އާޚިރަތް ދުވަހަށް އީމާންވުމަކީ ކޮބާކަން ގިނަ ބައަކަށް މިއަދު މިވަނީ އޮޅިފަ! ނުވެސް ވިސްނޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 54ސ
އާޚިރަތް ދުވަހަށް އީމާންވުމަކީ ކޮބާކަން ގިނަ ބައަކަށް މިއަދު މިވަނީ އޮޅިފަ! ނުވެސް ވިސްނޭ!

އެންމެ ފުރަތަމަ ކަމަކަށް އާޚިރަތް ދުވަހުގެ ދިގުމިނަށް ވިސްނައިލާށެވެ! އެއީ 50،000 އަހަރުގެ އެންމެ ދުވަހެކެވެ. ދުނިޔޭގައި އުޅުނު އެންމެން އެއްވެސް ފޭރާމެއް ނެތި ތިބޭއިރު އެއްވެސް މީހަކަށް ބަލައިލަންވެސް ހިތަކަށް ނާރާނެއެވެ. ގަނެފައި ހުންނަ ބިރެއްގެ ބޮޑުކަމުންނެވެ. ތިމާގެ ޙިސާބު ބެއްލެވުމުން ވާނެ ގޮތް ނުވެސް އެނގޭތީއެވެ.

އާޚިރަތް ދުވަހަށް އީމާންވުމަކީ ކޮބައިކަން ގިނަ ބައަކަށް މިހާރުވަނީ އޮޅިފައެވެ. ޤަބޫލުކުރެވެނީ އާޚިރަތް ދުވަހަށް އީމާންވުމަކީ އެދުވަސް އަންނާނެކަން ޤަބޫލުކުރުން އެކަނި ކަމަށެވެ. ނަމަވެސް އެއީ އެވަރުން ފުދެން އޮތްކަމެއް ނޫނެވެ.

ހަމައެކަނި ﷲ ގެ އެއްކައުވަންތަކަމަށް ހެކިވުމަކުން ނުފުދޭނެއެވެ. ޢާޚިރަތަށް އީމާންވެ ތައްޔާރުވާން ޖެހޭނެއެވެ. ފުރިހަމަ މުސްލިމަކަށް ވެވޭނީ އާޚިރަތް ދުވަސް އަންނާނެކަން ޤަބޫލުކޮށް އެދުވަހަށާއި ﷲ ތަޢާލާ ބާވައިލެއްވެވި ފޮތްތަކަށް އީމާންވެގެންނެވެ.

އަހަރެމެން މަރުވުމުން ދުނިޔޭގައި ތިބެ ކުޅަ އަމަލުތައް އަހަރެމެންނާއި ބައްދަލުކުރާނެއެވެ. ހެޔޮ އަމަލު ކުރުމުގައި އުމުރު ހޭދަކޮށްފި މީހަކަށް އޮތީ ސުވަރުގޭގެ ދާއިމީ ނިޢްމަތްތަކެވެ. ހަމަ އެފަދައި ﷲ ތަޢާލާ ނަހީކުރެއްވެވި ކަންކަން ކުރުންމަތީގައި ދެމިހުރެއްޖެ މީހަކަށް ޤިޔާމަތް ދުވަހުން އޮތީ ނަރަކައިގެ ވޭންދެނިވި ޢަޛާބެވެ.

ކޮންމެ މީހަކުވެސް ދުނިޔެއަށް ފޮނުއްވަވަނީ ޢުމުރު ކަނޑައަޅުއްވަވައިފައެވެ. އެއްވެސް މީހަކީ އެމީހަކު އެދޭހައި ދުވަހަކަށް ދުނިޔޭގައި ހުރެވޭނެ މީހެއް ނޫނެނެވެ. ޢާންމު އުމުރަކީ 60 އަހަރާއި 70 ކަމުގައި ވީނަމަވެސް މާ ޒުވާން އިރުގައިވެސް އެތައް ބައަކު މަރުވެއެވެ. ވީމާ އަބަދުވެސް ހުންނަން ޖެހޭނީ މަރުވެދާނެ ކަމަށް ތައްޔާރުވެގެންނެވެ. ހެޔޮ އަމަލުތައް ކުރުންމަތީގައެވެ. ޙަރާމް ކަންތައްތަކާއި ދުރުހެލިވެގެންނެވެ.

އާޚިރަތް ދުވަހަށް އީމާންވުމަކީ ހަމައެކަނި އެދުވަސް އަންނާނެ ކަމަށް ޤަބޫލުކުރާ ކަމަށް ދުލުން ބުނުމެއް ނޫނެވެ. ޤިޔާމަތް ދުވަސް އަންނާނެ ކަމާއި މަޙްޝަރު ކުރެވޭނެ ކަމާއި ހިސާބު ބައްލަވާނެކަމާއި ޙައްޤު ޖަޒާ ދެއްވަވާނެކަން ޤަބޫލުކުރުމަކީ ވެސް ކުރަން ޖެހޭ ކަމެލެވެ. އެކަންކަން ޤަބޫލުކުރުމަކީ ހަޔާތުގެ ދުވަސްތައް ﷲ ތަޢޢާލާ އަންގަވާފައިވާ ގޮތުގައި ހޭދަކުރުމެވެ. އަބަދުވެސް މަރަށް ތައްޔާރުވެ ހެޔޮ އަމަލުތައް ކުރުންމަތީގައި ދެމިހުރުމެވެ.

މިއަދުގެ ޙާލަތަށް ބަލައިފިނަމަ އެންމެންވެސް އާޚިރަތް ދުވަހަށް އީމާންވާކަމަށް ބުނެއެވެ. ނަމަވެސް ޢަމަލުކުރެވެނީ މަދުމީހެކެވެ. އެހެން އެވަނީ ހިތުގެ އަޑީން އާޚިރަތް ދުވަސް ޤަބޫލުނުކުރެވޭތީއެވެ. ވީމާ އާޚިރަތްދުވަހު ސަލާމަތްކަން ލިބިގެންވާ މީހަކަށްވުމަށްޓަކައި ހެޔޮ ޢަމަލުކުރުންމަތީގައި ދެމިހުންނަ މީހަކަށްވާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން