ރަމަޟާން މަހާއި ބައްދަލުވުމުން ގިނަ ވަގުތު އަޅުކަންކުރުމުގައި ހޭދަކުރަން ގިނަ ބައަކު ބޭނުންވެއެވެ. ނަމަވެސް އެއީއަކީ ކުއްލިއަކަށް ކުރަން ފަށަން އެހައި ފަސޭހަކަމެއް ނޫނެވެ. އެއީވެސް ކުރިއާލައި ތައްޔާރުވާންޖެހޭ ކަމެކެވެ.
ވީމާ ރަމަޟާން މަހު ވީހައި ގިނަ ވަގުތު އަޅުކަންކުރަން ބޭނުންވާ މީހުންގެ ތެރެއިން މިހާރުވެސް ޤުރްއާން ކިޔެވުމާއި ޛިކުރުކުރާ މީހުން ކުރަން އޮތްކަމަކީ މިހާރު ހޭދަކުރާ ވަގުތަށްވުރެ ގިނަ ވަގުތު އެކަމުގައި ހޭދަކުރަން ފެށުމެވެ.
ޤުރްއާން ކިޔެވުމާއި ޛިކުރުކުރުމުގައި މިހާރު ވަޤުތު ހޭދަނުކުރެވޭ މީހުން ކުރަން އޮތްކަމަކީ ކިތަންމެ ކުޑަ ވަޤުތުކޮޅެއްވެސް އެކަމުގައި ވަގުތު ހޭދަކުރަން ފެށުމެވެ. ކޮންމެ ދުވަހަކުވެސް މަދުވެގެން އެންމެ ޞަފްހާއެއް ނަމަވެސް ކިޔަވަން މަސައްކަތްކުރާށެވެ.
ﷲ ތަޢާލާއަށް އިޚްލާޞްތެރިކަމާއިއެކު އަޅުކަންކުރަން ބޭނުންވެގެން މީހަކު އެކަމަށް މަސައްކަތްކުރާނަމަ އެކަމަށް ﷲ ތަޢާލާ މަގުފަހިކުރައްވަވައި ދެއްވަވާނެތެވެ. ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ
ދުނިޔޭގައި ހުރިހާ ދުވަހަކު ދިރިއުޅުމަށް ކުރަން ހުންނަ މަސައްކަތްތައް ހުހެއް ނުވާނެއެވެ. ކޮށެއް ނުވެސް ނިމޭނެއެވެ. ނަމަވެސް ދެދުނިޔެ އެދިގެން މަސައްކަތްކުރި މީހަކަށް ނޫނީ އާޚިރަތެއް ނުލިބޭނެއެވެ. ދެ ދުނިޔެ އެދިގެން މަސައްކަތްކުރުމަކީ ހަމައެކަނި ކުރަންޖެހޭ ކަމަކީ ދުނިޔަވީ ގޮތުން ކުރަންޖެހޭ މަސައްކަތްކުރުން ކަމަށް ނުދެކި ކުރާ މަސައްކަތުގެ ތެރެއިން ވަގުތު ހުސްކޮށްގެން އާޚިރަތް ކާމިޔާބުކުރަންވެސް މަސައްކަތްކުރުމެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން