ވާރުތަވެރިޔާ މަކަރަކުން އޭނާގެ ގެ އަތުލީމާވެސް ދުޢާކުރުމުގަ ޘާބިތުވުމުން ގެތަކެއް ލިބުނު އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 1ސ
ވާރުތަވެރިޔާ މަކަރަކުން އޭނާގެ ގެ އަތުލީމާވެސް ދުޢާކުރުމުގަ ޘާބިތުވުމުން ގެތަކެއް ލިބުނު  އަންހެނެއްގެ ވާހަކަ-

ކޮންމެ ޙާލަތެއް ކުރިމަތިވިނަމަވެސް ދުޢާކުރުމުގައި ޘާބިތުވުމަށް އަބަދުވެސް މިގެންދަނީ އެދި ވަޞިއްޔަތްކުރަމުންނެވެ. ނަމަވެސް އަދިވެސް ގިނަމީހުންނަށް ދުޢާކުރުމުގައި ސާބިތެއް ނުވެވެއެވެ! އެދޭ ކަންތައް އެދޭ ގޮތަށް ޙާޞިލު ނުކުރެވުމުން ދުޢާކުރުން ދޫކޮށްލެވެއެވެ. މާޔޫސްވެ ދުޢާކުރުން ހުއްޓައިލެވެއެވެ.

މިރޭވެސް މިކިޔައިދެނީ ކުރިންވެސް ކިޔައިދީފައިވާނެ ވާހަކައެކެވެ. ކުރިން އަޑުއެހި މީހުންވެސް އަދި އަޑުނާހާ މީހުންވެސް ރަނގަޅަށް ވިސްނާށެވެ!

މިކިޔައިދެނީ ނިކަމެތި އަންހެނަކަށް ކުރިމަތިވި ކަމެއްގެ ވާހަކައެކެވެ. އޭނާގެ މައިން ބަފައިން ވަނީ ވަރަށް ކުޑައިރު ނިޔާވެފައެވެ. އެހީތެރިވާނެ އެއްވެސް މީހަކު ނެތެވެ. އެހެންކަމުން އޭނާ ޤަޞްދުކުރީ ހުރިހާ ކަމެއް ﷲ ތަޢާލާ އަށް ވަކީލްކޮށް ﷲ ތަޢާލާގެ މަގުގައި ސާބިތުވުމަށެވެ.

އެކަމުގެ ނަތީޖާ ވަރަށް ރަނގަޅަށް ފެނުނެނެވެ. އޭނާ ކުރާ ދުޢާ ވަރަށް އަވަހަށް އިޖާބަވަމުން އައެވެ. މާ ބޮޑެތި ތަކްލީފްތަކާއި ނުލައި ދިރިއުޅެވޭނެ މަގުތައް ފެނުނެވެ.

މައްސަލައަކަށްވީ އޭނާއަށް އެހައިތަނަށް ކުރިމަތިވެފައި ނުވާފަދަ ބޮޑުކަމެއް ކުރިމަތިވުމުންނެވެ. ކުރިން ކުރިމަތިނުވާފަދަ ބޮޑެތި ދަތިތަކެއް ކުރިމަތިވުމުންނެވެ. އެކަމާއި ގުޅިގެންވެސް އޭނާ އަޅުކަން ކުރުން ގިނަކުރިއެވެ. ދުޢާ ކުރުންވެސް ގިނަކުރިއެވެ. ނަމަވެސް އެއްވެސް ކަމެއް ޙައްލުނުވެ ކަންކަން ދިއައީ ދުވަހުން ދުވަހަށް ގޯސްވަމުންނެވެ.

އެހާލުގައިވެސް އޭނާ ﷲ ތަޢާލާގެ ޙަޟްރަތުން އުންމީދު ކަނޑައެއް ނުލައެވެ. އޭނާ ޤަބޫލުކުރީ އަދި ޔަޤީން ކުރީވެސް އެކަމުގައި ފައިދާތަކެއް ހުންނާނެކަމަށެވެ. އޭނާއަށް ނުއެނގެނީ ކަމަށެވެ. އެގޮތުގައި ހުއްޓައި ކަންތައް މެދުވެރިވީވެސް ހަމަ އެގޮތަށެވެ. އޭނާ އެދެމުންދިއަ ކަންތައް ފުރިހަމަ ނުވެ ފުރިހަމަވެގެންދިއައީ އެދެމުން ދިއަ ކަންތަކަށްވުރެ މާފުރިހަމަ ކަމެކެވެ. މެދުވެރިވީ މާފައިދާ ބޮޑު ގޮތެކެވެ.

ހަޤީޤަތުގައި އޭނާއަށް ކުރިމަތިވި މައްސަލައަކީ އޭނާގެ މައިންބަފައިންގެ ބޮޑު ގެއެއްގެ މައްސަލައެވެ. ވާރުތަވެރިއަކު މަކަރުތަކެއް ހަދައިގެން ގެ އަތުލައިގަތީއެވެ. ކޯޓުން އޭނާއަށް ގެ ދިނީއެވެ. އެ ހިސާބުން އޭނާއަށް ގެ ގެއްލުނެވެ. ނަމަވެސް ލިބުނު ފިރިމީހާ ވީ ވަރަށް ތަނަވަސް މީހަކަށެވެ. އެތައް ބައިވަރު ގެއެއް ހުރި މީހަކަށެވެ. ގެއްލުނު އެއް ގޭގެ ބަދަލުގައި އެތައް ބައިވަރު ގެތަކެއް ލިބިގެން ދިއައީއެވެ.

މީސްތަކުންނޭވެ! މިއީ އަހަރެމެން އެންމެން ވަރަށް ބޮޑަށް ވިސްނައި ޢިބްރަތް ލިބިގަންނަން ޖެހޭ ކަމެކެވެ. އެއީ އޭނާއަށް އެދިމާވި ގޮތް މެދުވެރިވާ މީހުން މަދުވެދާނެއެވެ. މާނައަކީ އެދޭ ކަންކަން އެދޭހައި އަވަހަށް އެދޭ ގޮތަށް ފުރިހަމަނުވާ މީހުން ވަރަށް ގިނަވާނެއެވެ. ނަމަވެސް މާޔޫސްނުވެ ﷲ ތަޢާލާއަށް ވަކީލުކުރުން މަތީގައި ސާބިތުވެއްޖެ ނަމަ ހީވެސް ނުކުރެވޭފަދަ ގޮތްގޮތުން ނިޢްމަތްތައް ލިބިގެންދާނެއެވެ. އިން ޝާ ﷲ . އެކަން ޔަޤީންކުރާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން