އެކުވެރިންގެ ލިސްޓުގެ އެންމެ ކުރިއަށްލާންޖެހޭނެ މީހާ- ނަމަނަމަ އޮޅުވާނުލާތި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
އެކުވެރިންގެ ލިސްޓުގެ އެންމެ ކުރިއަށްލާންޖެހޭނެ މީހާ- ނަމަނަމަ އޮޅުވާނުލާތި!

ބުއްދިވެރިންގެ ތެރެއިންވެސް އެންމެ އަރާހުރި މީހަކީ ކާކުކަމާއިމެދު ސުވާލުކޮށްފިނަމަ ގިނަ ބައަކު ދައްކާނީ އެންމެ ތަނަވަސް ނުވަތަ އެންމެ މަތީ މަޤާމުތަކުގައި ތިބި މީހުންގެ ވާހަކައެވެ. ނަމަވެސް އެއީ ދިރިއުޅުމަށް އެންމެ ފައިދާކުރާނެ ވިސްނުމެއް ނޫނެވެ. 

ޙަޤީޤަތުގައި އެންމެ ބޮޑު ބުއްދިވެރިއަކީ އެމީހެއްގެ ނަފްސް އިޞްލާޙްކުރަން މަސައްކަތްކުރާ މީހާއެވެ. ދެމަފިރިންގެ މެދުގައި މައްސަލައެއް ޖެހުނަސް އަނެކާ ކުށްވެރިކުރުމުގެ ކުރިން އެކަމުގައި އޮތް ތިމާގެ ކުށަކީ ކޮބައިކަމާއިމެދު ވިސްނާ މީހުންނެވެ. އަދި ތިމާގެ ކިބައިގައި އެއްވެސް ކުށެއް އޮތްނަމަ އެކަން އިޞްލާޙްކުރަން އަމިއްލައަށް މަސައްކަތްކުރާ މީހުންނެވެ. 

ތިމާގެ ކިބައިގައި ހުންނަ އުނިކަންކަން އިޞްލާޙްކުރަން އެންމެ ބޮޑަށް ފަސޭހަވާނީ އެމީހަކަށެވެ. ތިބާއަށް ހެޔޮއެދިގެން އެހެން މީހުންނަށް ކުރެވޭނެ ކަމަކީ ތިބާގެ ކިބައިގައި ހުންނަ އުނިސިފަތައް ބުނެދިނުމެވެ. އަދި އެކަމެއް އިޞްލާޙްކުރަން ކުރެވިދާނެކަމަށް އޭނާއަށް ފެންނަ ކަންކަން ބުނެދިނުމެވެ. އިޞްލާޙްކުރުމުގެ ބާރު އޮންނާނީ އެމީހެއްގެ އަތްމަތީގައެވެ. 

ތިބާގެ ކިބައިގައި ހުރި އުނިސިފައެއް މީހަކު ފާހަގަކޮށްދީފިނަމަ ފުރަތަމަ ކަމަކަށްވެސް އެމީހަކަށް އިނާމުދޭށެވެ! އަދި އެކުވެރިންގެ ލިސްޓުގެ އެންމެ ކުރިއަށް އެމީހަކުލާށެވެ! ސަބަބަކީ އެކަކު އަނެކަކަށް ކޮށްދެވޭނެ އެންމެ ބޮޑު ހެޔޮކަމަކީ އަނެކާއަށް ކުރެވޭ ކުށާއި އިޞްލާޙްކުރަންޖެހޭ ކަންކަން ބުނެދިނުމެވެ. 

ނަމަވެސް މިހާރަކަށް އައިސް ގިނައިން މިފެންނަނީ ތިމާގެ ކިބައިގައި ހުރި އިޞްލާޙްކުރަންޖެހޭ ކަމެއް ފާހަގަކޮށްފިނަމަ އެމީހަކު ދެކެ ރުޅިއައުދެވޭތަނެވެ. އެކުވެރިންގެ ލިސްޓުގެ އެންމެ ފުލަށް އެމީހަކު ލާތަނެވެ. މިއީ ކުރެވޭނެ އެންމެ ދެރަ އެއް ކަންތަކެވެ. އެއިރުން އެބުނެވެނީ ތިމާއަކީ އިޞްލާޙްވާން ބޭނުންނުވާ މީހަކުކަމެވެ. 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން