އިންސާނާ އެންމެ ލޯބިވާނީ އޭނާގެ ހަށިގަނޑުގައިވާ ގުނަވަންތައް ދެކެއެވެ. ދުލާއި ލޮލާއި އަނގައާއި ކަންފަތާއި އަތާއި ފަޔާއި މިހެންގޮސް ހުރިހާ ގުނަވަންތައް ދެކެއެވެ. އެހެންކަމާއިއެކުވެސް ފާފަކުރެވެނީ އެގުނަވަންތައް ބޭނުންކޮށްގެންނެވެ.
ފާފަކުރާއިރު އެގުނަވަންތައް އެކަން ނުހުއްޓުވަނީ އެއިރު އޭނާގެ އިޚްތިޔާރުގެދަށުގައި އެގުނަވަންތައް ލައްވަވާފައިވާތީއެވެ. ފާފަކުރުން ހުއްޓުވުމުގެ ބާރު ގުނަވަންތަކަށް ލިބިގެންނުވާތީއެވެ. ފާފަކުރާއިއރު އެގުނަވަންތައް އެކަމަށް ހިތާމަކުރެއެވެ. ޤިޔާމަތް ދުވަހު މީސްތަކުންގެ ދޫ ބަންދުކުރައްވަވާފައި އެގުނަވަންތަކަށް އިޚްތިޔާރު ދެއްވެވުމުން ގުނަވަންތައް، ގުނަވަންތަކުން ކުރި ފާފަތައް ކިޔައިދެނީ އެސަބަބަށްޓަކައެވެ. ﷲ ތަޢާލާގެ ޙަޟްރަތަށް އިންތިހާއަށް ބިރުވެތިވާ ހާލުގައެވެ.
ގުނަވަންތައް، އެގުނަވަންތައް ބޭނުންކޮށްގެން އެމީހާ ކުރި ފާފަތަކުގެ ވާހަކަ އަކުރުން އަކުރަށް ﷲ ތަޢާލާގެ ޙަޟްރަތުގައި ދެންނެވުމުން އޭނާ އެދުވަހު ކުށްވެރިކުރާނީ ގުނަވަންތަކެވެ. ވީމާ ވިސްނާލާފައި ނިކަން ބުނެބަލާށެވެ! ބިރެއް ޖެހިލުމެއް ނެތި ތިބާ މިއަދު ފާފަތަކަށް އަރައިގަންނަމުން ތިއަދަނީ ތިބާގެ ގުނަވަންތައް އެފާފަތަކަށް އަރައިގަންނަން ބޭނުންވެގެން ތިބާއަށް އުނދަގޫކުރާތީ ހެއްޔެވެ؟ ވައްކަން ކުރަނީ އަތް އެކަމަށް ބާރުއަލާތީހެއްޔެވެ؟ ދޮގުހަދަނީ ދޫ އެކަމަށް ބޭނުންވާތީހެއްޔެވެ؟ މިހެން ކުރަމުން ގޮސް މައްސަލަ ޖެހޭ ސުވާލެއްވެސް އޮވެއެވެ. އެއީ ޒިނޭކުރަނީ ގުނަވަން އެކަމަށް ބޭނުންވާތީހެއްޔެވެ؟
މިސުވާލުކުރުމުން ބައެއް މީހުން ވަރަށް ފަސޭހައިން ޢާނއެކެވެ ބުނެއެވެ. އެއީވެސް ހެދޭ ބޮޑު ބޮޑު ދޮގެކެވެ. ތިބާ އެކަމަށް ބޭނުންވެ ހިތާއި ސިކުނޑިން އެކަމުގެ ސިގްނަލް ގުނަވަނަށް ނުދޭނަމަ ގުނަވަނަށް އެއްވެސް އަސަރެއް ނުކުރާނެއެވެ. ގޮތްގޮތްވަނީ ހިތާއި ސިކުނޑިން ގުނަވަނަށް ސިގްނަލްތައް ދޭތީއެވެ. ވީއިރު ކުށްވެރިއަކީ ތިބާ ހެއްޔެވެ؟ ފާފަކުރަން ބޭނުންކުރާ ގުނަވަން ހެއްޔެވެ؟
ފާފަކުރެވޭ މީހުން މިކަންކަމަށް ވިސްނައިފިނަމަ ބިރުވެތިވެވި ފާފައެއް ނުކުރަން އެމީހަކަށް ކުރެވުނުގައި މަސައްކަތްތަކެއް ކުރާނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން