ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ދެރަވެ ހިތާމަކުރަންޖެހޭނެ 2 ޙާލަތުގަ ހިތާމަނުކޮށް ސަލާމަތްވެވޭނެ މަގު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ދެރަވެ ހިތާމަކުރަންޖެހޭނެ 2 ޙާލަތުގަ ހިތާމަނުކޮށް ސަލާމަތްވެވޭނެ މަގު-

ކޮންމެ މީހަކަށް ނަމަވެސް ނުބައި، ބިރުވެރި މަރަކުން މަރުވާންޖެހެނީ ކޮންމެ ވަޤުތަކުވެސް ތިމާ މަރުވެދާނެކަމަށް ބިރެއްނެތި ދުނިޔޭގައި އުޅޭތީއެވެ. ކުރަން އެންމެ މުހިންމު ކަމަކީ ކޮންމެ ވަޤުތަކުވެސް މަރުވެދާނެ ކަމަށް ވިސްނައި މަރަށް ތައްޔާރުވުންކަން ޤުރްއާނާއި ޙަދީޘްފުޅުތަކުން އެނގެން އޮތުމާއިއެކުގައިވެސް މަރަށް ވިސްނާނުލައި އުޅެވޭތީއެވެ.  

ޢިލްމްވެރިއަކު ވިދާޅުވެފައިވެއެވެ. "އެކަމަކަށް ތައްޔާރުނުވެވުނީތީ މީހާ އެންމެ ބޮޑަށް ހިތާމަކުރާނެ 2 ވަޤުތެއް ވެއެވެ. އެއީ މަރުހިއްޕަވަން މަރުގެ މަލާއިކަތާ ވަޑައިގަންނަވާއިރު މަރަށް ތައްޔާރުނުވެ ހުރެވޭތީ އާއި ތިމާއަށް ނަރަކައިން ސަލާމަތްވުމުގެ ފުރުޞަތު ދެއްވެވުމުންވެސް އެފުރުޞަތުގެ ބޭނުން ނުހިފުމުގެ ސަބަބުން ނަރަކައަށް ވަންނަން ޖެހޭ ވަޤުތު ކަމަށެވެ."  

މިދެޙާލަތަކީވެސް އެއްވެސް އިތުރު ފުރުޞަތެއް ދެއްވަވާނެ ޙާލަތެއް ނޫނެވެ. ކިތަންމެ ވަރަކަށް ރޮއި ކަރުނައަޅައި އާދޭސްދެންނެވި ނަމަވެސް މަރުގެ މަލާއިކަތާ މަރުހިއްޕަވަން ވަޑައިގަތުމަށްފަހު ފަޅި ސިކުންތައްވެސް ލަސްނުކުރައްވަވާނެތެވެ. ހަމައެފަދައިން ނަރަކައަށް ވަންނަން ޖެހޭނީ އެމީހާ ދުނިޔޭގައި ހުރެ ނަރަކަ އާއިމެދު ބިރުވެތިނުވީތީއެވެ.  

ނަރަކަ އާއިމެދު ބިރުވެތިނުވިމީހާއަށް ޤިޔާމަތް ދުވަހު ނަރަކައަށް ވަންނަން ޖެހުމުން ކިތަންމެ ވަރަކަށް ރޮއި ކަރުނައަޅައި ދެފައިތަޅައި ޢާދޭސްދެންނެވި ނަމަވެސް އެމީހަކަށް ކުރައްވަވާ ޙުކުމްފުޅު ބަދަލެއް ނުކުރައްވަވާނެތެވެ. ނަރަކައަށް ވަންނަން ޖެހިއްޖެ މީހަކަށް ނަރަކައަށް ނުވަދެ ސަލާމަތްވެވޭނެ އެއްވެސް ގޮތެއް ނުއޮންނާނެތެވެ.  

ވީމާ ވަޒީފާ ގެއްލިދާނެކަމުގެ ބިރަށް ނަމާދުގެ ޖަމާޢަތަށް ނުގޮސް ނުތިބޭށެވެ! މިހާރު ތިއަހުރި ވަޒިފާއަކީވެސް ހަމަ ﷲ ތަޢާލާ ދެއްވެވި ވަޒީފާއެކެވެ. ގެއްލިއްޖެނަމަ ދެންވެސް އެކަން ހަމަޖައްސަވައިދެއްވެވުން ވަނީ ﷲ ތަޢާލާގެ ޙަޟްރަތަށެވެ. އަދި ވަޒީފާ ދިންފަރާތް ރުހޭހައި ގޮތަކަށް މަސައްކަތްކުރަނިކޮށްވެސް ވަޒީފާއިން ވަކިވެސްކޮށްފާނެއެވެ. އެފަދަ ޙާލަތެއް މެދުވެރިވިނަމަވެސް ދުޢާކުރަން އޮތީ ﷲ ތަޢާލާގެ ޙަޟްރަތަށެވެ. ކާމިޔާބުވާނީ ﷲ ތަޢާލާ އެކަން ހިންމަވައި ދެއްވެވުމުންނެވެ.  

މި ބަޔާންކުރި 2 ޙާލަތަށް، މަރަށް ތައްޔާރުވުމަށާއި ނަރަކައިން ސަލާމަތްވުމަށް ކުރަން އޮތް މަސައްކަތުގެ އެންމެ މުހިންމު ކަމަކީ ނަމާދުތަކަށް ރައްކައުތެރިވުމެވެ. ވީމާ ފުރަތަމަ ކަމަކަށްވެސް ނަމާދުތަކަށް ރައްކައުތެރިވާށެވެ! ﷲ ތަޢާލާގެ މަގުގައި ޘާބިތުވާށެވެ! ދުނިޔަވީ ހުރިހާ ކަންކަމުގެ ކުރިއަށް އާޚިރަތް ކާމިޔާބުކުރަން ކުރަންޖެހޭ މަސައްކަތްތައް އިސްކުރާށެވެ! 2 ޙާލަތުގައިވެސް ތިމާ އެދޭގޮތަށް ކާމިޔާބުކުރެވޭނެއެވެ! އިން ޝާ ﷲ  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން