އަނބިން ފިރިމީހާގެ ކިބައިން އެންމެ ބޮޑަށް ބޭނުންވާނެ 5 ކަންތައް-!: ރުޝްދާ ހައްޔޫމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 10ސ
އަނބިން ފިރިމީހާގެ ކިބައިން އެންމެ ބޮޑަށް ބޭނުންވާނެ 5 ކަންތައް-!: ރުޝްދާ ހައްޔޫމް

ވަރިގިނަވާކަމާއި އެކަމުގެ ސަބަބުން ބޮޑެތި މައްސަލަތައް ނުކުންނަކަމާއި ވަރި މަދުކުރަން ޖެހޭނެކަން ގިނަ ބައަކު ޤަބޫލުކުރެއެވެ. އެކަމަކު ވަރިޢާއިމެދު ހޭލުންތެރިކަން އިތުރުކުރަން މަސައްކަތްކުރެވެނީ ވަރަށް މަދު މީހަކަށެވެ. ކުރަންވީ ކަންކަން އެނގުނަސް ސަމާލުކަން ދެވެނީވެސް ވަރަށް މަދު މީހަކަށެވެ!

ކޮންމެ އަންތބަކުވެސް ފިރިމީހާގެ ކިބައިން ބޭނުންވާނެ ކަންތައްތަކެއް ހުންނާނެއެވެ. ލިސްޓް ވަރަށް ދިގުވާނެއެވެ. ނަމަވެސް މިފާހަގަކޮށްލަނީ އަހަރެންގެ ތަޖުރިބާއިން އެންމެ މުހިންމު ކަންކަމުގެ ގޮތުގައި ފާހަގަކޮށްލެވުނު 5 ކަންތަކެވެ.

1 ސެކިޔުރިޓީ

ސެކިޔުރިޓީ އަހަރެން މާނަކުރަނީ ހަމައެކަނި ސަލާމަތާއި ރައްކައުތެރިކަމަކަށް ނޫނެވެ. ޢުމުރު ދުވަހު އެކުގައި ދިރިއުޅެވޭނެކަމުގެ ޔަޤީންކަމަކީ އަންހެނަކު އެންމެ ބޮޑަށް ބޭނުންވާނެ ސެކިޔުރިޓީއެވެ. އެހެނީ ވަރިކޮށްފައި ފޮނުވާލުމުން ނިކަމެތިިކަން ބޮޑަށް ލިބެނީ އަންހެނުންނަށް ކަމުގައިވާތީއެވެ. އަލުން ކައިވެނިކުރަން ބޮޑަށް އުނދަގޫވަނީވެސް އަނެނުންނަށް ކަމުގައިވާތީއެވެ.

2 މުޢާމަލާތުކުރުން / އަޑުއެހުން

ދެވަނަ ކަމަކީ ކޮންމެ ކަމެއްގައިވެސް އަނބިމީހާ އާއި މަޝްވަރާކުރުމާއި އަނބިމީހާ ދައްކާ ވާހަކަތަކަސް ސަމާލުކަންދީގެން އަޑުއެހުމެވެ. ގިނަ ފިރިހެނުން ހަދަނީ އެކަމަށް ވަގުތު ނެތް ކަމަށެވެ. ނަމަވެސް އެކަމަށް ވަގުތު ނުދޭނަމަ އެކަމުން އަންގައިދެނީ އަނބިމީހާގެ މައްސަލަތައް ޙައްލުކޮށްދޭން މަސައްކަތްކުރަން ފިރިމީހާ ބޭނުންނުވާކަމެވެ. އެއިރުން އަނބިން ވަރަށް ބޮޑަށް މާޔޫސްވެއެވެ.

3 ފުންމައި ނުގަތުން

ފުންމައިގަތުން މި މާނަކުރަނީ ފުންމައި މައްޗަށް އެރުމަކަށް ނޫނެވެ. ކަމެއް ދިމާވާއިރަށް ރުޅި އިސްނުކުރުމަށެވެ. އަތްއިސްނުކުރުމަށެވެ. ނުބައިބަސްތައް ނުބުނުމަށެވެ. ރުންކުރުނުވުމަށެވެ. ކެތްތެރިވެ ވިސްނުންތެރިކަމާއިއެކު ޢަމަލުކުރުމަށެވެ.

4 ވެރިއެއްކަން އިޙްޞާޞްކުރެވުން

ވަރަށް ގިނަ އަންހެނުންނަކީ އެމީހުން ކުރާ ކަންކަމުގައި ވެރިކަން ބޭނުންވާ ބައެކެވެ. އެކަމެއް އެމީހުން ބޭނުންވާ ގޮތަކަށް ކުރުމުގެ ބާރު އޮތްކަން އެނގެން ބޭނުންވާ ބައެކެވެ. ވީމާ ކޮންމެ ކަމެއް ކުރަން ޙަވާލުކުރުމަށްފަހު އެކަން ކުރަންވީ ގޮތް އެހައިބޮޑަށް، މާގިނައިން ނުކިޔާށެވެ! އަނބިން އަމިއްލައަށް ކުރަން ފުރުޞަތުދޭށެވެ.

5 ސަމާލުކަން ވަގުތު ހޭދަކުރަން

އަނބިމީހާއަށް ކައިވެނީގެ ފުރަތަމަ ދުވަހު ދިންވަރަށް ސަމާލުކަން އަބަދުވެސް ބޭނުންވާނެއެވެ. އަދި އަނބިންނާއިއެކު ވަގުތު ހޭދަކުރުން މަދުކޮށްގެން ނުވާނެއެވެ. ހެޔޮލަފާ އަނބިން އެންމެ ބޮޑަށް ބޭނުންވާނީ ފިރިމީހާ އަބަދުވެސް އެމީހުންނާއިއެކުގައި ހުރުމަށެވެ. ގޭގައި މަޑުކުރުމަށެވެ. ވީމާ އޮފީހަށް ދިއުމާއި ކޮންމެހެން ދާން މަޖުބޫރުވާ ތަނަކަށް ނޫނީ އަނބިން ގެއަށް ދޫކޮށްލާފައި ނުދާށެވެ! މަޖުބޫރުވެގެން ތަނަކަށް ދިއަނަމަވެސް ވީހާއަވަހަކަށް އެނބުރި ގެއަށްދާން މަސައްކަތްކުރަންވާނެއެވެ!

މިލިޔުން ކިޔާ އަންހެނުންގެ ކިބައިން އަހަރެން އެދެނީ އަހަރެންގެ ވިސްނުމާއިމެދު ބަހެއް ބުނުމަށެވެ. ކޮމެންޓްކުރުމަށެވެ. އަދި މިކަންކަން އެމީހަކަށް ލިބޭ މިންވަރާއިމެދުވެސް ބަހެއް ބުނުމަށެވެ.

--ރުޝްދާ ޙައްޔޫމް

 

މިއަދު އޮންލައިން