ބައިވެރިޔާއަށް ބަދަލުތަކެއް އަންނަމުންދާއިރު އަނެކާ ކެތްތެރިވާނަމަ އެހުރީ ގޮތްހުސްވެފައި ކަމަށް ދެކެގެން ނުވާނެ! ދޭޙަމަލާ މާވަރުގަދަވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ބައިވެރިޔާއަށް ބަދަލުތަކެއް އަންނަމުންދާއިރު އަނެކާ ކެތްތެރިވާނަމަ އެހުރީ ގޮތްހުސްވެފައި ކަމަށް ދެކެގެން ނުވާނެ! ދޭޙަމަލާ މާވަރުގަދަވާނެ!

ޒަވާޖީ ހަޔާތަށް ބަލައިފިނަމަ ބައިވެރިޔާ އާއިމެދު ގިނަ ބައަކަށް ސަމާލުކަން ދެވެނީ ބައިވެރިޔާގެ ކިބައިން ނުރަނގަޅު ސިފަތައް ފެންނަނަމައެވެ. އަހުރެން މިބުނަނީ ބައިވެރިޔާ ރުޅިއަތުވެދާނެތީ ނުވަތަ ނުރުހިދާނެތީ ކަންބޮޑުވުމުން ފެށިގެން ބޭވަފާތެރިވުމާއި އަނިޔާވެރިވުމާއި ހަމައަށް ހިމެނޭ ހުރިހާ މައްސަލަތަކެއް ހިމެނޭ ގޮތަށެވެ.

ބައިވެރިޔާގެ ކިބައިން ނުރަނގަޅު ނުވަތަ ކަންބޮޑުވާންޖެހޭ ކަންތައްތަކެއް ނުފެންނަނަމަ ސަމާލުކަން ދެވޭމިންވަރު ކުޑަވެގެންދެއެވެ. ޤަބޫލުކުރެވެނީ ތިމާ ކޮންމެ ގޮތަކަށް ކަންކަން ކުރިނަމަވެސް ބައިވެރިޔާ އަޅައިވެސް ނުލާނެ ކަމަށާއި ފުދިގެން ހުންނާނެ ކަމަށެވެ. ބައިވެރިޔާއަކީ ތިމާއަށް ލިބިފައިވާ ތިމާގެ އަމިއްލަ މިލްކެއް ކަމަށެވެ. 

މިއީ ވަރަށް ނުބައި ވިސްނުމެކެވެ. ބައެއް ބައިވެރިން ބަސްމަދުވެދާނެއެވެ. ކުރާ ކޮންމެ ކަމަކަށް ޝަކުވާނުކޮށްވެސް ތިބެދާނެއެވެ. ބޮލަށް އުނދަގޫ ކުރަމުން ފަހަތުން ނުދުވެވެސްފާނެއެވެ. އެކަމަކު ބުނަންހެއްޔެވެ؟ ކުރާ ކޮންމެ ކަމަކަށް ރުހިގެން ނުވަތަ ފުދިގެން ތިބުމުގެ ދުވަސް މާޒީ އާއިއެކުވެގެން ދިއަތާ ކިތަންމެ ދުވަހެކެވެ. ބައިވެރިޔާއަށް ދޭންޖެހޭ ސަމާލުކަން ނުދޭނަމަ ކުޅިބަލާކަށް ނުތިބޭނެއެވެ. 

ބައެއް ބައިވެރިންނަށް ބަދަލުތައް އަންނަމުންދާއިރުވެސް އޭނާގެ ޙަޤީޤަތް ހޯދަން ކޮނެ ނުހެދުމަކީ ނުވަތަ ސިއްރުން ފޯނު ނުބެލުމަކީ އޭނާގެ ޙަޤީޤަތް އޮޅުންފިލުވަން ބޭނުންނުވާތީ ކަމަށް ދެކެގެން ނުވާނެއެވެ. ބޭނުންވާނެއެވެ. 

އެކަމަށް މަސައްކަތްވެސް ކުރާނެއެވެ. ބަހެއް ނުބުނެ، ޢަމަލުން ކަމެއް ނުދައްކައި ހުންނަނަމަ އެއީ އުޅޭނެހައި ގޮތަކަށް އުޅެން ލައިސަންސް ދިނުމެއް ނޫނެވެ. އަދި އެހެން އެހުންނަނީ ގޮތް ހުސްވެގެނެއްވެސް ނޫނެވެ. ކުރެވޭނެ ކަމެއް ނެތިގެނެއްވެސް ނޫނެވެ. އޭނާ މަޑުން އެހުންނަނީ ފުދިގެންނެވެ. ވަޤުތު ޖެހުމުން ފިޔަވަޅު އަޅަން ތައްޔާރުވެގެންނެވެ. އެގޮތަށް މަޑުން ތިބެފައި ފިޔަވަޅު އެޅުމުން ސަލާމަތެއްވެސް ނުވެވޭނެއެވެ. 

އަހުރެންގެ އިލްތިމާސަކީ ބައިވެރިޔާ މަޑުން ހުންނަނަމަ ދޭ ސަމާލުކަން އިތުރުކުރާށެވެ! އިތުރަށް ފަރުވާތެރިވާށެވެ! ހެޔޮކޮށް ހިތުން އިތުރުކުރާށެވެ! އިންޞާފުވެރި ބަދަލެއް ދިނުމަކީވެސް އެއީ ނޫންހެއްޔެވެ؟ އަހުރެން ބުނާނީ ކާމިޔާބީގެ ތަޅުދަނޑިއަކީ އެއީ ކަމަށެވެ. 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން