ފައިސާއިން ގަނެވޭނީ ހަށިގަނޑެވެ! ހިތް ގަނެވޭނީ ތަފާތު ފައިސާއަކުންނެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 26ސ
ފައިސާއިން ގަނެވޭނީ ހަށިގަނޑެވެ! ހިތް ގަނެވޭނީ ތަފާތު ފައިސާއަކުންނެވެ!

ބައެއް ފިރިހެނުން ހީކުރަނީ އޭނާގެ ތަނަވަސްކަން ހުރިނަމަ ކޮންމެ އެއްޗެއްވެސް ގަނެވިޑާނެ ކަމަށެވެ. އަންހެނުންގެ ހިތްވެސް ގަނެވިދާނެ ކަމަށެވެ. ޙަޤީޤަތަކީ ކިތަންމެ ބޮޑު ތަނަވަސްކަމެއް ލިބިފައިވީނަމަވެސް އެތަނަވަސްކަމުން އެއްވެސް އަންހެނެއްގެ ހިތް ނުގަނެވޭނެ ކަމެވެ. 

އެހެނެއް ނޫނެވެ. ތަނަވަސްކަން ހުރިނަމަ ފައިސާއަށް ދަހިވެތި އަންހެނުންގެ ހަށިގަނޑު ގަނެވިދާނެއެވެ. އެއަންހެނަކު ލައްވައި އެމީހަކު ބޭނުން ކޮންމެ ކަމެއްވެސް ކުރެވިދާނެއެވެ. އަޅުވެތިކޮށްގެންވެސް ގެންގުޅެވިދާނެއެވެ. 

މިމައްސަލައިގައި ވަރަށް ގިނަ ބަހުސްތައް ކުރެވެއެވެ. ތަފާތު ދިރާސާތައްވެސް ކުރެވެއެވެ. ހުރިހާ ކަމަކުންވެސް އެނގެނީ އެންމެ ކަމެކެވެ. އެއީ އަންހެނެއްގެ ވިޔަސް ފިރިހެނެއްގެ ވިޔަސް ހިތް ގަނެވޭނީ ލޯތްބާއި އަޅައިލުން ދީގެންކަމެވެ. ސަމާލުކަންދީގެންކަމެވެ. އަދި ދިރިއުޅުމުގައި ވަފާތެރިވެސްވެގެންކަމެވެ. 

ތަނަވަސްކަން ހުރިނަމަ އެމީހަކު ބޭނުން އަންހެނަކު ގަނެލެވިދާނެކަމަށް ޤަބޫލުކުރުމަކީވެސް ރަނގަޅު ގޮތެއް ނޫނެވެ. މިޒަމާނުގައި ގަނެލެވޭނެ އަންހެނުން ގިނަވެދާނެއެވެ. ނަމަވެސް އަދިވެސް ހަމަ މިޒަމާނުގައިވެސް ގަނެނުލެވޭ އަންހެނުންވެސް މަދެއް ނޫނެވެ. 

އެކަން އެނގެނީ ތަނަވަސް މީހުން ގުޅެން ބޭނުންވެގެން ތިއްބައި އެމީހުންނަށް ނޫނެކޭބުނެ އޭނާ ލޯބިވާ މީހަކާއި ކައިވެނިކުރަމުން ގެންދާތީއެވެ. ހަމަ އެފަދައިން ފައިސާގެ ދަހިވެތިކަމުގައި ބޮހުންނަށް ވިކޭ އަންހެނުން ގިނަނަމަވެސް ބޮސްގެ ކިބައިން އެފަދަ ކަންކަން ފެނުމުން ކޮންމެ ގޮތެއް މެދުވެރިވި ނަމަވެސް ވަޒީފާ ދޫކޮށްލާ އަންހެނުންގެ ޢަދަދު މަދެއްވެސް ނޫނެވެ. 

މިވާހަކަކޮޅު ބަޔާން މިކުރީ ބަހުސަކަށް ދާކަށް ނޫނެވެ. ހަށިގަނޑާއި ހިތަކީ އެކައްޗެއް ކަމަށް ޤަބޫލުކުރާ މީހުންނަށް ވިސްނައިދެވޭތޯއެވެ! ހަށިގަނޑާއި ހިތަކީ ވަކިއެއްޗެކެވެ. ފައިސާއަށް ގަނެވޭނީ ހަށިގަނޑެވެ. ހިތެއް ނުގަނެވޭނެއެވެ. ހިތް ގަނެވޭނީ ހަމަ ކުރިންވެސް މިބުނި މަގުންނެވެ. އެހެންވެ ތަކުރާރުކޮށްލާނަމެވެ. ހިތް ގަނެވޭނީ ލޯތްބާއި އަޅައިލުމާއި،  ސަމާލުކަމާއި  އަދި ދިރިއުޅުމުގައި ވަފާތެރިވެސްވެގެންކަމެވެ. 

އަދި އެއްވާހަކަ ބުނެލާނަމެވެ. އަނެކާގެ ހިތް މިބުނިމަގުން ގަނެލެވިއްޖެނަމަ ހަށިގަނޑުވެސް އެއޮތީ ގަނެވިފައެވެ. އެކަމަކު ތަނަވަސްކަމުގެ ބޭނުންހިފައިގެން ހަށިގަނޑު ގަންނަ މީހުންނަކަށް އެމީހުންގެ ހިތެއް ހަމަ ނުގަނެވޭނެއެވެ. 

އެންމެ މުހިންމު އެއްވާހަކައަދި އޮތީއެވެ. އެވާހަކައަކީ ތަނަވަސް ފިރިހެނުންނާއި ލޯބިވެގެން ކައިވެނިކުރިނަމަވެސް އެމީހުންގެ ތަނަވަސްކަން ކިތަންމެ ބޮޑު ނަމަވެސް ލޯތްބާއި އަޅައިލުމާއި،  ސަމާލުކަމާއި  އަދި ދިރިއުޅުމުގައި ވަފާތެރިކަން ނެތްނަމަ ބައިވެރިޔާގެ ހިތް އެމީހެއްގެ އަތުން ބީވެގެންދާނެއެވެ. ވަރިނުވެ ހުރިނަމަވެސް ހުންނާނީ އޭނާގެ ހަށިގަނޑެވެ. 

މިހިސާބުން މިހުރިހާ ވާހަކަތަކެއް ދެއްކި މަޤްޞަދުވެސް ހާމަކޮށްލާނަމެވެ. އެއީ ކޮންމެ ދެމަފިރިއަކުވެސް ބައިވެރިޔާގެ ހިތް ޙާޞިލްކުރަން ބޭނުންނަމަ ލޯތްބާއި އަޅައިލުމާއި،  ސަމާލުކަމާއި  އަދި ދިރިއުޅުމުގައި ވަފާތެރިވުން ކުރިއަށް ނެރެން ބުނުމެވެ. ހިތް ގަތުމަށް ބޭނުންވާ ފައިސާއަކީ މިކަންކަމެވެ. މިނޫން ފައިސާއަކުން ހިތެއް ނުގަނެވޭނެއެވެ. ކައިވެނީގެ މަޤްޞަދު ޙާޞީލްކުރެވި ހުތްހަމަޖެހޭ ދިރިއުޅުމެއް ލިބޭނީ މިފައިސާ ހޭދަކުރުމުގެ ދީލަތިވިވަރަކުންނެވެ.

 

- އަލަފް / މިއަދުނޫސް

 

މިއަދު އޮންލައިން