މިއަހަރުގެ ރޯދަމަސް އައިސް ބައްދަލުކޮށްފިކަމަށް ބުނެވޭހައި ހިސާބަށް ކައިރިވެއްޖެއެވެ. ރޯދަހިފަން ހަށިގަނޑު ތައްޔާރުކުރަން އަވަހަށް މަސައްކަތް ފަށާށެވެ! އެގޮތުން ފުރަތަމަ ކަމަކަށް ކުރެވިދާނެ އެއްކަމަކީ ކުރިއާލައި ދުވާލުގެ ކެއުން މަދުކުރުމެވެ.
ގިނަމީހުންނަށް މައްސަލަތައް ކުރިމަތިވަނީ ކުއްލިއަކަށް މުޅި ދުވަހު ނުކައި ހުންނަންފެށުމުންނެވެ. ސުންނަތް ރޯދަ ޤަވާއިދުން ނުހިފާނަމަ މިމައްސަލަ ގިނަ ބައަކަށް ކުރިމަތިވެއެވެ. ވީމާ ސުންނަތް ރޯދަ ނިހުފައި ތިބި މީހުން ކުރިއާލައި ދުވާލުގެ ކެއުން މަދުކުރަން މަސައްކަތްފަށާށެވެ.
އަހަރެން ބުނާނީ ފުރަތަމަކަމަކަށްވެސް ހެނދުނުގެ ސަޔާއި މެންދުރު ކެއުން ނޫން އެއްވެސް ކާއެއްޗެއް ބޭނުން ނުކުރާށެވެ. އަދި އެގޮތަށް ދެކެއުމުގެ ވަގުތުތައްވެސް ހަމަޖައްސައިލާށެވެ. މާނައަކީ މެންދުރުކެއުން ކުޑަކޮށް ލަސްކޮށްލުމެވެ.
ހެނދުނުސަޔާއި މެންދުރުކެއުންވެސް ލުއިކުރާށެވެ. އެއިރުން ގޮހޮރު އެގޮތަށް ހޭނޭނެއެވެ. ރަމަޟާން މަހު ރޯދައަށް ކުރިމަތިވާ އުނދަގޫތައް މަދުވާނެއެވެ. ކުއްލިއަކަށް ރޯދަހިފަން ފެށުމުން ހަށިގަނޑަށް ކުރިމަތިވާ މައްސަލަތައް ބޮޑުތަނުން މަދުވެގެންދާނެއެވެ. ގޭހުގެ މައްސަލަތައްވެސް ކުޑަވެގެންދާނެއެވެ. އިން ޝާ ﷲ
--އިސްލާމީ ތިލަފަތުގެ ދަރުސަކުން