މާލެ ސަރަހައްދުގައި ހުންނަ ވެމްކޯގެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތަކުން ނަގާ ފީ ކުޑަކޮށްފިއެވެ.
މިކަމާގުޅިގެން ވެމްކޯއިން ބުނެފައިވަނީ މާލެއާއި ހުޅުމާލެއާއި ވިލިމާލޭގައި ހުންނަ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތަކުން ނަގާ ޚިދުމަތުގެ ފީ މިމަހުން ފެށިގެން ކުޑަވާނެކަމަށެވެ. އެގޮތުން މީގެ ކުރިން ޓްރާންސްފަރ ސްޓޭޝަންތަކަށް ޢާންމުން ގެންނަ ކުނި ޓަނަކަށް 1060 ރުފިޔާ ނެގިނަމަވެސް މިއަދުން ފެށިގެން ނަގާނީ 750 ރުފިޔާކަމަށެވެ.
އަދި ކުނި އުކާލުމުގެ ޚިދުމަތް ފޯރުކޮށްދޭ ފެސިލިޓީތަކުން، ކުނި އުކާލަން އަންނަ ކޮންމެ އުޅަނދަކަށް ޢާންމުންނަށާއި، ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ނަގާނީ 150 ރުފިޔާގެ ފީއެއް ކަމަށް އެ ކުންފުނިން ބުނެއެވެ.
ވެމްކޯގެ ޓްރާންސްފަރ ސްޓޭޝަންތަކުން ނަގާ ފީ ކުޑަކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.