ފިރިމީހާއަކީ ޢާއިލާގެ ބޯ ކަމަށްވީނަމަވެސް އަނބިމީހާ ހުޝިޔާރުވެ ކަރަށް ވެއްޖެނަމަ ބޮލަށް އެނބުރެންޖެހޭނީ ކަރު އެނބުރި އަތަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ފިރިމީހާއަކީ ޢާއިލާގެ ބޯ ކަމަށްވީނަމަވެސް އަނބިމީހާ ހުޝިޔާރުވެ ކަރަށް ވެއްޖެނަމަ ބޮލަށް އެނބުރެންޖެހޭނީ ކަރު އެނބުރި އަތަކަށް!

ފިރިމީހާއަކީ ޢާއިލާގެ ބޯ ކަމަށްވީނަމަވެސް ކަރަކީ އަނބިމީހާ ކަމަށް ވެވޭނެއެވެ. މިއީ މުސްކުޅި އަންހެނަކު ބުނެފައިވާ ވަރަށް ހަރު ބަހެކެވެ. މާނައަކީ އަނބިން ހުޝިޔާރުވެ އެކަމަށް މަސައްކަތްކޮށްފިނަމަ ޢާއިލާގެ ކަންކަން އަނބިމީހާ ބޭނުންވާ ގޮތަށް ކުރިއަށް ގެންދެވޭނެއެވެ. 

ސިކުނޑި އިންނަނީ ބޮލުގައި ކަމަށްވެފައި ބޮލުގެ މުހިންމުކަން ކިތަންމެ ބޮޑުނަމަވެސް ބޮލަކަށް އެއިގެ އަމިއްލަ ޒާތުގައި ޙަރަކާތްތެރިއެއް ނުވެވޭނެއެވެ. ބޮލަށް ޙަރަކާތްތެރިވެވޭނީ ކަރު ޙަރަކާތްތެރިވެއްޖެނަމައެވެ. މިޘާލަކަށް ނާރުއެރުން ފަދަ ކަމެއް މެދުވެރިވެގެން ނަމަވެސް ކަރު ވަކިއަތަކަށް އެނބިރިއްގެނަމަ ބޮލަށް ޖެހޭނީ ކަރު އިން ގޮތަށް އެނބުރި އިންނާށެވެ. 

މިމިޘާލުން އެނގިގެން މިދަނީ ބޮލާއި ކަރު ގުޅިގެން އެކުގައި މަސައްކަތްކުރަންޖެހޭނެ މިންވަރެވެ. މާނައަކީ ކޮންމެ ދެމަފިރިއަކުވެސް މަސައްކަތްކުރަންވީ ވީހައި ބޮޑަށް ގުޅިގެން ކަންކަން ކުރަން ކަމެވެ. އަދި މިޘާލުން އަންގައިދެނީ ފިރިމީހާ ހަމަމަގަށް އެޅުވުމުގައި އަނބިމީހާއަށް ވަރަށް މުހިންމު ދައުރެއް އެބަ އޮތް ކަމެވެ. 

ޒަވާޖީ ޙަޔާތުގެ ކާމިޔާބީ ގުޅިފައިވަނީ ދެމަފަރިން އެކުވެރިވެ ގުޅިގެން އަދި އެކަކު އަނެކަކަށް އިޙްތިރާމްކޮށްގެން ކަންކަން ކުރަން މަސައްކަތްކުރި މިންވަރެއްގެ މައްޗަށެވެ. ދެމަފިރިން އެކަކު އަނެކަކަށް އިޙްތިރާމް ނުކޮށް އަމިއްލަ ވިސްނުމުގައި ކަންކަން ކުރަން އުޅޭނަމަ ގިނަފަހަރު ކާމިޔާބީގެ ބަދަލުގައި ކުރިމަތިވާނީ ނާކާމިޔާބީއެވެ. އަދި ކައިވެނީގެ އެންމެ މުހިންމު އެއް ބޭނުމަކީވެސް ދެމީހުން ގުޅިގެން ކުރިއަށްދާން މަސައްކަތްކުރުމެވެ.

 

- އުސްތާޛާ ހީނާ ޚާން މުޚްތާރުގެ ދަރުސަކުން

މިއަދު އޮންލައިން