މީހުންގެ ކުށްތައް ބޭޒާރު ނުކުރުމުން ލިބެން އޮތް އުފާވެރިކަން މާބޮޑު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
މީހުންގެ ކުށްތައް ބޭޒާރު ނުކުރުމުން ލިބެން އޮތް އުފާވެރިކަން މާބޮޑު!

ކިތަންމެ ގާތް އެކުވެރިންގެ ގޮތުގައި އުޅެފައިވެސް އަނެކާ ދެކެ ކިތަންމެ ކުޑަކަމަކާއިހުރެ ހިތްހަމަ ނުޖެހުނަސް ގިނަ ބައަކަށް އަވަސްވެގަނެވެނީ އެކުވެރިޔާގެ ކުށްތައް ބޭޒާރުކުރުމަށެވެ. އަދި ގިނަފަހަރު އަމިއްލަ ޢާއިލާގެ ތެރޭގައިވެސް ހަމަ އެގޮތަށް ކަންތައްކޮށް ތިމާގެ އަޚު ނުވަތަ އުޚުތާ ބޭޒާރުކޮށްލައެވެ. 

ބުއްދިވެރިއަކު ބުނެފައިވާ ބަސްކޮޅެއް ހާމަކޮށްލާނަމެވެ. 

"މީހުންގެ ކުށްތައް ހާމަކުރަން މަޖުބޫރުވާ ޙާލަތުގައިވެސް އަހަރެން އެކަމެއް ނުކުރަމެވެ! އެއީ މީހެއްގެ ކުށް ބޭޒާރުކޮށްގެން ލިބިދާނެ ކުޑަކުޑަ ވަގުތީ ހިތްހަމަޖެހުމަކަށްވުރެ އަހަރެންގެ ފާފަތައް ﷲ ތަޢާލާ ސިއްރުކޮށް ދެއްވެވުމުން ލިބެން އޮތް އުފާ މާބޮޑުވާނެތީ އެކަމުގެ ދަހިވެތިކަމުގައެވެ." 

ރުޅި އަންނަހިނދު އަނެކާއަށް ކުރެވިފައިވާކަން ތިމާއަށް އެނގޭ ކުށްތައް ތިބާ ބޭޒާރުކޮށްލާއިރު ވިސްނައިލާށެވެ. ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ ކިތައް ޢަމަލު ތިބާއަށް ކުރެވޭ ހެއްޔެވެ؟ އެއިން ކޮންމެ ފަހަރަކު ﷲ ތަޢާލާ ތިބާ ބޭޒާރުކުރައްވަވާނަމަ ތިބާގެ ޙާލަކީ ކޮބައިހެއްޔެވެ؟ 

އެއިގެ އިތުރުން މީސްތަކުންގެ ޢައިބުތައް ސިއްރުކޮށްދިނުމަކީ ޤިޔާމަތް ދުވަހު އެމީހެއްގެ ޢައިބުތައް ﷲ ތަޢާލާ ސިއްރުކޮށްދެއްވަވާނެ ކަމެކެވެ. އިން ޝާ ﷲ. އެއަށްވުރެ އުފާވާނެ ވަޤުތަކީ ކޮބައިހެއްޔެވެ؟ 

ދަންނާށެވެ! ސިއްރަކީ އަމާނާތެކެވެ. ސިއްރު ބޭޒާރުކުރުންވާނީ ޚިޔާނާތަކަށެވެ. ވީމާ މީހަކާއިމެދު ކިތަންމެ ބޮޑަށް ހިތްހަމަނުޖެހުނަސް، އެކުވެރިއަކާއި ވަކިވިޔަސް ސިއްރުތައް ބޭޒާރުނުކުރާށެވެ! ބޭޒާރުކުރުމުން ލިބިދާނެ ވަޤުތީ ހިތްހަމަޖެހުމަކަށްވުރެ ބޭޒާރު ނުކުރުމުން ކުރާނެ ފައިދާ މާބޮޑުކަން މިހާރުވެސް ބުނެދެވިއްޖެކަމަށް ހީކުރަމެވެ. 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން