ރޯދައަށް ތައްޔާރުވުން: ރޯދަހިފަން ފެށުމުގެ ކުރިން ޢާއިލީ މައްސަލަތައް ހަމަޖައްސައި ދެމަފިރިންވެސް އަނެކާގެ ކިބައިން މާފު ހޯދައި ހިތްޙަލާލްކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
ރޯދައަށް ތައްޔާރުވުން: ރޯދަހިފަން ފެށުމުގެ ކުރިން ޢާއިލީ މައްސަލަތައް ހަމަޖައްސައި ދެމަފިރިންވެސް އަނެކާގެ ކިބައިން މާފު ހޯދައި ހިތްޙަލާލްކުރާށެވެ!

ރޯދައަށް ތައްޔާރުވުމުގެ ގޮތުން ފުރަތަމަ ކަމެއްގެ ގޮތުންވެސް ޟީސްތަކުންގެ ޙައްޤުތައް އަދާކޮށް ހިތްޙަލާލު ހޯދުމުގެ މުހިންމުކަން ގިނަ ޢިލްމުވެރިން ފާހަގަ ކުރައްވައެވެ. އެހެން މީހުންގެ ޙައްޤުތަކަށް ބަލާއިރު އެންމެ މުހިންމީ އެންމެ ގާތުގައި ތިބި މީހުންގެ ޙައްޤުތަކެވެ. އަނބިދަރިންނާއި މައިންބަފައިންނާއި ފިރިމީހާ އާއި ޢާއިލާގެ އެންމެންގެ ޙައްޤުތަކެވެ. ނަމަވެސް އެކަމަށް ވިސްނައިލެވެނީ މަދުމީހަކަށެވެ.

ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ގިނަ ކަންތައްތަކެއް އަހަރެމެން ކުރަމުއެވެ. ނަމަވެސް ރަމަޟާން މަހަށް ތައްޔާރުވުމަށްޓަކައި ޢާއިލީ މައްސަލަތައް ހަމަޖައްސައި ދެމަފިރިން އެކަކުއަނެކެއްގެ ކިބައިން މާފަށް އެދުމާއި މާފުކުރުމާއި ހިތްސާފުކުރުން އޮންނަނީ ހަނދާންނެތިކޮށްލެވިފައެވެ.

އަހަރެންގެ ނަޒަރުގައި އެއީ އެންމެ މުހިންމު ކަންތަކެވެ. ރަމަޟާންމަހަށްޓަކައި ކުރަން އޮތް އެންމެ މުހިންމު އެއްކަމަކީ އެންމެންނަށް ހިތްސާފުކުރުމެވެ. އެންމެންނަށް މާފުކުރުމެވެ. އަމިއްލަ ޢާއިލާ ހިމެނޭ ގޮތަށް އެއްވެސް މީހަކާއިމެދު ހިތުގައި ހަސަދަވެރިކަމެއް ނުބޭއްވުމެވެ.

ދިރިއުޅުމަށްބަލައިފިނަމަ އަބަދުވެސް މައްސަލަތަކެއް ހުންނާނެއެވެ. ކިތަންމެ ލޯބިން ދިރިއުޅުނު ނަމަވެސް އެކަކު އަނެކަކަށް ކުރެވިފައިވާ ކުށްތަކެއްވެސް ހުންނާނެއެވެ. މާފަށް އެދެން ހަނދާންނެތިފައި ހުރި ކަންތައްތަކެއް ހުންނާނެއެވެ. މިހާރަކަށް އައިސް އެކި މިންވަރަށް ބޭވަފާތެރިވެވުމުގެ މައްސަލަތައްވެސް ހުންނާނެއެވެ.

އެކަމުގައި ބުނަން އޮތީ އެކަމެއްގެ ވާހަކަ ބުނެފިނަމަ އިތުރު ފިތުނައެއް އުފެދިދާނެކަމުގެ ބިރު އޮތްނަމަ އެކަމެއް ކިޔައިނުދޭށެވެ. އެކަން ސިއްރުކުރާށެވެ. ﷲ ތަޢަލާގެ ޙަޟްރަތުން ފާފަފުއްސަވައިދެއްވެވުމަށް އެދޭށެވެ. ނަމަވެސް އެފަދަ ކަމެއް ދެން ނުކުރަން ހިތުގައި އަޒުމްކަނދައަޅަންވާނެއެވެ. އަދި އެޢަޒުމްމަތީގައި ދެމިހުންނަންވެސް މަސައްކަތްކުރަންވާނެއެވެ.

ހަނދާންކުރާށެވެ! ފިރިމީހާ ވާހަކަ ނުދައްކަން ބުނެފި މީހަކާއި ސިއްރުން ވާހަކަދެއްކުމަކީވެސް ދީންހުއްދަކުރާކަމެއް ނޫނެވެ. އެއީ ކިޔަމަންތެރި އަންތބަކުކޮށްގެންވާނެ ކަމެއް ނޫނެވެ. ނަމަވެސް މިހާރު ގިނައީ އެއީ ކުށެއްކަމަށް ޤަބޫލުވެސް ނުކުރެވޭ މީހުންނެވެ.

އަހުރެންގެ އެންމެ ބޮޑު އިލްތިމާސަކީ ރަމަޟާންމަހާއި ކުރިމަތިލާއިރު ކޮންމެ ދެމަފިރިއަކުވެސް މިަދަ ނުބައި އަމަލުތައް ކުރުން ހުއްޓައިލުމެވެ. ފުރިހަމަ ތައުބާއަކުން ތައުބާވެގެންހުރެ ރޯދަހިފަން ފެށުމެވެ. ކުރާ އަޅުކަމުގެ ފުރިހަމަ ޘަވާބު ލިބޭނީ ތަޤްވާވެރިވީވަރަކުންނެވެ.

ވީމާ މިކުރު ނަޞޭޙަތްކޮޅަށް ވިސްނައި ޢަމަލުކުރާނެ ކަމަށް އުންމީދުކުރަމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން