ވަރަށް ލޯބިން އުޅެމުން ކައިވެނިކޮށް ޒަވާޖީ ޙަޔާތަކަށް ފަށާތާ ކުޑަދުވަސްކޮޅެއްގެ ތެރޭގަ އިސާހިތަކު ބޮޑު ޠޫފާނަކަށް ބަދަލުވަމުން މިދަނީ ކީއްވެ؟: ޑރ. ޔާސިރު ޤާޟީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 2ސ
ވަރަށް ލޯބިން އުޅެމުން ކައިވެނިކޮށް ޒަވާޖީ ޙަޔާތަކަށް ފަށާތާ ކުޑަދުވަސްކޮޅެއްގެ ތެރޭގަ އިސާހިތަކު ބޮޑު ޠޫފާނަކަށް ބަދަލުވަމުން މިދަނީ ކީއްވެ؟: ޑރ. ޔާސިރު ޤާޟީ

ބައެއް މީހުން ވަރަށް ބާރަށް ބުނެއެވެ. އަހަރެން އަންތބަކު އެއްގޮތަކަށްވެސް ބޭނުމެއް ނޫނެވެ. އެކަނި މާއުފަލުގައި އުޅެވޭނެއެވެ. ނަމަވެސް މިއީ ވަރަށް ބޮޑު ކުށް ހީއެކެވެ. އެހެނީ އަންތބަކު ނެތި ޙަޔާތުގެ އުފާވެރިކަމެއް ނުލިބޭނެއެވެ! އެފަދަ މީހަކު ވާނީ އެއްބައި މަދު މީހަކަށެވެ. 

މިކަމުގެ ދަލީލަކީ އާދަމްގެފާނު އުފައްދަވައި ސުވަރުގެ ވެއްދެވުމުގެ ކުރިން ހައްވާގެފާނު އުފެއްދެވިކަމެވެ. އަދި ދެކަނބަލުން އެކުގައި ސުވަރުގެ ވަދެވަޑައިގަތުމަށް އެންގެވި ކަމެވެ. ސުވަރުގޭގައި ވެސް އުފާވެރިކަން ލިބޭނީ އެކަނި ނޫން ކަމާއި ބައިވެރިއަކާއިއެކުގައިކަން ﷲ ތަޢާލާ ދެނެވޮޑިގެންވާ ކަމެވެ.

މީސްތަކުންނޭވެ! ﷲ ތަޢާލާ ބޭނުންފުޅުވެވޮޑިގެންނެވި ނަމަ ކޮންމެ ގޮތަކަށް ވެސް ޙައްވާގެފާނު އުފެއްދެވުނީހެވެ. ނަމަވެސް އާދަމްގެފާނުގެ ކަށިގަނޑަކުން ޙައްވާގެފާނު އުފެއްދެވީ ކީއްވެގެން ހެއްޔެވެ؟ 

އެކަމުން އަންގައިދެނީ ދެމަފިރިން އެކަކު އަނެކަކު ދެކެ ލޯބިވާންޖެހޭނެ މިންވަރެވެ! ދެ ހަށިގަނޑެއް ނަމަވެސް އުފެދިފައި މިވަނީ އެއް ހަށިގަނޑަކުން ކަމެވެ. އެއް ހަށިގަނޑަކުން އުފެއްދެވި 2 ނަފްސަށް ލޯބިން އެކުގައި ނުއުޅެވެންވީ ކީވެގެން ހެއްޔެވެ؟ ތިމާމެން ﷲ ތަޢާލާ އުފެއްދެވި ގޮތާއިމެދު ވިސްނައިލި ނަމަވެސް ދެމީހުންގެ މެދުގައި ގުޅުން އޮންނަން ޖެހޭނެ މިންވަރު އެނގިގެން އެބަދެއެވެ. 

ވީމާ އުފާވެރި ޙަޔާތަކަށް އެދޭނަމަ ދެމީހުން ވެސް އެކަކު އަނެކަކު ދެކެ ލޯބިވާށެވެ! އެކަކު އަނެކަކަށް ތެދުވެރިވެ ވަފާތެރިވާށެވެ! ފިރިހެނެއް ނަމަވެސް އަންހެނެއް ނަމަވެސް އެކަނި ދިރިއުޅެން ނުވިސްނާށެވެ! އެކަނި ދިރިއުޅޭ ދިރިއުޅުމަކުން ޙަޔާތުގައި ލިބެން ޖެހޭ ހިތްހަމަޖެހުމެއް ނުލިބޭނެއެވެ. އެއީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫންކަމުގެ ދަލީލު ކުރިން މި ބަޔާންކުރީއެވެ. 

ވީމާ ކޮންމެ ދެމަފިރިއަކީވެސް އެކުގައި ފިސާރި ލޯބިން ދިރިއުޅޭ ބައަކު ކަމުގައިވާށެވެ! 

"އޭ މީސްތަކުންނޭވެ! ތިއަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިއަބައިމީހުން ތަޤްވާވެރިވާށެވެ! އެކަލާނގެއީ، އެންމެ ނަފްސަކުން ތިއަބައިމީހުން ހެއްދެވި ރަސްކަލާނގެއެވެ. އަދި، އެ ނަފްސްގެ ކިބައިން އޭގެ އަނެއް ޖިންސް  ހެއްދެވިއެވެ. އަދި، އެ ދެކަނބަލުންގެ ކިބައިން، ގިނަ ފިރިހެނުންނާއި، ގިނަ އަންހެނުން ފެތުރުއްވިއެވެ. އަދި، ތިއަބައިމީހުން ﷲ އަށް ތަޤްވާ ވެރިވާށެވެ! އެކަލާނގެއީ، އެކަލާނގެ މެދުވެރިކޮށް ތިއަބައިމީހުން އެކަކު އަނެކަކާ ސުވާލު ކޮށް، ކަންކަމަށް އެދިއުޅޭ ރަސްކަލާނގެއެވެ. އަދި، ތިމާގެކަމުގެ ގުޅުންތަކަށް ތިއަބައިމީހުން ރައްކާތެރިވާށެވެ! ހަމަކަށަވަރުން، ތިއަބައިމީހުންގެ ކަންތައް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައި، ﷲ ވޮޑިގެންވެއެވެ." (އައްނިސާ: 1)

 

- ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން

 

މިއަދު އޮންލައިން