މުޖުތަމަޢަށް އަމާންކަން ލިބޭނީ، މުޖުތަމަޢުގެ ކޮންމެ ފަރުދަކު ރަނގަޅު މީހަކަށް ވެގެންނެވެ. ކޮންމެ މީހެއްގެ ވަށައިގެން ދިރިއުޅޭ މީހުންނަށް، އަމާންކަމާއި ސަލާމަތްކަން ލިބިދޭ މީހަކަށް ވެގެންނެވެ. ކޮންމެ މީހެއްގެ މޫނުމަތިން އަނެކާއަށް ހިނިތުންވުން ލިބިދެވިގެންނެވެ. ކޮންމެ މީހަކު ވެސް މުޖްތަމަޢު އެއްބައިވަންތަ ކުރުމަށް އެދިގެންނެވެ.
ދިވެހިރާއްޖޭގެ ބިމަކީ، ބަރަކާތްތެރި ފަސްގަނޑެކެވެ. މާތް ﷲ ވަނީ މި ފަސްގަނޑު ސައްތައިން ސައްތަ އިސްލާމީ ފަސްގަނޑެއް ކަމުގައި ލައްވައިފައެވެ.
މި ވަޠަން މި ޢަޤީދާއިން ބޭރަށް ލެވޭތޯ މަސައްކަތްކުރާ ޖަމާޢަތްތަކާއި، ޖަމްޢިއްޔާތައް ވަރަށް ގިނައެވެ. މި ފަދަ ނުބައި ރޭވުންތަކުން މި ވަޠަން ސަލާމަތް ކުރުމަށް ޓަކައި، އަހަރެމެން އެކަތިގަނޑަކަށް ވާން އެބަޖެހެއެވެ. މިކަމުގައި އަހަރެމެންގެ ބަސް އެއް ބަހަކަށް ހަދަން އެބަޖެހެއެވެ.
އަހަރެމެންގެ ފަރުދީ އުނިކަން ފޫބެއްދުމަށް ޓަކައި، އެކަކުއަނެކަކަށް އެހީތެރިވެ އަޅައިލާން އެބަޖެހެއެވެ. ދޭދޭ ފަރުދުންގެ މެދުގައި ހުރި ޚިލާފުތަކާއި ދެބަސްވުންތައް އެއްފަރާތްކޮށް، ޖަމާޢަތުގެ މަޞްލަޙަތު އިސްކޮށް، ފަހިމަގުން ކަންކަން ހިންގަން އެބަޖެހެއެވެ.
ވަޠަނަށްޓަކައި ކޮންމެ މީހަކު އަދާކޮށްދޭން ޖެހޭ ވާޖިބުތަކުގެ ތެރޭގައި، ޤައުމު ބިނާ ކުރުމުގައި ބައިވެރިވެ، ކޮންމެ މީހަކު ވެސް އެމީހެއްގެ ޙިއްޞާ އަދާކުރުން ވެއެވެ. ޤައުމު ބިނާކުރުމުގައި ބައިވެރި ވުމަކީ، ﷲ އިންސާނާއާ ޙަވާލުކުރައްވާފައިވާ ދުނިޔެ އާރާސްތުކުރުމުގެ މަސައްކަތުގައި ބައިވެރިވުމެވެ.
ކޮންމެ މީހަކު ވެސް ޤައުމު ބިނާކުރުމަށްޓަކައި ކުރެވެން އޮތް ކޮންމެ ކަމެއް ކުރުމަކީ އޭނާގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. ޤައުމު ބިނާކުރުމުގެ މަސައްކަތަކީ، މީހާގެ ޤާބިލުކަމާއި، ހުނަރުވެރިކަމާ ގުޅިފައިވާ ކަމެކެވެ.
ޞާލިޙު އިންސާނުންތަކެއް ބިނާކުރުމާއި، ކޮންމެ މީހަކުވެސް ޤައުމަށް ފައިދާ ހުރި މަސައްކަތެއް ކުރުމަކީ ވެސް ޤައުމު ބިނާކުރުމުގެ ތެރޭގައި ގުނޭނެ ކަންކަމެވެ.
ތަޢުލީމު ޙާޞިލުކުރުމަށް ފަހު، ޤައުމަށް އޭގެ ފައިދާ ހޯދައިދިނުމާއި، ޤައުމުގައި ރިވެތި އަޚްލާޤާއި، އަބުރުވެރި ދިރިއުޅުމެއް ފެތުރުމާއި، ދޭދޭ ފަރުދުންގެ މެދުގައި ގުޅުންތައް ރަނގަޅުކޮށް، ބަދު އަޚްލާޤީ ޢަމަލުތަކުން ޤައުމު ޠާހިރު ކުރުމަށް މަސައްކަތް ކުރުން ވެސް ޤައުމު ބިނާކުރުމުގެ ތެރޭގައި ހިމެނެއެވެ.