އަހަރެމެން މިތިބެނީ އަހަރެމެން ކޮންމެ މީހަކު ދެކެވެސް އެންމެ ބޮޑަށް ލޯބިވާނީ އެމީހެއްގެ މަންމަ ކަމަށް ޤަބޫލުކޮށްގެންނެވެ. ނަމަވެސް އެކަން އޮތީ އެހެނެއް ނޫނެވެ. ﷲ ތަޢާލާ އަހަރެމެން ދެކެ ލޯބިވެވޮޑިގަންނަވާވަރާއި ގާތަކަށްވެސް މަންމައަށްވެސް އަހަރެމެންދެކެ ލޯތްބެއް ނުވެވޭނެއެވެ.
އެކަން ޤަބޫލުނުކުރެވިގެން ތިބެމެ ﷲ ތަޢާލާ ނަހީކުރެއްވެވި ކަންކަން ކުރެވެނީ އަހަރެމެންނަށެވެ. ފާފަތައްކުރެވެނީ އަހަރެމެންނަށެވެ. ޝައިޠޯނާގެ ވަސްވާސްތަކަށް ހެއްލެވެނީ އަހަރެމެންނަށެވެ. އެކަން އަހަރެމެންނަށް ޤަބޫލުކުރެވެނީ ޤިޔާމަތްދުވަހު ﷲ ތަޢާލާގެ ކުރިފުޅުމަތީގައި ހުއްޓިހުންނަންޖެހޭ ވަގުތުގައެވެ. އެއްވެސް ކަމަކާއިމެދު އަހަރެމެންނަށް ޝަކުވާ ނުކުރެވެނީ އެހެންވެގެންނެވެ.
އަހަރެމެންގެ ޢަމަލުތައް މިފަދައިން ހުންނައިރުވެސް ﷲ ތަޢާލާ އަހަރެމެންނަށް ރަޙްމަތް މިންވަރުކުރައްވަވަތެވެ. ރަޙްމަތުގެ ދޮރުކޮޅުތައް ހުޅުއްވަވައިލަ ދެއްވަވަތެވެ.
މީސްތަކުންނޭވެ! ރަމަޟާން މަހަކީ އެމަހެއްގެ ކޮންމެ ދުވަހަކު އެތައް ބައަކު ނަރަކައިން ސަލާމަތްކުރައްވަވާނެ ދުވަހެކެވެ. މިހާރުން ފެށިގެން ގަދައަޅައި މަސައްކަތްކުރަންވީ ތިމާއަކީ ނަރައިން ސަލާމަތްކުރައްވަވާނެ އަޅަކުކަމުގައިވުމަށެވެ.
މިއަދު އަހަރެމެންނަށް ވެގެން މިއުޅޭ ގޮތަކީ ދުނިޔެއާއި ދީން އެއްކުރެވެނީއެވެ. އެކަމެއް ނުކުރެވޭނެއެވެ. އަހަރެމެން އުޅެންވީ މަގު އެވަނީ ކީރިތި ޤުރްއާނުގައި ދައްކަވައި ދެއްވަވައިފައެވެ. ޢަމަލުކުރަންވީ ގޮތް ރަސޫލް ﷺ ގެ ސުންނަތުން އެވަނީ ދައްކަވައި ދެއްވަވައިފައެވެ. ވީމާ އިތުރު މަގެއް އިޚްތިޔާރުކޮށްގެން ﷲ ތަޢާލާގެ ރުހިވޮޑިގަތުމެއް ނުލިބޭނެއެވެ.
ވީމާ މި ރަމަޟާން މަހަކީ ތިމާ ނަރަކައިން ސަލާމަތްކުރައްވަވައި ދެއްވަވާނެ މަސް ކަމުގައި ލެއްވެވުން އެދި މަސައްކަތްކުރަންވީ ރަސޫލް ﷺ އަހަރެމެންނަށް ދަސްފުޅުކޮށް ދެއްވެވި ގޮތަށެވެ. އެގޮތަށް އެކަން ކުރެވޭނީ މިހާރުން ފެށިގެން ރަމަޟާންމަހާއި ބައްދަލުކުރަން ތައްޔާރުވެގެންނެވެ.
ރަމަޟާން މަހަކީ ކީރިތި ޤުރްއާން ކިޔަވައި އުނގެނުމުގެ މައްސަރެވެ. ދިރާސާ ކުރުމުގެ މައްސަރެވެ. ނަމަވެސް ގިނަ ބައަކު ރަމަޟާން މަހު ކީރިތި ޤުރްއާން ކިޔަވާވަރަށްވުރެ ގިނައިން ޣީބަ ބުނެ މީހުންގެ ވާހަކަތައް ދައްކައި ހަދައެވެ. އެފަދަ މީހަކަށް ރަމަޟާންމަހުން ކުރާނީ ކޮންފައިދާއެއް ހެއްޔެވެ؟ އަހުރެންގެ ނަޞޭޙަތަކީ މިހާރުންފެށިގެންވެސް އެފަދަ ބޭކާރު ވާހަކަތައް ދެއްކުން ހުއްޓައިލުމެވެ. ރަމަޟާން މަހު ކުރަންހުރި އަޅުކަންކުރުމަށް ސަމާލުކަންދިނުމެވެ. އެފަދަ ކަންކަން ކުރެވޭ މީހުންނަށް ރަމަޟާން ަމސް އަންނަންވާއިރަށް އެކަންކަމުން ސަލާމަތްވެވޭނީ މިހާރުން ފެށިގެން އެކަމަށް ގަދައަޅައި މަސައްކަތްކޮށްގެންނެވެ.
ރޯދައަށް ތިބެ ޣީބަ ބުނެ މީހުންގެ ވާހަކަ ދެއްކުމަކީ ހިފިރޯދައިގެ ފައިދާ ތިމާއަށް ގެއްލިގެން ހިނގައިދާނެ ކަމެކެވެ. މިކަން މިހައި މުހިންމު ކަމެއްގެ ގޮތުގައި މިފާހަގަކުރީ އެބޮޑު ފާފައަށް އަރައިގަންނަމުންދާ މީހުންގެ އަދަދު ގިނަކަމުންނެވެ!
- ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން