ޢުމުރުން ދުވަސްވާވަރަކަށް ޢަމަލުތައް އިޞްލާޙް ނުކުރެވޭ މީހާއަށް އެހުރެވެނީ ނަރަކައަށް ވަންނަން ތައްޔާރުވެގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 29ސ
ޢުމުރުން ދުވަސްވާވަރަކަށް ޢަމަލުތައް އިޞްލާޙް ނުކުރެވޭ މީހާއަށް އެހުރެވެނީ ނަރަކައަށް ވަންނަން ތައްޔާރުވެގެން!

ޢުމުރުން ދުވަސްވަންދެން ދުނިޔޭގައި ލަހައްޓަވައިފިނަމަ އެކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭންވާނެއެވެ. ﷲ ތަޢާލާއަށް ޝުކުރުވެރިވާންވާނެއެވެ. ނަމަވެސް ބައެއް މީޙުންނަށް އުމުރުން ގިނަދުވަސްވުމުންވެސް އެކަން ޤަބޫލެއް ނުކުރެވެއެވެ. ޢުމުރުން ދުވަސްވެއްޖެކަން އިޙްޞާޞެއް ނުކުރެވެއެވެ. ޢަމަލުތައް އިޞްލާޙެއް ނުކުރެވެއެވެ. ނަތީޖާއަކަށްވަނީ ފާފަތައް ކުރުންމަތީގައި ދެމިހުރެވުމެވެ. 

މިބުނާ ވާހަކައަކީ ޢުމުރުން ދުވަސްނުވާނަމަ ފާފަކުރަން ހުއްދަވާ ވާހަކައެއް ނޫނެވެ. ހުރިހާ ޢުމުރެއްގައިވެސް އުޅެން އޮތީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށެވެ. މިބުނާ ވާހަކައަކީ ޢުމުރުން ދުވަސްވާވަރަކަށް ޢަމަލުތައް އިތުރަށް އިޞްލާޙްކުރަންޖެހޭނެ ވާހަކައެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން އިތުރަށް މަސައްކަތްކުރަންޖެހޭނެ ވާހަކައެވެ. އެކަންކަމަށް މަސައްކަތްނުކުރެވޭނަމަ، ފާފަކުރަމުން ގެންދާނަމަ އެމީހަކަށް އެހުރެވެނީ ނަރަކައަށް ވަންނަން ތައްޔާރުވެގެންކަން ޤަބޫލުކުރަންޖެހޭނެއެވެ.   

ތިރީގައި އެވަނީ ހަމަ ކޮންމެ މީހަކުވެސް އިތުރަށް ވިސްނައިލުން ވަރަށް މުހިންމު ލިޔުމެކެވެ.  

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. 

އޭ ކެހިވެރި އުންމީދުތަކުން ފުރިފައިވާ މީހާއެވެ! 

އިބިލީހަށް ލަޢުނަތް ލެއްވުނީ އަދި ޢިއްޒަތުގެ މަންޒިލުން ބޭރުކުރެވުނީ އެންމެ ސަޖިދައެއް ކުރުމަށް އަމުރުވެވުމުން، އެކަން ދޫކޮށްލީމައެވެ.

އާދަމުގެފާނު ސުވަރުގެއިން ނެރުއްވުނީ (ނަހީކުރައްވާފައިވާ) ގަހުން   ފަރިއްކުޅުވުމުންނެވެ.

މީހަކު މަރާ މީހާ ސުވަރުގެއާ ދުރުކުރެވެނީ އޭނާ އޮހޮރާލި ލޭ ފޮދެއްގެ ސަބަބުންނެވެ.

– (މީހަކާ އިނުމަށް ފަހު) ޒިނޭކުރާ މީހާ ނުބައި މަރަކުން މަރާލުމަށް އަމުރުކުރެވިފައިވަނީ ޙަރާމްގޮތެއްގައި ހޯދި ކުޑަ އުފަލަކުންނެވެ.

އަދި ޤަޛުފުގެ ކަލިމަ ބުނުމުން ނުވަތަ ރާ ފޮދެއް ބުއިމުން ބުރަކަށީގައި (ޙައްދުގެ ގޮތުގައި) އެތިފަހަރުތަކެއް ޖެހުމަށް އަމުރުވެވިގެންވެއެވެ.

އެންމެ ތިން ދިރުހަމުގެ މިންވަރަކުން ވައްކަން ކުރުމުންވެސް އެމީހާގެ ގުނަވަނެއް (އެބަހީ: އަތް) ކަނޑައެވެ. 

އެހެންކަމުން ތިބާ ކުރާ ހަމަ އެންމެ ފާފައެއްގެ ސަބަބުންވެސް ނަރަކައިގައި އޮންނަން ޖެހިދާނެތީ އެކަމާ ބިރުވެތިވާށެވެ. 

ތަޢާލާ ވަޙީކުރެއްވިއެވެ.

إِذِ انبَعَثَ أَشْقَاهَا ﴿١٢﴾‏ فَقَالَ لَهُمْ رَسُولُ اللَّهِ نَاقَةَ اللَّهِ وَسُقْيَاهَا ﴿١٣﴾‏ فَكَذَّبُوهُ فَعَقَرُوهَا فَدَمْدَمَ عَلَيْهِمْ رَبُّهُم بِذَنبِهِمْ فَسَوَّاهَا ﴿١٤﴾‏ وَلَا يَخَافُ عُقْبَاهَا ﴿١٥﴾‏ [سورة الشمس] 

މާނައީ: "އެއުރެންކުރެ އެންމެ އަބާއްޖަވެރިމީހާ (ޖަމަލު މެރުމަށް) އަވަސްވެގަތްހިނދު ހަނދުމަކުރައްވާށެވެ. (12) ފަހެ، އެއުރެންނަށް ﷲގެ ރަސޫލާ (އެބަހީ: ޞާލިޙުގެފާނު) ވިދާޅުވިއެވެ. ﷲ ގެ ޖަމަލަށާއި، އޭގެ ބުއިމަށް ރައްކާތެރިވާށެވެ! (13) ފަހެ، އެއުރެން އެކަލޭގެފާނުގެ ބަސްފުޅު ދޮގުކުރިއެވެ. ދެން އެއުރެން އެ ޖަމަލު މަރައިލިއެވެ. ފަހެ، އެއުރެންގެ ފާފައިގެ ސަބަބުން އެއުރެންގެ ރައްބު، އެއުރެންގެ މައްޗަށް ޢަޛާބު ފޮނުއްވިއެވެ. އަދި އެއުރެން އެންމެން، އެ ޢަޛާބުގައި ހަމަހަމަ ކުރެއްވިއެވެ. (14) އަދި ޢަޛާބުގެ ނަތީޖާއާމެދު، އޭނާ (އެބަހީ: އެ ޖަމަލު މެރި މީހާ) ބިރުވެތިއެއް ނުވެއެވެ. (15)" 

ބުޅަލެއްގެ ސަބަބުން (އެބަހީ: އެމަރުވަންދެން އެއަށް ކާން ނުދީ ބަންދުކުރުމުން) އަންހެނަކު ނަރަކައަށް ވެއްދުނެވެ.

އެއްވެސް ފަރުވާލެއް ނެތި މީހަކު ބުނާ ބަހެއްގެ ސަބަބުން، އިރާއި ހުޅަނގާ ދެމެދުގައިވާ ދުރުމިނަށް ނަރަކައިގައި އެމީހަކު އެއްލާލެވެއެވެ.

ފަސްދޮޅަސް އަހަރުވަންދެން ﷲ އަށް ކިޔަމަންގަތުމުގައި ހޭދަކުރާ މީހާ، މަރުގެ ތަންމަތީގައި ވަޞިއްޔަތްކުރުމުގައި ޢަދުލުވެރި ނުވުމުން، ނުބައި ނިމުމަކުން ނިމި، ނަރަކައަށް ވަދެއެވެ.  

ޢުމުރުގެ ނަތީޖާ ބިނާވަނީ އެންމެ ފަހުން އުޅޭ ގޮތެއްގެ މައްޗަށެވެ. ޢަމަލުތުގެ ނަތީޖާ ބިނާވަނީ އޭގެ ނިމުމަށެވެ.

ނަމާދު ނިމުމުގެ ކުރިން ވުޟޫ ގެއްލިއްޖެނަމަ ނަމާދު ބާޠިލުވެއެވެ.

އިރުއޮއްސުމުގެ ކުރިން ރޯދަ ވީއްލައިފިނަމަ އެ ރޯދަ ގެއްލެނިވެއެވެ. 

ޢުމުރުގެ ފަހުކޮޅުގައި ނުބައިކޮށް އުޅެއްޖެއްޔާ އޭނާގެ ރައްބާ ބައްދަލުކުރާނީ އެ މޫނާއިގެންނެވެ.

- ޝައިޚް އިމްރާން މުޙައްމަދު ޢަލީ

___________________

މަޞްދަރު: الفوائد لابن القيم (ص: 87 – 88).

 

މިއަދު އޮންލައިން