ފަހަކަށް އައިސް އަބަދުވެސް ކޮންމެވެސް ބާވަތެއްގެ ރޯގާތަކެއް އުޅެއެވެ. މިދުވަސްވަރަކީ ވެސް ރޯގާތަކާއި ހުންއައުން ގިނަވެފައިވާ ދުވަސްވަރަކަށްވުމުން ކިޔުންތެރިންނަށް މިހަނދާން އައުކޮށްލައިދެނީ ހުން އައުމަށް ވަރަށް ފަސޭހައިން ހޯދިދާނެ ފަރުވާއެކެވެ.
މިހާރު މިއުޅޭ ގަދަހުންތަކަށް، ޚާއްޞަކޮށް އެތެރެއަށް ހުންނަ މީހުންނަށް އިސްބަޤުލްފެނުގެ ފައިދާ ވަރަށް ބޮޑެވެ. އެއީ އިސްބަޤުލު ފެން ބުއިމުން އެތެރެހަށި ފިނިކޮށްދޭތީއެވެ.
މީގެ މާނައަކީ ބޭސް ނުކައި އިސްބަޤުލްފެން ބޯން ބުނުމެއް ނޫނެވެ. ޑޮކްޓަރުން ބުނާ ގޮތަކަށް ޤަވާއިދުން ބޭސްކާންވާނެއެވެ. އިސްބަޤުލްފެން ބުއިމަކީ މުޅިން ތަފާތު ކަމެކެވެ. އެފެން ބޭނުންކުރަންވީ އެތެރެހަށި ފިނިކުރުމަށެވެ. ޚާއްޞަކޮށް މިކިޔާ "ވަގުހުން" އަންނަ މީހުން އިސްބަޤުލް ބޭނުން ކުރުމަކީ ބޭނުންތެރިކަމެކެވެ.
ހުން އައުމުން ޕާކިސްތާނުގެ ބައެއް ޑޮކްޓަރުން އިސްބަޤްލް ފެން ބުއިމަށް ބާރުވެސް އަޅައެވެ. އިންޑިއާގެ މަޝްހޫރު ޑޮކްޓަރުންގެ ތެރޭގައި ހިމެނޭ ޑރ. ސުރޭޝް މިއަދުނޫހަށް ބުނީ އިސްބަޤުލަކީ އެތެރެހަށި ފިނިކޮށްދޭ ސްޕަރ އެޖެންޓެއް ކަމަށާއި ނުބައި ކޮލޮސްޓްރޯލްވެސް ވަރަށް ބޮޑަށް މަދުކޮށްދޭ އެއްޗެއް ކަމަށެވެ. ޑޮކްޓަރީ ބޭސް ބޭނުންކުރަމުން އިސްބަޤްލް ބޭނުންކުރުމުން އިތުރަށް ފައިދާކުރާނެ ކަމަށެވެ.