ބިރެއްނެތި ﷲ ގަންދީ ދޮގުހުވާކުރާ މީހަކާއެކު ދިރިއުޅެގެން ނުވާނެ! ތައުބާނުވިނަމަ ވަކިވުމުން ﷲ މަގެއް ދައްކަވާނެ!: އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ބިރެއްނެތި ﷲ ގަންދީ ދޮގުހުވާކުރާ މީހަކާއެކު ދިރިއުޅެގެން ނުވާނެ! ތައުބާނުވިނަމަ ވަކިވުމުން ﷲ މަގެއް ދައްކަވާނެ!: އިން ޝާ ﷲ

ތެދުވެރިން މަދުވެ ތެދުހަދާ މީހުން މަދުވެ މަކަރުވެރިން ގިނަވެ ދޮގުހަދާ މީހުން ގިނަވަމުން މިދަނީ ކީއްވެގެން ހެއްޔެވެ؟ ބައިވެރިޔާއަށް ޚިޔާނާތްތެރިވެފައިވެސް އަދި އިހްމާލްވެފައިވެސް ދޮގުހަދަން ފަސްނުޖެހެނީ ކީއްވެގެން ހެއްޔެވެ؟

މައްސލައަކީ ހަމަ އެއް މައްސަލައެކެވެ. އެންމެ ބޮޑެތި ފާފަތައް ކުރަން ފަސްނުޖެހެވޭ ސަބަބެވެ. އެއީ އެމީހެއްގެ ހިތުގައި ﷲ ތަޢާލާއަށް ބިރުވެތިކަން ނެތުމެވެ. ﷲ ތަޢާލާއަށް ބިރުވެތިވާ މީހުން ވާހަކަދައްކާނީ ތެދުބަހުންނެވެ. ދޮގެއް ނުހަދާނެއެވެ. 

ސަބަބަކީ ތިމާ ކުރާ ޢަމަލުތަކަށް ﷲ ތަޢާލާ ބައްލަވައި ވޮޑިގެންވާ ފަދައިން ތިމާ ދައްކާ ވާހަކަތައްވެސް ﷲ ތަޢާލާ އައްސަވައި ވޮޑިގެންވާކަން އެމީހަކަށް ޤަބޫލުކުރެވޭނެތީއެވެ. ދޮގުހެދެނީ އެކަން ޤަބޫލުނުކުރެވޭތީއެވެ. 

ދެމަފިރިންގެ މެދުގައި މައްސލައެއް ޖެހުނަސް އަދި ކުށެއް ކުރެވުނަސް އެކަން ނުކުރާކަމަށް ދައްކަންވެގެން ﷲ ތަޢާލާ ގަންދީ ދޮގުހުވާކުރާ މީހުން އެބައުޅެއެވެ. އެފަދަ މީހުންނަކީ އެމީހުންގެ ހިތުގައި އެއްވެސް މިންވަރަކަށް ﷲ ތަޢާލާއަށް ބިރުވެތިކަމެއް ނެތް މީހުންނެވެ. 

އެއީ ފިރިމީހާކަމަށްވީނަމަވެސް އަދި އަނބިމީހާކަމަށްވީނަމަވެސް ﷲ ތަޢާލާ ދެއްވަވާނެ ޢަޛާބަށް ބިރެއް ނެތި، ޖެހިލުންނުވާ ޙާލު ﷲ ތަޢާލާ ގަންދީ ދޮގުހުވާކުރަމުން ގެންދާ މީހަކާއިއެކުގައި ދިރިއުޅެން މަސައްކަތްކުރުމެއް ނެތެވެ. އެމީހަކު އެހުރީ ﷲ ތަޢާލާގެ އިންތަކުން ބޭރުވެ ނިމިފައެވެ. 

ދެން އެހެން ގޮތެއް ނެތްކަމަށް ވިސްނޭތީ އެފަދަ މީހަކާއިއެކު ދިރިއުޅެންޖެހުނަސް އެކަންކުރަންވާނީ ޢިލްމުވެރިއެއްގެ ކުރިފުޅުމަތީގައި ތައުބާވެއްޖެނަމަ އެވެ. އެކަމަށް އޭނާ އިންކާރުކޮށްފިނަމަ ﷲ ތަޢާލާއަށް ވަކީލްކޮށް އެމީހަކާއި ދުރުހެލިވާށެވެ! އެއިރުން ﷲ ތަޢާލާ އެމީހަކަށް މަގެއް ދައްކަވާނެތެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން