ﷲ ތަޢަލާ ވޮޑިގެންވާކަމާއި ކުޅަދުންވަންތަކަމުގެ ހެކިތައް އަބަދުވެސް ދައްކަވައެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 20ސ
ﷲ ތަޢަލާ ވޮޑިގެންވާކަމާއި ކުޅަދުންވަންތަކަމުގެ ހެކިތައް އަބަދުވެސް ދައްކަވައެވެ!

ﷲ ތަޢާލާ ވޮޑިގެންވާކަމާއި ކުޅަދުންވަންތަކަމުގެ ހެކިތައް އަބަދުވެސް ދައްކަވައެވެ. ވިސްނޭ މީހުން ޢިބްރަތް ޙާޞިލުކުރެއެވެ. އެކަންކަމުގެ ސަބަބުން އެމީހުންގެ އީމާންކަން ގަދަވެއެވެ. ނުވިސްނޭ މީހުން ދެކޮޅުހަދައެވެ. ޤަބޫލެއް ނުކުރެއެވެ. ޤަބޫލުކުރުމާއި ނުކުރުމަކީ އެމީހެއްގެ ކަމެކެވެ. 

ﷲ ތަޢާލާ ވޮޑިގެންވާ ކަމުގެ އެންމެ ބޮޑު ހެއްކަކީ ކީރިތި ޤުރްޢާނެވެ. ޢިލްމީ ގޮތުން މީހުން ކުރިއަރައިދާވަރަކަށް، ސައިންސުގެ ހޯދުންތައް އިތުރުވާވަރަކަށް ކީރިތި ޤުރްއާނުގެ ފުރިހަމަކަން އަންނަނީ އިތުރަށް ޔަޤީންކުރެވެމުންނެވެ. މިކަމަށް ދެކޮޅު ހަދާ އެއްވެސް ސައިންސްވެރިއަކު އަދި ފެނިފައެއް ނެތެވެ. 

ތިރީގައިވާ ވާހަކައިގައި ބުއްދިވެރި ޢިލްމުވެރިޔާ ވިދާޅުވެފައިވާ ވާހަކައިން ޢިބްރަތް ޙާޞިލްކުރައްވާށެވެ! ސިކުނޑުި ހުޅުވާލައިގެން ވިދާޅުވާށެވެ!     

މުލްޙިދަކާއި ޢިލްމުވެރިއެއްގެ މުނާޡަރާ 

)إِنَّ فِي خَلْقِ السَّمَاوَاتِ وَالأَرْضِ وَاخْتِلاَفِ اللَّيْلِ وَالنَّهَارِ لآيَاتٍ لأُولِي الأَلْبَابِ( (آل عمران 190) މާނައީ: "ހަމަކަށަވަރުން، އުޑުތަކާއި ބިން ހެއްދެވުމުގައްޔާއި ރޭދުވާ ތަފާތުވުމުގައި، ބުއްދީގެ أهل ވެރިންނަށް ކަށަވަރުވެގެންހުރި ހެކިތަކެއްވެއެވެ." 

އިސްލާމީ ރަށެއްގައި އުޅުނު، ﷲ ވޮޑިގެންވާކަން ގަބޫލުނުކުރާ މުލްޙިދަކު (atheist)، އެރަށުގެ ޢިލްމުވެރިންނަށް ގޮންޖަހާފަ ދަޢުވަތު ދިނީ އޭނާއާއެކު ބަހުސްކުރުމަށް އައުމަށެވެ. އިލާހަކު ވޮޑިގެންނުވާކަން ސާބިތުކުރުމަށެވެ. 

އެކަމަށް ކުފޫހަމަވާފަދަ ޢިލްމުވެރިއަކު އެރަށުގެ މީހުން އިޚްތިޔާރުކޮށްފިއެވެ. އަދި އެބަހުސްކުރުން ބާއްވާނެ ތަނަކާއި ވަގުތެއް ކަޑައެޅިއެވެ. 

ކަޑައެޅި ވަގުތަށް އެމުލްހިދުމީހާއާއި މީސްތަކުން ޖަމާވެއްޖެއެވެ. ނަމަވެސް އެ ޢިލްވެރިޔާ ވަޑައެއް ނުގަންނަވައެވެ. މީސްތަކުން އިންތިޒާރުގައި ތިއްބެވެ. ޢިލްމުވެރިޔާ ވަޑައިގަތުން ލަސްވާތީވެ، މުލްހިދު ބުންޏެވެ. "ކަލޭމެންގެ ޢިލްމުވެރިޔާ ބިރުގަތީއެވެ. ބަލިވާނެކަން އެގޭތީވެ ފިލީއެވެ. މިކައުނުގައި އެއްވެސް އިލާހެއް ނުވާކަން އަހަރެން ސާބިތުކޮށްދީ އޭނާގެ މައްޗަށް އަހަރެން ނަސްރުހޯދާނެކަން އޭނާއަށް ޔަގީންވާތީވެ ނައީއެވެ." މިހިސާބަށް ވާހަކަ ދިޔަތަނާ ޢިލްމުވެރިޔާ ވަޑައިގެންފިއެވެ. އަދި ލަސްވިކަމަށްޓަކައި މަޢާފަށް އެދުނެވެ. 

އިލްމުވެރިޔާ އެތަނަށް ގަޑިއަށް ހާޒިރު ނުވެވުނު ސަބަބު އޮޅުންފިލުވައިދެއްވަމުން ވިދާޅުވިއެވެ. "އަހަރެން މިތަނަށް އައުމަށްޓަކައި އައި އިރު، ކޯރު ހުރަސްކުރާނެ އުޅަނދެއް ނުލިބިގެން ކޯރުގެ އައްސޭރީގަ މަޑުކޮށްގެން ހުންނަން ޖެހުނެވެ. އެހެން ހުއްޓާ ފެނުނީ ކޯރުގައި އޮޔާދާ ފިލާތަކެކެވެ. އަހަރެން އެފިލާތަކަށް ބަލަންހުއްޓާ އެފިލާތައް އަމިއްލައަށް އެކުވެ، ހެޔޮވަރު ރީތި ބޮއްކުރާއަކަށް ވެއްޖެއެވެ. އަދި އަހަރެންގެ ގާތަށް އައުމުން އެއަށް އަރައިގެން ކޯރު ހުރަސްކޮށްފައި މިތަނަށް އައީއެވެ." 

ޢިލްމުވެރިޔާ މިވާހަކަ ވިދާޅުވުމުން މުލްޙިދު މީހާ ބުންޏެވެ. "ކަލޭމެންގެ މިޢިލްމުވެރިޔާއަކީ މޮޔައެކެވެ. ފިލާތަކެއް އަމިއްލައަށް އެކުވެ ރީތި ބޮއްކުރާއަކަށް ވާނެހެއްޔެވެ؟ އެ ދުއްވާނެ މީހަކާނުލައި ބޮއްކުރާ އަމިއްލައަށް ދުވެފަ ތަންތަނަށް ދޭހެއްޔެވެ؟" 

ޢިލްމުވެރިޔާ ހިނިތުންވެލައްވާފަ މުލްހިދު މީހާއާ މުޚާތަބުކޮށް ވިދާޅުވިއެވެ. "މި ކައުނާއި ކައުނުގައި ވާހާ އެއްޗަކާއި، މިކައުނު ހިނގަމުންދާ ފުރިހަމަ ނިޒާމަކީ އެއުފެއްދެވި ފަރާތުގެ ރޭއްވެވުމެއްނެތި އަމިއްލައަށް ހިނގަމުންދާކަމެއްކަަމަށް ތިބާ ގަބޫލުކުރަނީ ނަމަ ފިލާތަކެއް އެއްވެ ބޮއްކުރާއެއް އުފެދުމަކީ ނުވާވަރުގެ ކަމެއްކަމަށް ތިބާ ގަބޫލުކުރަނީ ކީއްވެ ހެއްޔެވެ؟"

_ނިމުނީ_

 

عظمت جـميل

 

މިއަދު އޮންލައިން