ގިނަ ބައެއްގެ ކިބައިން އަޑުއިވޭ ސުވާލެކެވެ! "ބައިވެރިޔާއާއިމެދު އަހުރެން ކަންކަން ކުރަނީ ކުރެވެން އޮތް އެންމެ ރަނގަޅަކަށެވެ. އެކަމަކު ކުއްލިއަކަށް ބައިވެރިޔާ ބަދަލުވެއްޖެއެވެ. މިހާރު އަހުރެން ދެކެ ލޯތްބެއް ނުވެއެވެ. ކައިވެނި ރޫޅުން އޮތީ ދާދި ގާތުގައެވެ. މިހެން މިވަނީ ކީއްވެގެން ހެއްޔެވެ؟"
އެކަން އެގޮތަށް މެދުވެރިވާ ސަބަބަކީ ހިތްތަކުގައި ކަންކަމަށްވެސް އަދި އަނެކާއަށްވެސް ލޯބި ލައްވަވަނީ ﷲ ތަޢާލާއެވެ. އަދި ލޯބި ލެއްވެވުމަށްފަހު ގެންދަވަނީވެސް ﷲ ތަޢާލާއެވެ. ގެންދެވީ ކޮން ސަބަބަކާއިހުރެކަމެއް ނުއެނގޭނެއެވެ. ތިމާ ރަނގަޅު ގޮތުގައި ހުއްޓައި އެފަދަ ގޮތެއް މެދުވެރިކުރައްވަވައިފިނަމަ އެއިގެ މާނައަކީ އެކަން މެދުވެރިކުރެއްވެވީ ތިމާއަށް ރަނގަޅަކަށް ކަމުގައި ޔަޤީންކުރާށެވެ.
މީގެ އިތުރުން ބުނެލަން ބޭނުންވަނީ ބައިވެރިޔާގެ ހިތުގައި ތިމާގެ މައްޗަށް ލޯބި ލެއްވެވުން އެދިގެންނާއި އަދި އެކަން ދަމަހައްޓަވައި ދެއްވެވުން އެދިގެން އަބަދުވެސް ދުޢާކުރަންވާނެއެވެ. މިއީ ދެމަފިރިންވެސް އަބަދުވެސް ކުރަންޖެހޭނެ ދުޢާއެކެވެ. މިފަދައިން ދުޢާކޮށް ދުޢާ އާއި އެއްގޮތަށް ޢަމަލުތައް ސީދާކުރާނަމަ އެކަން އެމީހަކު އެދޭފަދައިން ހިންމަވައި ދެއްވަވާނެއެވެ. އިން ޝާ ﷲ
ދެމަފިރިން އެކުގައި ރޭއަޅުކަންކުރުމާއި ދުޢާކުރުން މުހިންމުވަނީވެސް މިފަދަ އެތައް ސަބަބުތަކަކަށްޓަކައެވެ. މިޘާލަކަށް "ތިމަންމެން ދެމަފިރިން މިތިބީ އިނބަ ﷲ އަންގަވާފައިވާ ފަދައިން އިނބަ ﷲ އަށް އަޅުކަންކުރުންމަތީގައި ކަމާއި އިނބަ ﷲ ގެ ރުހިވޮޑިގަތުން ލިބިގަތުމަށްޓަކައި ދެމަފިރިން މިތިބީ އެކަކު އަނެކަކަށް ތެދުވެރި، ވަފާތެރިންގެ ގޮތުގައިކަން" ޢަމަަލުތަކުން ދައްކާށެވެ! ދެމަފިރިން ކުރާ ދުޢާވެސް ޢިޖާބަކުރައްވަވާނެތެވެ. ދެދުނިޔޭގައިވެސް އުފާވެރިކަން ދެއްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން