މުޅި އަހަރުގެ ތެރެއިން ރަމަޟާން މަސް ފިޔަވައި އެހެން ހުރިހާ މަސްތަކަށްވުރެ ގިނައިން ރަސޫލް ﷺ ޝަޢްބާން މަހު ރޯދަ ހިއްޕަވައި ޞަދަޤާތްކުރައްވަވައި ދީލަތިވެވަޑައިގަތީ ސަބަބުތަކެއް ހުރުމުންނެވެ.
އެގޮތުން ބަލާއިރު އެންމެ ބޮޑަށް ފާހަގަކޮށްލެވޭ ސަބަބަކީ ޝައިޠޯނާގެ ކިބައިން ސަލާމަތްވުމެވެ. ރަމަޟާން މަހަށް ކަސްތޮޅު އަޅުއްވަވާނެކަން ޝައިޠޯނުންނަށް އެނގެއެވެ. ވީމާ އެއިގެ ކުރިން މީސްތަކުން މަގުފުރައްދަން ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރާނެއެވެ. ވީހައި ގިނަ ފާފަތަކެއް ކުރުވަން މަސައްކަތްކުރާނެއެވެ. ރަމަމާން މަހަށް ތައްޔާރުވުމަށް ހުރަސް އަޅާނެއެވެ.
ޝައިޠޯނާގެ މިފަދަ ހަމަލާތަކުން ސަލާމަތްވެ ތިބެވޭނީ މީސްތަކުން އެކަމަށް ސަމާލުކަންދިނުމުންނެވެ. ޝައިޠޯނާއަށް ކައިރިވެސް ނުވެވޭނެ ގޮތަށް ޢަމަލުތައް ބަހައްޓައިގެންނެވެ.
ޝައިޠޯނާގެ ކިބައިން ސަލާމަތްވެވިހުރެ ރަމަޟާންމަހާއި ކުރިމަތިލުމަށް ގަދައަޅައި މަސައްކަތްކުރަންވާނެއެވެ. ރަމަޟާން މަހުވެސް ކީރިތި ޤުރްއާން ނުކިޔެވުމާއި ނަމާދުނުކުރެވުމާއި ރޭއަޅުކަން ނުކުރެވުމާއި ހާރުކާން ނުހޭލެވުން ފަދަ ކަންކަން މެދުވެރިއެވަނީ ކުރި މި ބަޔާންކުރި ފަދައިން ކުރިއާލައި ރަމަޟާން މަހަށް ތައްޔާރުނުވެވޭތީއެވެ! ޝައިޠޯނާ ކަސްތޮޅު އެޅުއްވެވުމުގެ ކުރިން ޝައިޠޯނާ އެމީހަކު ކަސްތޮޅު އަޅުވާތީއެވެ.
ވީމާ ރަމަޟާން މަސް ފުރިހަމަގޮތުގައި ލިބިގަތުމަށް އެދޭމީހާ ފުރަތަމަ ކަމަކަށް ރަމަޟާން މަހަށް ފުރިހަމައަށް ތައްޔާރުވާށެވެ! ރަސޫލް ﷺ ޢަމަލުފުޅު ކުރެއްވެވި ފަދައިން ޢަމަލުކުރާށެވެ!
- ބިލާލް އަސްއަދުގެ ދަރުސަކުން