ހަނދުމަކޮށްދިނުމެއް!: ރަމަޟާން މަހަށް ގޮހޮރު ސާފުކޮށް ކުރާ ދުޢާ ޢިޖާބަ ކުރައްވަވާނެ އަޅަކަށްވުންޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 37ސ
ހަނދުމަކޮށްދިނުމެއް!: ރަމަޟާން މަހަށް ގޮހޮރު ސާފުކޮށް ކުރާ ދުޢާ ޢިޖާބަ ކުރައްވަވާނެ އަޅަކަށްވުންޖެހޭނެ!

"(އެކަލާނގެ ވަޙީ ކުރެއްވިއެވެ.) އޭ ރަސޫލުންނޭވެ! ޙަލާލް ރަނގަޅު ތަކެތިން ތިޔަބޭކަލުން ފަރިއްކުޅުއްވައި އުޅުއްވާށެވެ! އަދި ޞާލިޙް ޢަމަލް ކުރައްވާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ތިޔަބޭކަލުން ކުރައްވާ ޢަމަލްތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." (އަލްމުއްމިނޫން: 51) 

ޙަރާމް ތަކެތި ކައިބޮއި، ޙަރާމް ގޮތުގައި ހޯދާފައިހުރި ފޭރާން ލައިގެން ހުރެ ދެއަތް އުފުލައި ކިތަންމެ ގިނައިން، ކިތަންމެ ބާރަށް "ޔާ ﷲ! ޔާ ﷲ!" އެވެ ގޮވައި ކަންކަމަށް އެދި ދެންނެވިނަމަވެސް އޭނާގެ ދުޢާ ޢިޖާބަ ކުރައްވަވާނީ ކިހިނަކުންހެއްޔެވެ؟  

އެކަން މިޙަދީޘްފުޅުން އެނގިގެންދެއެވެ.  

Then he (peace and blessings be upon him) mentioned a man who travels a great deal and becomes disheveled and covered with dust, who raises his hands to the heavens (and says), ‘O Lord, O Lord,’ when his food is haraam, his drink is haraam, his clothes are haraam and he has been nourished with haraam, so how can he receive a response?

(Narrated by Muslim in his Saheeh).   

ރަމަޟާން މަސް އައިސް ޖެހުނީއެވެ. ކޮންމެ މުސްލިމަކުވެސް އެންމެ ބޮޑަށް ބޭނުންވާނީ އެމީހާ ކުރާ ދުޢާ ޢިޖާބަކުރެއްވެވުމެވެ. ފާފަ ފުއްސެވުމެވެ. ވީމާ އެކަމަށްޓަކައި ފުރަތަމަ ކަމެއްގެ ގޮތުންވެސް ތިމާގެ ގޮހޮރު ތައްޔާރުކުރަން އެބަޖެހެއެވެ.  

ދުޢާ އިޖާބަ ކުރައްވަވަން އެދޭމީ ޙަލާލް ރިޒްޤް ކައި އުޅުމަށް ސަމާލުކަން ދޭން ޖެހޭނެއެވެ. ކުރާ ދުޢާ ޢިޖާބަ ނުކުރައްވަވައިގެން ގިނަ ބައަކު ޝަކުވާ ކުރާއިރު ނުވަތަ އެކަމާއި ހިތާމަކުރަމުން ގެންދާއިރު ޙަލާލް ރިޒްޤް ކައިބޮއި ހެދުމަށް ސަމާލުކަން ދޭ މީހުންގެ އަދަދު ދަނީ މަދުވަމުންނެވެ. 

މަސައްކަތް ކުރުމުން އާމްދަނީ ލިބެއެވެ. މުސާރަވެސް ލިބެއެވެ. ނަމަވެސް ހިތެއް ނުފުރެއެވެ. މިއީ ތިމާއަށް ﷲ ތަޢާލާ ދެއްވެވި މިންވަރު ކަމަށް ޤަބޫލުކޮށް ޝުކުރުވެރިވާ މީހުންގެ އަދަދު ދަނީ މަދުވަމުންނެވެ. ގިނަ ބައަކު މަސައްކަތްކުރަނީ ހޯދުނު ގޮތަކަށް ފައިސާ ހޯދައިގެން ތިމާއަށްވުރެ ގިނަ ފައިސާ ލިބޭ މީހުންނާއި އެއް ފެންވަރުގައި ދިރިއުޅުމަށެވެ. 

ﷲ ތަޢާލާ ދެއްވަވަވާ މިންވަރަށް ހިތް ނުފުރުމުން ހިތް ފުރަން މިކުރާ ކަންކަމަކީ ވައްކަން ކުރުމާއި ކޮރްޕޝަނާއި އެނޫންވެސް ހުއްދަ ނޫން ގޮތްގޮތަށް ފައިސާ އާއި ތަކެތި ހޯދުމެވެ. އެގޮތަށް އެކަން ކުރުމުން އެމީހަކު ކުރާ ދުޢާ ޢިޖާބަ ނުކުރައްވަވާނެ ކަމަށް އެނގެން އޮތުމާއިއެކުގައިވެސް އެގޮތަށް އެކަންކަން ކުރުމަށްފަހު ދުޢާ ވެސް ކުރަނީއެވެ. ދުޢާ ޢިޖާބަ ނުކުރެއްވެވުމުން ޝަކުވާ ވެސް ކުރަނީއެވެ.  

ﷲ ތަޢާލާ ހުއްދަ ކުރައްވަވާފައިވާ ގޮތުގައި އާމްދަނީ ހޯދަން މަސައްކަތްކުރާށެވެ. ﷲ ތަޢާލާ އާމްދަނީ ދެއްވަވާނެތެވެ. އިތުރުކުރަން މަސައްކަތް ކުރަންވާނީ ވެސް ﷲ ތަޢާލާ އަންގަވާފައިވާ ގޮތުގައެވެ. ހުރިހާ ވެސް މައްސަލައަކީ ހިތް ނުފުރޭ ކަމެކެވެ. އެންމެ ހިތާމަހުރި އެއް ކަމަކީ ހިތް ނުފުރިގެން ޙަރާމް ގޮތުގައި އާމްދަނީ ހޯދަނީވެސް ﷲ ތަޢާލާ އާމްދަނީ ދެއްވަވާ މީހުންކަމެވެ. ދެއްވަވާ މިންވަރަށް ޝުކުރު ނުކުރެވިގެން ޙަރާމް ކަންކަންކޮށް ޙަރާމް ގޮތުގައި ފައިސާ ހޯދާކަމެވެ.   

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިމަން ﷲ ތިއަބައިމީހުންނަށް ދެއްވެވި ރަނގަޅު ތަކެތިން ތިއަބައިމީހުން ކައި އުޅޭށެވެ! އަދި، ތިއަބައިމީހުން ހަމައެކަނި ﷲ އަށް އަޅުކަން ކުރާ ކަމުގައި ވާނަމަ، އެކަލާނގެއަށް ޝުކުރުވެރިވާށެވެ!" (ބަޤަރާ ސޫރަތުގެ 172) 

މިއާޔަތުން އެނގިގެންދަނީ ކައިބޮއި ހަދަން ޖެހޭނީ ﷲ ތަޢާލާ ޙަލާލް ކުރައްވަވާފައިވާ ތަކެތި ކަމެވެ. އެހެންކަމުން ޙަރާމްވެގެންދަނީ ހަމައެކަނި ޙަރާމް ކުރެއްވެވި ތަކެއްޗެއް ނޫނެވެ. ޙަލާލު ތަކެތި ހޯދާ ގޮތުން އެތަކެތި  ޙަރާމްތަކެއްޗަށް ބަދަލުވެގެންދެއެވެ. ވީމާ ދުޢާ އިޖާބަ ކުރެއްވެވުމަށް އެދޭ ނަމަ ޙަރާމް ކުރައްވަވާފައި ބާވަތްތައް ނުކެއުމުގެ އިތުރުން ޙަލާލް ކުރއްވަވާފައިވާ ތަކެތި ޙަރާމް ތަކެއްޗަށް ބަދަލުކޮށްގެން ކައިބޮއި ހަދާ ބައަކު ކަމުގައި ނުވާށެވެ! އަދި ﷲ ތަޢާލާ ދެއްވެވި މިންވަރަށް ޝުކުރުވެރިވާ ބައަކު ކަމުގައިވާށެވެ!  

މިއަހަރުގެ ރަމަޟާން މަސް ފެށެން ހަފްތާއަކަށް ކައިރިވީއެވެ. ރަމަޟާން މަސް ފެށެންވާއިރަށް ގިނަ ބައަކު އެންމެ ބޮޑު ސަމާލުކަމެއް ދެނީ ކާބޯތަކެތި ހޯދައި ގެއަށް ވެއްދުމަށެވެ. ތަނަވަސްކަން ހުރި ވަރަކުން އެއީ ހަމަ ކުރުން ވަރަށް މުހިންމު ކަމެކެވެ. ރަމަޟާންމަހު ބާޒާރުކުރަންޖެހޭ ލިސްޓް ކުޑަވުމަކީ އެކަމަށް ހޭދަކުރަންޖެހޭ ވަގުތު މަދުވެ އަދި އަޅުކަން ކުރަން ވަގުތު އިތުރުވާނެ ކަމަކަށްވާތީއެވެ.  

ﷲ ތަޢާލާ ޙަލާލް ކުރެއްވެވި ތަކެތި ހަލާލް ގޮތުގައި ހޯދައިގެން ކެއުމަކީ އަބަދުވެސް ކުރަން ޖެހޭނެ ކަމެކެވެ. ޙަލާލު ތަކެތި ޙަލާލު ގޮތުގައި ހޯދައިގެން ނުކާނަމަ އެމީހަކު ކުރާ އަޅުކަމުގައި މައްސަލަ ހުންނާނެތީއެވެ. އެއީ ތައުބާ ވާންޖެހޭ ބޮޑު ފާފައަކަށްވާތީއެވެ. ދުޢާ އިޖާބަ ނުކުރައްވަވާނެތީއެވެ. މިކަމުގައި ރަމަޟާން މަހު އިތުރަށް ސަމާލުކަން ދޭން ޖެހޭނެއެވެ. ސަބަބުތައް ވަރަށް ގިނައެވެ.  

ތިބާ ތިއަ ކުރިމަތިލަނީ އަޅުކަމުގެ މޫސުމަކަށެވެ. މަސައްކަތް ތިއަ ފަށަނީ ރޯދަ ހިފައި ވީހައި ގިނައިން އަޅުކަން ކުރުމަށެވެ. މަސައްކަތް ތިއަ ފަށަނީ ރަމަޟާން މަސް ނިމިގެންދާއިރު ތިބާއަކީ ކުރެވިފައިވާ ފާފަތަކުން ސަލާމަތްވެވި ފާފަ ފުހެވިފައިވާ މީހަކު ކަމުގައި ވުމަށެވެ. ފާފަ ނުފޮހެވޭ އަބާއްޖަވެރިންގެތެރޭގައި ނުވުމަށެވެ. އެހެންކަމަށްވާނަމަ ފުރަތަމަ ކަމެއްގެ ގޮތުންވެސް އެންމެ ބޮޑަށް ސަމާލުކަން ދޭން ޖެހޭނީ ތިމާ ކައިބޮއި ހަދާތަކެއްޗަކީ ﷲ ތަޢާލާ ޙަލާލު ކުރެއްވެވި އަދި ޙަލާލު ކުރައްވަވާފައިވާ ގޮތުގައި ހޯދާފައިވާ ތަކެތި ކަމުގައި ހެދުމަށެވެ.  

އެހެން ނޫންނަމަ ރޯދަ ހިފުމުގެވެސް އަދި އަޅުކަން ކުރުމުގެ ވެސް އެއްވެސް ބޭނުމެއް ނެތް ކަމަށް ބުނެވިދާނެއެވެ. ދުޢާ ކުރުމުގެ އެއްވެސް ބޭނުމެއް ޢަމްދުން ނެތެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން