ޤިޔާމަތުގެ ވާހަކަ: ފަތް ދެއްވެވުމާ ސުވަރުގެ ވެއްދެވުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 20ސ
ޤިޔާމަތުގެ ވާހަކަ: ފަތް ދެއްވެވުމާ ސުވަރުގެ ވެއްދެވުން

قِيَامة ދުވަހުގައި، އެންމެން ތެދުވެ محشر ބިމަށް حاضر ވެ جَمَع ވުމުން އެއެންމެނެގެ މައްޗަށް ކަޅުވިލާގަނޑެއް ނަގާފައި އަންނަހުށީ، އެންމެންގެ ފަތްތަކެވެ. އެފަތްތައް އައިސް ބައެއްމީހުންގެ ކަނާއަތަށް ބައެއްމީހުންގެ ވައަތަށް ޖެހިދާނެއެވެ. އެއަކީ އެމީހުންގެ اِخْتيَار އަކުން ހިފާހިފުމެއްނޫނެވެ. އެފަތް އައިސް ޖެހުމަކުން ދެން ވީއްލައެއްވެސް ނުލެވޭ ހުއްޓެވެ. މިއީ މިލިޔާ آية ގައިވވާ ފަދައިންނެވެ. وَنُخْرِجُ لَهُ يَوْمَ الْقِيَامَةِ كِتَابًا يَلْقَاهُ مَنشُورًا 

سَلَفُ الصَّالِحُ ގެ ބައެއް ދަންނަބެއިކަލަކު ލިއުއްވި ފޮތެއްގައި ލިއުއްވައިފައި ވަނީ حَوْضُ الْمَوْرُوْدُ ގެ ކައިރިއަށް ދެވެނީ صِرَاط މަގުގައި ދިއުމަށްފަހުގައެވެ. އެކަންހުރީ އެހެންނަކުން ނޫނެވެ. އަދި ކިއެއްތަ އެއީ ވެސް صِراط މަގުގައިވާ ތަނެކެވެ. އަދި އެމަގުމަތީގައި ހަތްފާލަމެއްވެސް ވެއެވެ. މީސްތަކުން ހަލާކުވެ ނަރަކައަށްވެއްޓެނީ އެތަންތަނުންނެވެ. އެތަންތާނގައި މިސްތަކުންނާއި އެކިއެކި ކަންކަމާއި މެދުގައި سُؤَال ތައް ވެވޭހުއްޓެވެ. އެ سؤال ވެވެނީ އީމާންކަމުގެ ހަރުކުނާއި މެދުގައްޔާއި فرض ފަސްނަމާދާއި މެދުގައި ކަމަށްވެސް ރިވާވެގެން ވެއެވެ. 

މި أمّة ން حساب އަކާއި ނުލައި ސުވަރުގެ ވަންނާނޭ ހަތްދިހަހާސް މީހުންގެ މައްޗަކަށް ميزان ން ކިރުއްވުމެއް ފަތް ދެއްވުމެއް ނުއޮންހުއްޓެވެ. އެމީހުންނަށް ލިބިފައިވާހުށީ މިފަދަ ފަތެކެވެ. لاَإِلَهَ إِلاَّ اللهُ مُحَمَّدٌ رَّسُوْلُ اللهِ މިއީ، މިވެނިމީހާގެ ދަރި އެވެނި މީހާ ނަރަކައިން ބަރީއަކުރައްވައި، ސުވަރުގެ ވެއްދެވުމުގެ ފަތެވެ. 

مَحْشَر ބިންމަތީގައިވާ މީސްތަކުންކުރެ ކޮންމެ މީހެއްގެ ކަންތައް ނިމި އަބާއްޖަވެރިކަމުން މިންޖުވެ ސުވަރުގެ ވަދެވޭންވުމުން އެމީހާގެ މުލައްދަނޑީގައި مَلاَئِكَة އަކު ހިއްޕަވައި މުޅި محشر ބިންމަތީގައިވާ އެންމެނަށް ފެންނާނޭހެން ދައްކަވައި ގޮވައިލައްވާނެޔޭ މިއީ މިވެނިމީހާގެ ދަރި އެވެނިމީހާއެވެ. މިމީހާގެ ކަންތައް ނިމި ދެން ދުވަހަކު އަބާއްޖަވެރި ނުވާނޭ ބާއްޖަވެރިކަން ލިބުނީ އެވެ. މާތްރަސްކަލާނގެ މިމީހާގެ ފާފަތައް ފުއްސަވައިފިއެވެ، މިވަގުތުގައި އެވާނޭ ކަހަލަ އުފަލެއް ދުވަހަކު އިންސާނަކު ނުވާނެއެވެ. 

محشر ބިންމަތީގައި رَسُولُ ބޭކަލުން ތިއްބަވާހުށީ مِنْبَر ތަކުގެ މަތީގައެވެ. نبى ބޭކަލުންނާއި علم ވެރީން ތިއްބަވާހުށީ އެއަށްވުރެ ކުދި مِنْبَر ގައެވެ. ކޮންމެ رَسُول ބެއިކަލެއްގެ منبر ހުންނަހުށި އެބެއިކަލެއްގެ މިންވަރާއި އެކަށޭނަ ގޮތަކަށެވެ. عِلْمُ ން عَمَل ކުރެއްވި ބޮޑެތި ދަންނަބޭކަލުން ތިއްބަވާ ހުށީ نور ން ހެއްދެވިފައިވާ ގޮނޑި ގޮނޑީގައެވެ. شَهِيْد ންނާއި صَالِح ންނާއި، قرآن ކިޔަވާ މީހުންނާއި، ބަންގިދޭ މީހުންނާއި ތިބޭހުށީ ގޮމަކަސްތޫރީގެ ފުނިފުނީގެ މަތީގައެވެ. މިއެންމެންގެ شَفَاعَة މީސަތަކުންނަށް ލިބޭހުއްޓެވެ. 

حَدِيث ގައި ރިވާވެގެން ވެޔޭ قيامة ދުވަހުން ކީރިތި قرآن محشر އަށް ފޮނުއްވޭހުށީ މޫނާއި ހެދިހުރި ހަށިގަނޑު ނުހަނު ރީތި މީހެއްގެ ސޫރައިގައެވެ. قرآن ވެސް އެއިގެ أهل ވެރީންނާއި މެދުގައި شَفَاعَة ތެރިވާ ހުއްޓެވެ. 

ހަމަ އެފަދައިން إسلام دين ވެސް އެއިގެ أهل ވެރިންނާއި މެދުގައި شفاعة ތެރިވާ ހުއްޓެވެ. 

- ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން ލިޔުއްވާފައިވާ " اللَّمْعَةُ الظَّاهِرَة- ޤިޔާމަތުގެ ވާހަކަ" ފޮތުން

 

މިއަދު އޮންލައިން