ހެޔޮއަގުގަ މުދައު ވިއްކައިގެންވެސް ވިޔަފާރިން ލިބޭ ނަފާ އިތުރުކުރަން ކުރެވިދާނެ 5 ކަމެއް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 25ސ
ހެޔޮއަގުގަ މުދައު ވިއްކައިގެންވެސް ވިޔަފާރިން ލިބޭ ނަފާ އިތުރުކުރަން ކުރެވިދާނެ 5 ކަމެއް-

ޢާންމު ގޮތެއްގައި ވިޔަފާރިކުރަނީ ތަނަވަސްކަން ހުންނަ މީހުންނެވެ. ނަމަވެސް އެމީހުންގެ ހިތެއް ނުފުރެއެވެ. ކިތަންމެ ހަނިތެރެއަކުން ފުރުޞަތެއް ލިބުނަސް މުދަލުގެ އަގު ބޮޑުކޮށްލައެވެ. ބައެއް ވިޔަފަރިވެރިންނަށް ޤަބޫލުކުރެވިފައި އޮންނަނީ ވިޔަފާރިން ލިބޭ ނަފާ ނުވަތަ ފައިދާ އިތުރުކުރެވޭނީ މުދައި ބޮޑުއަގުގައި ވިއްކުމުން ކަމަށެވެ. އެހެންވެ ބާޒާރުގައި މުދަލެއް މަދުވެލައިފިނަމަ އަގުތައް އުފުލައެވެ. ބޮޑުކުރެއެވެ. 

ހެޔޮ އަގުގައި ތަކެތި ވިއްކާނަމަ ވިޔަފާރިކުރަން ގިނަމީހުން އަންނާނެކަމާއި ގިނަ މުދައު ވިކުމުން ލިބޭ އާމްދަނީ އިތުރުވާނެ ކަމަކަށް ނުބަލައެވެ. އަދި މުދައު އަގުބޮޑުކުރީމާ ނުގަނެވޭނެ ފަޤީރުން ތިބޭނެކަން އެނގޭކަށްވެސް ބޭނުމެއް ނުވެއެވެ. ފަޤީރުންނަށްވެސް ގަނެވޭނެ އގުގައި ތަކެތި ވިއްކާނަމަ ﷲ ބަރަކާތް ލައްވަވާނެކަމާއިމެދު ވިސްނައިލަންވެސް ބޭނުމެއް ނުވެއެވެ. 

ހަމަ އެއާއިއެކު ޖެހިގެންހުންނަ ނުވަތަ ކައިރީ ފިހާރަތަކުން ގިނަމީހުން ވިޔަފާރިކުރާނަމަ ޙަސަދަވެރިވެސް ވެއެވެ. އެހެންކަމުން ތިރީގައިވާ ލިޔުން ވިދާޅުވެލެއްވުމުން މުދަލުގެ އަގު ބޮޑުނުކޮށްވެސް އެހެން ފިހާރަތަކަށް ޙަސަދަނުލައިވެސް ވިޔަފާރިން ލިބޭ ނަފާއިތުރުކުރެވޭނެ ގޮތްތައް އެނގިލައްވާނެއެވެ! ތަޖުރިބާކޮށްލަމާ! 

ވިޔަފާރީގެ ފައިދާ އިތުރުކުރެވޭނެ 5 ކަމެއް! 

އަހަރެން ދިރިއުޅެނީ އިނގިރޭސިވިލާތުގެ ލެސިސްޓަރ ސިޓީގައެވެ. އެއް ދުވަހަކު ފިހާރައަކަށް ނާނެއް ގަންނަން ދިއައިމެވެ. ގޮސް ފައިސާ ދިނުމުންވެސް ސޭޓު އަޅައެއް ނުލައެވެ. ކުނި މޫނު ދައްކައިގެން އިންނަނީ އެވެ. 

އެކަމާއިމެދު ހިތްހަމަނުޖެހުމުން ސޭޓަށް ބުނީމެވެ. "ސޭޓު ކޮންމެވެސް ކަމަކާއި ހިތްހަމަ ނުޖެހި ކަންބޮޑުވެފައި އިންހެން ވަރަށް ހީވެއެވެ." ޖަވާބުގައި ސޭޓު ބުނީ ކަންބޮޑުވެފައި އިނީ ކައިރީ ފިހާރަތަކަށް ބައިވަރު ކަސްޓަމަރުން ދާއިރުވެސް އެފިހާރައަށް ކަސްޓަމަރުން ނުލިބޭތީ ކަމަށެވެ. ވިޔަފާރި ނުވި ނަމަވެސް ގެންގުޅޭ މުވައްޒިފުންނަށް މުސާރަ ދޭންޖެހޭނެތީ ކަމަށެވެ. 

އަހަރެން ބުނީމެވެ. "ސޭޓާއެވެ. ވިޔަފާރި ރަނގަޅުވާނެ 5 ކަމެއް އަހަރެން ބުނެދީފާނަމެވެ. އަޅެ ނިކަން ތަޖުރިބާ ކޮށްލަބަލާށެވެ! 

ފުރަތަމަ ކަމަކީ ފިހާރަ ހުޅުވުމުގެ ކުރިން ފަތިސް ނަމާދުކުރުމެވެ.

 ދެވަނަ ކަމަކީ ދޮރުހުޅުވަމުން ބިސްމިﷲ ކިޔުމެވެ.

 3 ވަނަ ކަމަކީ ފިހާރަ ހުޅުވައި ގޮނޑީގައި އިށީނުމަށްފަހު ﷲ ތަޢާލާއަށް ޙަމްދުކުރުން ގިނަކުރުމާއިއެކު ރަސޫލް ()އަށް ޞަލަވާތް ކިޔެވުމެވެ.

 4 ވަނަ ކަމަކީ ކަސްޓަމަރުން ވަނުމުން ހިނިތުންވެލައި މުޢާމަލާތު ކުރުމެވެ.

 5 ވަނަ ކަމަކީ ކައިރީގައި ހުރި އެހެން ފިހާރަތަކަށް ހަސަދަވެރިވުމުގެ ބަދަލުގައި އެ ފިހާރަތަކުގެ ވިޔަފާރިވެސް ރަނގަޅުވޭތޯ ދުޢާ ކުރުމެވެ." 

އެއީ އަހަރެން ޗުއްޓީއެއްގައި ފުރަން އޮތް ދުވަހެކެވެ. އަހަރެން މިވާހަކަތައް ބުނެފައި ގެއަށް ގޮސް ފުރައިގެން ދިއައީއެވެ. މަހެއްހައި ދުވަސް ފަހުން އެނބުރި އައިސް އެ ފިހާރައަށް ދިއައިރު ކަސްޓަމަރުން ގިނަވެ ފިހާރަ އޮތީ ފުރިފައެވެ. އަހަރެން ހަމަ ފެނުމާއިއެކު ސޭޓު ބުނީ އަހަރެންގެ ބަސް ޤަބޫލުކުރުމުގެ ނަތީޖާ ފެނިއްޖެ ކަމަށާއި ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ. 

އަހަރެން ބުނީމެވެ. "މަރްޙަބާއެވެ! ޝުކުރު އަދާކުރަންޖެހޭނީ ﷲ ތަޢާލާއަށެވެ. ވިޔަފާރި އަދިވެސް އިތުރަށް ރަނގަޅުކުރަން ބޭނުންނަމަ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އަމަލުތައް ކުރެވޭތޯ ބަލާށެވެ! ތިމާއަށް ދެއްވަވާ ނިޢްމަތްތަކަށް ޝުކުރުވެރިވުމާއިއެކު އެހެން މީހުންނަށް ދެއްވަވާ ނިޢްމަތްތަކަށް ޙަސަދަވެރި ނުވާށެވެ."

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން