މިއަހަރުގެ ރަމަޟާން މަސްވެސް ހަފްތާއެއްހައި ދުވަސްތެރޭގައި ދުނިޔޭގައި ތިބި ބައަކާއި ބައްދަލުކުރާނެއެވެ. ވީމާ މަސައްކަތްކުރަންވީ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން އެމީހަކަށް ކުރެވެން ހުރި ވީހައި ގިނަ ހެޔޮ ޢަމަލުތައް ކުރުމަށެވެ.
އެގޮތުން ބަލާއިރު އަހަރެމެންގެ ތެރެއިން ގިނަ މީހުންނަކީ ﷲ ތަޢާލާގެ މަގުގަ ޢާއިލާއަށް ވަރަށް ބޮޑަށް ދަރަނިވެރިވެފައިވާ ބައެއްކެވެ. އެއީ ޢާއިލާ އާއިއެކު އަޅުކަންކުރުމުގައި ވަގުތު ހޭދަކުރުމެވެ. ޢާއިލާއަށް ހެޔޮ ނަޞޭޙަތްދިނުމާއި ހެޔޮ ނަޞޭޙަތް އަޑުއެހުމެވެ. ޢާއިލާގެ މީހުންނަށް ހެޔޮ ނަޞޭޙަތް ދިނުމާއި ޢާއިލާ އާއިއެކު ހެޔޮ ނަޞޭޙަތް އަޑުއެހުމަކީ ހަމަކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ. ނަމަވެސް ގިނަ ބައަކަށް ވަނީ އެކަމުގައި ވަރަށް ބޮޑަށް އިހްމާލްވެވިފައެވެ.
ރަމަޟާން މަހާއި ބައްދަލުވުމުން ޢާއިލީ ޒިންމާތަކުގެމަތިން ހަނދާން ނައްތައިނުލާށެވެ! ކިތަންމެ ބުރަކޮށް މަސައްކަތްކުރިނަމަވެސް އަނބިދަރިން ލައްވައި އަޅުކަންކުރުވަން މަސައްކަތްކުރަންވާނެއެވެ. ވަޤުތުގެ ބޭނުން ހެޔޮގޮތުގައި ހިފަން މަސައްކަތްކުރަންވާނެއެވެ.
އެކަމަށް ކުރަންއޮތް އެންމެ މުހިންމު އެއްކަމަކީ ޢާއިލާގެ އެންމެން އެކުގައި ގޭގައި ތިބެ އެކަމުގެ ރޫޙުގައި ކީރިތި ޤުރްއާން ކިޔެވުމާއި އެހެންވެސް އަޅުކަންކުރުމެވެ. މިސްކިތުގައި ނަމާދުކުރުމަށްފަހު ގެއަށް އައިސް ގޭގައި ސުންނަތްކޮށް ގޭގައި އަޅުކަންކުރުމެވެ. ހަމައެއާއިއެކު ޢާއިލާގެ އެންމެން އެކުގައި ތިބެގެން ދަރުސް އަޑުއެހުން ފަދަ ކަންކަން ކުރުމަކީވެސް ވަރަށް މުހިންމު ކަމެކެވެ.
ވީމާ މިފެށޭ ރަމަޟާން މަހަކީ މިފަދަ ގޮތްގޮތުން ޢާއިލާއަށް ދަރާފައިވާ ދަރަނި އަދާކުރަން މަސައްކަތްކުރާ މަހަކަށް ހަދާށެވެ! މިއީ ދީނީ ނަޞޭހަތް ދެއްވާނެ ޢިލްމުވެރިއަކު ނުލިބިގެން ދަރުސް އަޑުނުއަހައި ތިބެންޖެހެންވީ ދުވަސްވަރެއް ނޫނެވެ. އަޑުއަހަން އެންމެ ބޭނުންވާ މައުޟޫއަކާއި ގުޅިގެން އެމީހަކު އެންމެ އިތުބާރުކުރާ ޢިލްމްވެރިއެއްގެ ބަސްފުޅު ނުހަނު ފަސޭހައިން އަޑުއަހައިލުމުގެ ފުރުޞަތު މިހާރު ވަނީ ޢާންމުވެފައެވެ.
ނަޞޭޙަތަކީ މިފެށޭ ރަމަޟާން މަހަކީ ވީހައި ގިނައިން އަޅުކަންކޮށް އަދި ޢާއިލާ އެކުގައި ތިބެ ދީނީ ނަޞޭޙަތް އަޑުއަހައި އަދި ވީހައި ގިނައިން ސުންނަތް ނަމާދުތައްކޮށް ކީރިތި ޤުރްއާން ކިޔަވައި ހަދާ މަހަކަށް ހެދުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން