ކޮފީއެއްގެ ތެރެއިން ދެކެވުނު ވާހަކައަކާ ގުޅިގެން އަހަރެންގެ ޠާލިބު ބުންޏެވެ. "ބައެއް މީހުން ދުނިޔެ އަޅައިދަނީ އެ މީހުންގެ މުސްކުޅިއުމުރު ނުދެކި ނޫންތޯ؟" އަހަރެން ހީކުރީ ކުރި ސަމާސާއެއް ކަމަށެވެ! ޒާތަކަށް އަހަންނަށް ހީނގަނެވުނެވެ. ޠާލިބު ބުންޏެވެ! " ކިހިނެއްތޯ ވީ ސަރ! ރަނގަޅު ވާހަކައެކޭ މި ބުނީ. ބައެއް މީހުން ކިހައި ޅަ ޢުމުރުގައިތޯ މަރު އެ ވަނީ!"
ހަގީގަތުގައި އޭނާގެ މާނަވީ އެ ބަސްކޮޅާ މެދު ފިކުރުހިންގައިލެވުނީ ދެނެވެ. އެއްބަސް ވުމުގެ ގޮތުން ބުނީމެވެ. " ތިޔައީ ވަރަށް އިބުރަތްތެރި ވާހަކައެއް. އެކި މީހުން އެކި އުމުރު." އޮފީސް ނިމިގެން ގެއަށް ދާންވެގެން ނުކުތް ވަގުތެވެ. އާދައިގެ މަތިން އެފްބީގެ ހާލަތު ބެލީމެވެ. ކުއްލި މެސެޖެއް ލިބުނެވެ. ދަރުމަވަންތައިގެ ކުޅިވަރު ސުޕަވައިޒަރު އަހަރެންގެ ދަރިވަރު އަދި ފަހުން ނުހަނު އެކުވެރި އިޔާޒުގެ ކޮއްކޮ އަޙްނަސް ނިޔާވި ޚަބަރެވެ.
ދުނިޔޭގެ ހަޔާތުގެ ތަފާތުކަމާއެވެ! އެއްބަޔަކު ދުނިޔެއަޅައިދަނީ ދުނިޔެ ނުދެކެއެވެ. އަނެއް ބަޔަކު ދަނީ އެ މީހުންގެ ހަޔާތުގެ ޅަފަތެއް، ވެސް ނުދެކިއެެވެ. ހަމައެހެންމެ އެއްބަޔަކު ދަނީ އެ މީހުންގެ ހަޔާތުގެ ޒުވާންކަމެއް ވެސް ނުފެނިއެވެ. އަދިކިއެއްތަ! އެއްބަޔަކު ދުނިޔެއަޅައިފައިދަނީ އެ މީހުންގެ މުސްކުޅި އުމުރު ވެސް ނުދެކިއެވެ. އަދި ކޮަބައިތޯއެވެ! އެއްބަޔަކު މުސްކުޅިވެ އަޖޫޒުވެ ބަލިދާންމަތީ އެތައް ޒަމާނެއް ވާންދެން ތުރާލާއި ވޭން ތަހައްމަލްކުރަމުން އެބަދެއެވެ. މަރުގެ އިންތިޒާރީގައެވެ.
މިއީ ދުނިޔޭގެ ސުންނަތެވެ! ހިކުމަތްވަންތަ މާތްރަސްކަލާނގެ ހުސްޠާހިރުވަންތަކަމާއެވެ! ކުޅަދުންވަންތަކަމާއެވެ!
އަޙްނަސްގެ ޖަނާޒާގައި ބައިވެރިވާން ސަހަރާ މިސްކިތަށް އައިސް މޫނު ދުށުމަށް ފަހު ޢަޞްރުކޮށްލަން މިސްކިތާ ދިމާއަށް ހިނގައިގަތް ތަނާ ޒުވާން ފިރިހެން ކުއްޖަކު ރޮމުން ގިސްލަމުން މިސްކިތާ ދިމާއަށް ދިޔަ ތަން ފެނުނެވެ. އޭނާ މަސަލަސް ވޭތޯ މުދައްރިސަކު އުޅެއެެވެ. އަހަރެން ބުނީމެވެ. މިއީ ކޮން ކުއްޖެއްތޯއެެވެ! އެ މުދައްރިސް ބުނުއްވީ އެއީ އަޙްނަސްގެ ދަރިވަރެއް ކަމުގައެވެ. އަބަދުހެން އުޅެނީ އަޙްނަސްއާ އެކުގައި ކަމަށެވެ! އަހަރެން ބުނީމެވެ! ކޮއްކޯއެވެ! ހިތްފުރެން ދެން ރޯށެވެ! އެއަށް ފަހު ދެން ހެޔޮ ދުއާ ކުރާށެވެ! ތިޔައީ އަޙްނަސް ސަރ ދުނިޔެއަށް ދޫކުރެއްވި ދާއިމީ ސަދަގާތެކެވެ! ﷲ ތަޢާލާ ތިޔަ ދަރިވަރުގެ ދުޢާ އިޖާބަކުރައްވާށިއެވެ! ދަރިވަރުންގެ ހިތުގައި މުދައްރިސުންގެ މައްޗަށް އޮންނަ ލޯތްބަކީ ވެސް ހާދަ ތަފާތު ކުލުނެކޭ ހިތަށް އެރިއެވެ. ލައްކަ ހާސް ޝުއޫރެއް ހިތަށް ވެރިވެ ހިނދިގެން ދިޔައެވެ.މިއަދު އަޙްނަސްއެވެ! ދެން އަހަރެން ނޫންބާވައެވެ! އެންމެ ގާަތުގައި ވަނީ މަރެވެ! ކޮންމެ މަޚްލޫޤަކުމެ މި ހަގީގަތާ ކުރިމަތިލާން ޖެހެއެވެ!
ހިތަށް އަރައެވެ! ދުނިޔެ މިއީ ކީއްކުރަން އެވަރަކުން ބަޔަކު އުޅޭން ވީ ތަނެއް ބާވައެވެ! ދާއިރު ހިފައިގެން ދެވޭ އެއްވެސް އެއްޗެއް ނެތެވެ! ތިންފިލައެއްގެ ފޮށްޓަކާއި ހުދު ފޮތިކޮޅެއް މެނުވީއެވެ.
އަހްނަސްގެ ފުރާނަ ސުވަރުގޭގައި ލެއްވުން އެދި ދުޢާކުރަމެވެ. އަންހެނުންނާއި ތުއްތު ކުދީންނަށް ކެތްތެރިކަން ދެއްވާށިއެވެ. އަޙްނަސް ނެތުމުގެ ފަޅުކަން ލަސްނުވެ ފިއްލަވާށިއެވެ!
"ދާދި އަވަހަށް ނެތި ފަނާ ވިޔަކަސް އަގެއް ނެތް ޖިސްމުތައް
ތާއަބަދު ދެމިހުންނަ ހެޔޮ ޒިކުރާއަކަށް ނިމުމެއް ނެތޭ"
--މިއީ އަޝްރަފް ޢަލީ އޭނާގެ ފޭސްބުކްގައި ލިޔުއްވާފައިވާ ވާހަކަކޮޅެކެވެ.