމަވެސް ބަލިމަޑުކަމަކުން ސަލާމަރްވުމަށް ވެސް ކުރަން އޮތް އެންމެ ރަނގަޅު ދުޢާއަކީ ތިމާގެ ފާފަތައް ފުއްސަވައި ދެއްވެވުން އެދި ކުރަން ހުރި ދުޢާތަކެވެ. ފާފަތައް ފުއްސަވައި ދެއްވެވެން އެދި ދުޢާ ކުރުމުން ހުރިހާ ބޭނުންތަކެއް ފުދިގެންދާނެއެވެ.

"ޔާ ﷲ! މިއަޅާގެ ފާތައް ފުއްސަވައި ދެއްވަވާންދޭވެ! މިއަޅާގެ ތައުބާ ޤަބޫލުފުޅު ކުރައްވަވާނދޭވެ!"

ފާފަ ފުއްސަވައިދެއްވެވުން އެދި ދުޢާކުރަން މިވަރުންވެސް ފުދޭނެއެވެ.

އެއްވެސް މީހެއްގެ ފާފަތައް ﷲ ތަޢާލާ ފުއްސަވައި ދެއްވަވައިފިނަމަ އުޑުން ވާރޭ ވެއްސަވާ ފަދައިން އެމީހަކަށް ރަހްމަތްފުޅުތައް ލިބެންފަށާނެއެވެ. އެއިރުން އެމީހަކަށް މީސްތަކުންގެ ލޯބިވެސް ލިބޭނެއެވެ. އަތްމަތިވެސް ތިޔާގިވާނެއެވެ. އެދޭ ކަންކަން ހިންމަވައި ދެއްވަވާނެއެވެ.

ކޮންމެ ކަމަކަށް އެދި ދުޢާ ކުރުމުގެ ކުރިންވެސް ތިމާގެ ފާފަތައް ފުއްސަވައިދެއްވެވުން އެދި ދުޢާކުރަންވާނެއެވެ. އެހެނީ ކުރިންވެސް ބަޔާންކުރި ފަދައިން އެންމެ ފުރަތަމަކަމަކީ ތިމާގެ ފާފަތައް ފުއްސަވައި ދެއްވެވުމެވެ.

ވީމާ ކުރާނެ ޚާއްޞަ ދުޢާއެއް ނުލިބިގެން ކަންބޮޑުނުވާށެވެ! މަސައްކަތް ކުރަންވީ ތަޤްވާވެރިކަން އިތުރުރުކުރުމަށެވެ. ﷲ ތަޢާލާ އަނަގަވާފައިވާ ގޮތް މަތީގައި ހުރެގެން ދުވަސްތައް ހޭދަކުރާށެވެ! ދުލުން ބުނާ ބަސްތަކާއި ކުރާ އަމަލުތައް ސީދާ ކުރާށެވެ! އެގޮތުގައި ސާބިތުވެ ހުރެ ބޭނުންވާ ކޮންމެ ކަމަކަށް އެދިވެސް ވީހައި ގިނަގިނައިން ދުޢާކުރާށެވެ! ﷲ ތަޢާލާގެ ވާގިފުޅާއިިއެކު ދާނީ ކަންކަން ކާމިޔާބުވަމުންނެވެ.

ތިމާއަށް ވަކި ކަމަކަށް ބޭނުންވުމުން އެކަމަކަށް އެދި ދުޢާ ކުރަންވީއެވެ! ހަމަ އެމީހަކު ވާހަކަ ދައްކައި އުޅޭ ދޫ ފަސޭހަ ބަހަކުން ދުޢާކުރަންވީއެވެ. ނަމަވެސް ދުޢާ ކުރަންވާނީ ހުއްދަ ކަންކަމަށެވެ. އިސްލާމް ދީނުގައި ހުއްދަ ނޫން ކަމަކަށް އެދި ދުޢާކޮށްގެން ނުވާނެއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން