ﷲ ތަޢާލާގެ ރުހިވޮޑިގަންނަވާ އަޅެއްގެ ގޮތުގަ އެކަލާނގެ ޙަޟްރަތަށް ފުރާނަ އުފުއްލެވޭނެ މީހަކަށްވާން ބޭނުންހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
ﷲ ތަޢާލާގެ ރުހިވޮޑިގަންނަވާ އަޅެއްގެ ގޮތުގަ އެކަލާނގެ ޙަޟްރަތަށް ފުރާނަ އުފުއްލެވޭނެ މީހަކަށްވާން ބޭނުންހެއްޔެވެ؟

އަހަރެމެން ކޮންމެ މީހެއްގެވެސް އެންމެ މުހިންމު މަސްއޫލިއްޔަތަކީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ގޮތަށް ދުނިޔެއިން ނުކުމެވުމެވެ. މާނައަކީ އެކަލާނގެ ރުހިވޮޑިގަންނަވާ އަޅެއްގެ ގޮތުގައި މަރުވުމެވެ. އެކަން ޙާޞިލުކުރެވޭނީ ވަރަށް ބޮޑަށް ސަމާލުކަން ދީގެން އަދި ވިސްނުންތެރިކަމާއިއެކު އެކަމަށް މަސައްކަތްކޮށްގެންނެވެ.

ޙަދީޘްފުޅުގައި އޮތީ މިއުންމަތުގެ އެވްރެޖް ޢުމުރަކީ 60، 70 އަހަރު ކަމަށެވެ. ވީމާ 60 އަހަރުކަމަށް ބަލަމާހެއްޔެވެ؟ އެގޮތަށް ބަލައިފިނަމަ ޢުމުރު 3 ބައަކަށް ބަހައިލާށެވެ. ފުރަތަމަ 20 އަހަރަކީ އެހެން މީހުންގެ ކިބައިން ދިރިއުޅުމުގެ ކަންކަން ދަސްކުރާ 20 އަހަރުކަމަށް ހަދާށެވެ! 2 ވަނަ 20 އަހަރަކީ އަމިއްލަ ދިރިއުޅުން ކުރިއަށްގެންދާ 20 އަހަރު ކަމަށް ހަދާށެވެ! އަދި 3 ވަނަ 20 އަހަރަކީ އެހެން މީހުންނަށް ދިރިއުޅެން ދަސްކޮށްދޭ ދުވަސްތަކަކަށްހަދާށެވެ!

ﷲ ތަޢާލާ އަހަރެމެން ބިމުގައި ލެއްވެވީ ޚަލީފާއިންގެ ގޮތުގައިކަން ވަހީބަސްފުޅުން އެނގެން އެބައޮތެވެ. ޚަލީފާގެ އެއް މާނައަކީ ބަދަލުވަމުންދާ މީހުންނެވެ. ދުނިޔެ ދެމިއޮތްހައި ދުވަހަކު އެއް ބައަކު އަބަދުވެސް ދުނިޔޭގައި ތިބޭނެއެވެ. އަނެއްބައަކު ދާނީ މަރުވެ ދުނިޔެ ދޫކުރަމުންނެވެ. ވީމާ ދުނިޔޭގައި ތިބޭ މީހުންނަށް ﷲ ތަޢާލާއަށް ބިރުވެތިވެގެން ދުނިޔޭގައި ދިރިއުޅެން ދަސްކޮށްދިނުމަކީ ދުނިޔެ ދޫކުރާ މީހުންގެ މަސްއޫލިއްޔަތަކެވެ.

ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަޅެއްގެ ގޮތުގައި ދުނިޔެއިން ނުކުމެވޭނީ މި ބުނެދިން ގޮތަށް ޙަޔާތުގެ ދުވަސްތަކުގައި މަސައްކަތްކުރި މީހަކަށެވެ.

ފުރަތަމަ މަރުޙަލާގައި ﷲ ތަޢާލާއަށް ބިރުވެތިވާން ދަސްކުރާށެވެ! 2 ވަނަ މަރުޙަލާގައި ތަޤްވާވެރިވެވޭނެ ގޮތްތައް އިތުރަށް ދަސްކުރަމުން ﷲ ތަޢާލާއަށް ބިރުވެތިވުމުގައި ސާބިތުވާށެވެ! އެންމެ މަސައްކަތްބުރަވާނީ 3 ވަނަ މަރުހަލާގައެވެ. 3 ވަނަ މަރުޙަލާގައި 3 ކަމެއް ކުރަންޖެހޭނެތީއެވެ.

1 ﷲ ތަޢާލާއަށް ބިރުވެތިވާން އިތުރަށް ދަސްކުރުން

2 ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރުން

3 އެހެން މީހުންނަށް ދަސްކޮށްދިނުން

މިކަންކަމަށް މިބުނި މަގުން ސަމާލުކަންދީފި މީހަކު ދުނިޔެއިން ނުކުންނާނީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަޅެއްގެ ގޮތުގައެވެ. އިން ޝާ ﷲ. ހަމަ އެއާއިއެކު ވިސްނާލަން ޖެހޭނެ ކަމެއް ބުނެލާނަމެވެ. މިބަޔާންކުރީ ދިގު ޢުމުރެއް ދެއްވަވައިފިނަމަ ކަންކަން ކުރެވިދާނެގޮތެވެ. ކޮންމެ މީހަކީ އެހައި ދިގު ޢުމުރެއް ދެއްވަވާނެ މީހެއް ނޫނެވެ. ވީމާ ފުރަތަމަ މަރުޙަލާއިން ފެށިގެންވެސް ހުންނަންވާނީ ކޮންމެ ވަޤުތަކުވެސް ަމރުވެދާނެކަމަށް ބަލައި އެކަމަށް ތައްޔާށރުވެގެންނެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން