ފާފަފުއްސަވައި ރަޙްމަތް ލެއްވެވުން އެދި ކުރަން އެންމެ މުޖައްރިބް އެއް ދުޢާ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 25ސ
ފާފަފުއްސަވައި ރަޙްމަތް ލެއްވެވުން އެދި ކުރަން އެންމެ މުޖައްރިބް އެއް ދުޢާ-

މީސްތަކުންނޭވެ ފުރަތަމަވެސް މިއާޔަތަށް ވިސްނައިލާށެވެ! 

"އެ ދެކަނބަލުން ދެންނެވިއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ އަމިއްލަ ނަފްސްތަކަށް އަޅަމެން އަނިޔާވެރި ވެއްޖައީމުއެވެ. އަދި އަޅަމެންނަށް އިބަރަސްކަލާނގެ ފާފަ ނުފުއްސަވައިފިނަމަ، އަދި ރަޙްމަތް ނުލައްވައިފިނަމަ، އަޅަމެންވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ." (އަލް އަޢްރާފް: 23) 

މިއާޔަތުގައި މިވަނީ ﷲ ތަޢާލާގެ ޙަޟްރަތުގައި ސުވަރުގޭގައި ތިއްބަވައިގެން އާދަމްގެފާނުގެ ދެކަނބަލުންނަށް ކުށެއް ކުރެއްވެވުނު ހިނދު ފާފަފުއްސަވައިދެއްވެވުން އެދިގެން ﷲ ތަޢާލާއަށް ދެންނެވި ދެންނެވުމެވެ. ވަޤުތުން ދުޢާ ޢިޖާބަކުރެއްވެވިއެވެ. އާދަމްގެފާނާއި ޙައްވާގެފާނު ބިމަށް ފޮނުއްވެވުނީ އެ ދެ ކަނބަލުން ކުރެއްވި ދުޢާ ﷲ ތައާލާ އިޖާބަ ކުރައްވަވައި ފާފަ ފުއްސަވައިދެއްވަވައި ދެކަނބަލުންނަށް ރަޙްމަތް ލެއްވެވުމަށްފަހުގައެވެ. 

އަބަދުވެސް ވިސްނަންވީ ހަމަ މިއާޔަތަށާއި ކީރިތި ޤުރްއާނުގައި ހުރި މިފަދަ އާޔަތްތަކަށެވެ. "އެ ދެކަނބަލުން ދެންނެވިއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ އަމިއްލަ ނަފްސްތަކަށް އަޅަމެން އަނިޔާވެރި ވެއްޖައީމުއެވެ." މި ޢިބާރާތުން އެނގިގެންދަނީ ފުރަތަމަ ކަމަކަށް އޮތީ އެމީހަކަށް ކުރެވިފައިވާ ފާފަތަކަށް ހިތާމަކޮށް ތައުބާވުން ކަމެވެ. 

"--އަދި އަޅަމެންނަށް އިބަރަސްކަލާނގެ ފާފަ ނުފުއްސަވައިފިނަމަ، އަދި ރަޙްމަތް ނުލައްވައިފިނަމަ، އަޅަމެންވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ." މިއީ ހަމަ ޔަޤީންކަމެކެވެ.  ﷲ ތައާލާ ރަޙްމަތް ނުލައްވަވައިފިނަމަ އެއްވެސް މީހަކަށް ކުރިމަތިވާ އެއްވެސް މުޞީބާތްތަކުން ސަލާމަތްކަން ލިބޭނެ ހަމަ އެއްވެސް ގޮތެއް ނެތެވެ. 

ދުޢާ: 

رَبَّنَا ظَلَمْنَا أَنفُسَنَا وَإِن لَّمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ 

"އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ އަމިއްލަ ނަފްސުތަކަށް އަޅަމެން އަނިޔާވެރި ވެއްޖައީމުއެވެ. އަދި އަޅަމެންނަށް އިބަރަސްކަލާނގެ ފާފަ ނުފުއްސަވައިފިނަމަ، އަދި ރަޙްމަތް ނުލައްވައިފިނަމަ، އަޅަމެންވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ." 

މި ދުޢާއަށް "އާދަމްގެފާނު ދުޢާ" ގެ ނަމުންވެސް ކިޔައެވެ. 

ތައުބާވުމަށް އަވަސްވެގަންނާށެވެ! ﷲ ތަޢާލާގެ ރަހްމަތަށް އެދި ދުޢާކުރުން ގިނަކުރާށެވެ! މިއާޔަތަކީ، މިއާޔަތުގައިވާ ދުޢާއަކީވެސް އެކަމަށް އޮތް ވަރަށް ފުރިހަމަ އާޔަތެކެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން