އަވަހަށް ގެއަށްދާއިރު އަނބިމީހާ ދަރިފުޅުގޮވައިގެން އުޅޭނަމަ އެކަމަށް ނުރުހި ގެއަށް ދިއުން ލަސްކުރަންވީއެއް ނޫނެވެ. އަނބިމީހާ އެގެންގުޅެނީ އޭނާ އެކަނި ހޯދި ދަރިއެއް ނޫނެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 52ސ
އަވަހަށް ގެއަށްދާއިރު އަނބިމީހާ ދަރިފުޅުގޮވައިގެން އުޅޭނަމަ އެކަމަށް ނުރުހި ގެއަށް ދިއުން ލަސްކުރަންވީއެއް ނޫނެވެ. އަނބިމީހާ އެގެންގުޅެނީ އޭނާ އެކަނި ހޯދި ދަރިއެއް ނޫނެވެ!

ކައިވެންޏަށްފަހު ކޮންމެ ދެމަފިރިއަކުވެސް ބޭނުންވާނީ ވީހައި އުފަލުގައި ދިރިއުޅުމަށެވެ. އުފަލުގައި ދިރިއުޅުމަށްބަލާއިރު ދެމަފިރިންގެ މެދުގައި އޮންނަންޖެހޭ ލޯތްބާއި ގާތްކަން އޮތުމާއި ގައިގައި ބީހުމާއި ގައިގޯޅިވުމާއި އެއްދާންކުރުން ފަދަ ކަންކަމަކީ އެންމެ އަސާސީ ކަންތައްތަކެވެ. އެއީ ޚާއްޞަ ކަންތައްތަކެއް ނޫނެވެ. އެންމެ ޢާންމު ކަންތައްތަކެވެ. 

ކޮންމެއަކަސް މިކަންކަން އެކެއްގެ ކިބައިން އަނެކާއަށް ނުލިބޭނަމަ ޝަކުވާތައް ގިނަވާނެއެވެ. އެހެންވެ އެންމެ ގިނަ ބައަކު އަހުރެންގެ ގާތަށް ލަފާ ހޯދަން ނުވަތަ މަޝްވަރާކުރަން އަންނަ ކަމުގެ ތެރޭގައި މިކަންކަން ހިމެނެއެވެ. 

އެމީހުންގެ ކިބައިން މަޢުލޫމާތު އޮޅުންފިލުވާއިރު ޚާއްޞަކޮށް އަންހެނުންނަށް ގިނަފަހަރު މައްސަލައަކަށްވެފައި އޮންނަނީ އަނބިމީހާގެ ކިބައިން އެކަންކަން ނުލިބިގެން ޝަކުވާކުރާ  ފިރިމީހާއެވެ. އެކަން މެދުވެރިވާ ސަބަބަކީ ކައިވެންޏަށްފަހު އަނބިމީހާއަށް ދޭންޖެހޭ ވަޤުތު ނުދިނުމެވެ. ރޭގަނޑު ފިރިމީހާ ގެއަށް އައުން ލަސްވެ ގިނަ ދުވަސްތަކެއްވަންދެން އެކަނި އޮވެގެން ނިދަންޖެހުމެވެ. 

އަނބިމީހާ ކުރަންޖެހޭ އިންތިޒާރު ދިގުވެ ފޫއްސަށް ބަދަލުވަނީއެވެ. އެންމެ ފަހުން ފިރިމީހާއަށް ގާތްކަން ދޭން އުނދަގޫވާ ހިސާބަށް ކަންކަން ދަނީއެވެ. އަދި ފިރިމީހާ ކައިރިވުމުން އޭނާއަށް އުނދަގޫވަނީއެވެ. 

އެކުވެރިންނޭވެ! މިޙާލަތަށް ކަންކަން ދިއަނުދޭށެވެ. އަވަހަށް ގެއަށްދާއިރު އަނބިމީހާ ދަރިފުޅުގޮވައިގެން އުޅޭނަމަ އެކަމަށް ނުރުހި ގެއަށް ދިއުން ލަސްކުރަންވީއެއް ނޫނެވެ. އަވަހަށް ގެއަށް ގޮސް ދަރިފުޅުގެ ކަންކަމުގައި ތިބާވެސް ބައިވެރިވާންވީއެވެ. އަނބިމީހާ އެގެންގުޅެނީ ހަމަ ތިބާގެވެސް ދަރިފުޅެވެ. އޭނާ އެކަނި ހޯދި ދަރިއެއް ނޫނެވެ. 

މަސައްކަތް ނިމުމުން އަވަހަށް ގެއަށްގޮސް ވަރުބަލިފިލުވާލުމަށްފަހު ދަރިފުޅާއި ޙަވާލުވާށެވެ. ފެންވަރާ ރީތިވެލަން އަނބިމީހާގެ ގާތުގައި ބުނާށެވެ. އެއިރުން އަނބިމީހާ ފެންނުވަރައި ރީތިނުވެ ހުންނާތީ ފޫހިވާކަށް ނުޖެހޭނެއެވެ.

ދަރިން ތިބިނަމަވެސް ނެތްނަމަވެސް އަނބިމީހާއަށް އެކަނި އޮވެގެން ނިދަން ނުޖައްސާށެވެ. އެކަން އެގޮތަށް މެދުވެރިވާނަމަ ކުރިން މިބުނި ފަދައިން ފޫއްސަށް ކަންކަން ބަދަލުވާނެއެވެ. ފޫހިކަން ބަދަލުވާނީ ދެމަފިރިންގެ ގުޅުން ދުރުކޮށްލާ ބާރަށެވެ. ފަހުން އަނބުރާ އިޢާދަކުރަން އުނދަގޫވާ މައްސލައަކަށެވެ.

މިއީ ތަޖުރިބާކާރަކު ބުނެފައިވާ ބަސްކޮޅެކެވެ. ކޮންމެ ދެމަފިރިއަކަށްވެސް މުހިންމު ބަސްކޮޅަކަށްވާތީ ހާމަކޮށްލީއެވެ.

- އަލަފް / މިއަދުނޫސް  

 

 

މިއަދު އޮންލައިން