ޝަޢުބާން މަހުގެ 15 އިން ފަސްވީމާ ސުންނަތް ރޯދަ ހިފުން ހުއްދަވެގެންވަނީ ކުރިންސުރެ އެމީހަކު ސުންނަތް ރޯޑަ ހިފަމުން އައި ގޮތެއްގެމަތީންނެވެ. މިޘާލަކަށް ހޯމަ، ބުރާސްފަތީގައި ހިފަމުން އަންނަ މީހުން ހަމަ ހިފަމުން ގެންދަންވީއެވެ. ނަމަވެސް ކުރިންސުރެ ސުންނަތް ރޯދަ ނުހިފާ މީހުންނަށް މިހާރު މިއޮތީ މިއަހަރަށް އެފުރުޞަތު ގެއްލިފައެވެ.
ސުންނަތް ރޯދަތައް ކުރިހިފަމުން އައިސްފައި ނުވާ މީހުންނަށް މިއަހަރަށް ފުރުޞަތު ބަންދުވުމުން ބުނެލަން ބޭނުންވަނީ މިހާރުންސުރެ އަންނަ އަހަރު (މިއަހަރުގެ ރަމަޟާން މަސް ނިމުމުން) ސުންނަތް ރޯދަތައް ހިފަން މިހާރުން ފެށިގެން ތައްޔާރުވާން ފަށާށެވެ! އެކަމަށް މިހާރުންސުރެ ނިޔަތްގަންނާށެވެ!
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ކޮންމެ މަހެއްގެ 13،14،15 މި 3 ދުވަހުގައާއި ހޯމަދުވަހާއި ބުރާސްފަތި ދުވަހު ސުންނަތް ރޯދަ ހިފަން ނިކަން ފަށައިބަލާށެވެ! ދިރިއުޅުމަށް އަންނަ ހެޔޮ ބަދަލުތައް ފެންނަން ފަށާނެއެވެ! އިން ޝާ ﷲ
ރަނގަޅަށް ދިރާސާކުރާށެވެ! ސުންނަތް ރޯދަހިފުން ގިނަކުރުމަށްވުރެ ފައިދާހުރި ސުންނަތް އަޅުކަމެއް ނުވެއެވެ. ހިފާ ކޮންމެ ރޯދައަކަށް އިމެއް ނެތި ޘވާބު ދެއްވަވައެވެ. ހިފާރޯދަތަކަށް ޘވާބު ދެއްވަވާނެވަރު ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ.
އެއިގެ އިތުރުން ހިފާ ކޮންމެ ރޯދައެއް އެމީހާ އާއި ނަރަކަ 70 އަހަރުގެ ރާސްތާއަށް ދުރުކޮށްދެއެވެ. ސުންނަތް ރޯދަތައް މިބުނި މަގުން ހިފާނަމަ ކޮންމެ މަހަކަށް އެމީހަކާއި ނަރަކަ ދުރުކުރައްވަވާނެވަރު ނިކަން ހިތަށް ގެނެސްބަލާށެވެ!
އުންމީދަކީ މި ކުރުކުރު ނަޞޭޙަތްކޮޅު އަޑުއެހިމީހުން މިބުނި މަގުން ޢަމަލުކުރަން ފެށުމެވެ.
--މުފްތީ މެންކުގެ ދަރުސަކުން