ބައެއް މީހުންގެ ކިބައިން ބަލީގެ ޢަލާމާތްތައް ފެނުނަސް ބަލިނުވަނީ ކީއްވެގެން ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 17ސ
ބައެއް މީހުންގެ ކިބައިން ބަލީގެ ޢަލާމާތްތައް ފެނުނަސް ބަލިނުވަނީ ކީއްވެގެން ހެއްޔެވެ؟

ބައެއް މީހުންގެ ކިބައިން ބަލީގެ ޢަލާމާތްތައް ފެނުނަސް ބަލިނުވަނީ ކީއްވެގެން ހެއްޔެވެ؟ 

ކިޔުންތެރިޔާގެ ސުވާލުގެ ޖަވާބުގައި ފުރަތަމަ މިބަޔާން ކުރަނީ ޢިލްމުވެރިޔަކު ދެއްވާފައިވާ ޖަވާބެކެވެ. 

"ބަލީގެ ޢަލާމާތްތައް ފެނި އެކަމަކު ބަލިނުވާނަމަ އެއީ ވަރުގަދަ އިންޡާރެކެވެ. އެޢަލާމާތްތައް އެބުނަނީ ކޮންމެ ވަޤުތަކުވެސް ތިބާގެ ބަލި ބޮޑުވެދާނެއެވެ. ﷲ ތަޢާލާ ޢާއި ކުއްތަންވުމަށް މިހާރަށްވުރެވެސް ބޮޑަށް މަސައްކަތްކުރާށެވެ! ބަލި ނުޖެހޭނަމަ ﷲ ތަޢާލާގެ ރަޙްމަތަށް ޝުކުރުވެރިވުން އިތުރުކުރާށެވެ!" 

ދެން މިގެނެސްދެނީ ކޮރޯނާގެ ދުވަސްވަރު ހިނގައިދިއަ ކަމެއްގެ ވާހަކައެވެ. ފެނުނު ޢަލާމާތަކީ ކޮރޯނާގެ ޢަލާމާތެވެ! ފުރަތަމަ ދެއްކީ ހުންވެސް ހުރިކަމަށެވެ. ދެން ދެއްކީ ހުން ނެތް ކަމަށެވެ. އެހެންވެ ޑޮކްޓަރަށް ނުވެސް ދައްކައެވެ. ފަހުން އެއްވެސް ބައްޔެއް ނުވެއެވެ.   

ނިދުމުގެ ކުރިން ޝަހާދަތް ކިޔުން ގިނަކޮށް ﷲ ހަނދުމަކޮށްގެން ނިދާ މީހަކަށް މިންވަރު ކުރެއްވެވި ރަޙްމަތުގެ ވާހަކަ! 

އޭނާއަކީ ނިދުމުގެ ކުރިން ވީހައި ގިނައިން ޝަހާދަތް ކިޔާ މީހެކެވެ. ޝަހާދަތް ކިޔުން ކަމަށް މިބުނަނީ ﷲ ތަޢާލާ އެންމެ ބޮޑަށް ލޯބިފުޅުވެވޮޑިގަންނަވާ ޛިކުރުކަމުގައިވާ لا إله إلا الله ކިޔާ ވާހަކައެވެ. އަދި އެނޫންވެސް ޛިކުރުތައް ވީހައި ގިނައިން ކިޔާ މީހެކެވެ. ނިދުމުގެކުރިން ވުޟޫކުރާ މީހެކެވެ. ﷲ ތަޢާލާގެ މަތިން ހަނދުމަކޮށްގެން އޮވެ ނިދަން މަސައްކަތްކުރާ މީހެކެވެ. 

އޭނާގެ ނޭފަތް ހިރުވަން ފެށިއެވެ. ލޯވެސް ހިރުވަން ފެށިއެވެ. ހުންވެސް އައެވެ. މި ޢަލާމާތްތައް ފެނުމުން އޭނާ ހޮސްޕިޓަލަށް ދިއައެވެ. އަމިއްލައަށް ބޭސް ނުކައި އަވަހަށް ޑޮކްޓަރެއްގެ ފަރުވާ ހޯދުމަށެވެ. 

ހޮސްޕިޓަލުގެ ޕޯޓިކޯއިން އޭނާ ސްކޭން ކުރިއެވެ. ސްކޭން ކުރަން ތިބި 2 މީހުންގެ މޫނުމަތިން ކަންބޮޑުވުން ފެނުނެވެ. ދެވަނަ ފަހަރު ސްކޭން ކުރިއެވެ. އަދި 3 ފަހަރުވެސް ސްކޭން ކުރިއެވެ. ނަތީޖާއަކަށްވީ "ޔޫ އާ އޯކޭ!" އެވެ. "ފުރަތަމަ ކުރި ސްކޭން އިން ހުން ހުރިކަމަށް ދެއްކި! ނަމަވެސް ކަލޭގެ ގައަކު މިހާރު ހުމެއް ނެތް!" ކަމަށް ބުންޏެވެ. 

އެ ހިސާބުން އޭނާ ޑޮކްޓަރަކަށް ނުދައްކައެވެ. އަދި ނޭފަތް ހިރުވުމާއި ލޮލަށް އުނދަގޫވުންވެސް ވަނީ ފިލައިފައެވެ! ހަމަ އެންމެ ބޭސް ގުޅައަކާއިވެސް ނުލައެވެ! 

ކޮންމެ މީހަކަށް އެއްގޮތަކަށް ކަންކަން މެދުވެރި ނުވެދާނެއެވެ! އިންސާނުން ބަލިވެސް ވާނެއެވެ! ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ސުވަރުގެ ވަޑައިގެންނެވީވެސް ނުހަނު ގަދަ އާލާސްކަންފުޅާއި އުޅުއްވެވުމަށްފަހުގައެވެ. އަހަރެމެން އުންމީދުކުރަންވީ ﷲ ތަޢާލާގެ ރަޙްމަތަށެވެ! އަވަސް ޝިފާއަށެވެ! އެކަމަށް އޮތް މަގަކީ ﷲ ތަޢާލާއަށް އިޚްލާޞްތެރިކަން އިތުރުކުރުމެވެ! ހެޔޮ މަގުގައި ސާބިތުވެ ހުރުމަށް މަސައްކަތްކުރުމެވެ. 

(މިލިޔުން ލިޔުނީ މިއަދުނޫހަށް ވަރަށް އިތުބާރު ކުރެވޭ މީހަކު އޭނާއަށް ދިމާވި ޙާލަތުކަމަށް ބުނެ ދީފައިވާ މައްލޫމާތުގެ މައްޗަށެވެ!)

މިއަދު އޮންލައިން