ތަރާވީހް ނަމާދާބެހޭގޮތުން އުފެދޭ ބައެއް ސުވާލުތަކުގެ ޖަވާބާ ތަރާވީޙް ނަމާދުކުރާނެ ގޮތް- 1

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 21ސ
ތަރާވީހް ނަމާދާބެހޭގޮތުން އުފެދޭ ބައެއް ސުވާލުތަކުގެ ޖަވާބާ ތަރާވީޙް ނަމާދުކުރާނެ ގޮތް- 1

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم 

އަޅުގަޑުމެންގެ ތެރޭގައި ކޮންމެ ރަމަޟާން މަހެއް އައުމުން ފެށޭ އެންމެ ބޮޑު ބަޙްޘަކީ ތަރާވީޙް ނަމާދު ގެ ރަކްޢަތްތަކުގެ ޢަދަދުގެ ބަޙްޘެވެ. ބައެއް ބޭފުޅުން 11 ރަކްޢަތް ކަމަށް ވިދާޅުވެ، 11 ރަކްޢަތް ކުރާ އިމާމަކު ފަހަތުގައި މެނުވީ ތަރާވީޙް އެއް ނުކުރެއެވެ. އަނެއްކޮޅުން، އަނެއްބައި ބޭފުޅޫން 20 ރަކްޢަތް ކަމަށް ވިދާޅުވެ، އެގޮތަށް ކުރާ އިމާމަކު ފަހަތުގައި މެނުވީ ނަމާދެއް ނުކުރެއެވެ. މިކަމުގެ ތެރޭގައި އެއްބަޔަކު އަނެއް ބަޔަކު ގޯސްކޮށް، ބައެއް ފަހަރު ބޮޑެތި ޒުވާބުތަކަށް ބަދަލުވެގެންދެއެވެ. އެހެންކަމުން ދީނީ ނަޡަރަކުން މިކަމުގެ ޙަގީގަތަކީ ކޮބައިތޯ ބަލައިލުމަކީ މުހިއްމު ކަމެއް ކަމުގައި ދެކި، އެކަމާއި މެދުގައި ކޮންމެވެސް އެއްޗެއް ބުނެލެވޭތޯ ﷲ ގެ ޙަޟްރަތުން ވާގި، އެދޭ ޙާލު ފަށައިގަންނާނަމެވެ.

ފުރަތަމަވެސް ބުނެލަން ޖެހެނީ މިއީ އިޖްތިހާދީ މައްސަލައެއް ކަމަށެވެ. މާނައަކީ ދެކޮޅަށްވެސް ވާހަކަ ދެއްކޭ ގޮތަށް ދަލީލުތައް ހުރި މައްސަލަ އެކެވެ. އެހެންކަމުން، މިފަދަ މައްސަލަ ތަކުގައި ދެބައިމީހުންޖެހި، ޒުވާބުކޮށް ހަދާ، ބައިބައިވެ ދިޔުމަކީ ވަރަށްވެސް ހިތާމަ ހުރި ކަމެކެވެ.
އިމާމު މީހާގެ ފަހަތުގައި ދިހަ ރަކްޢަތް ކުރުމަށްފަހުގައި، ބާކީބައިނުކޮށް، ވިތްރި އަށް އިންތިޡާރު ކުރާ ބަޔެއްގެ ވާހަކަ ފަޟިލަތުއްޝައިޚް މުހައްމަދު ޞާލިޙުލް ޢުޘައިމީން-ރަޙިމަހުﷲ- އަށް ދެންނެވުމުން ވިދާޅުވިއެވެ.

ޢިލްމުވެރިންގެ މެދުގައި އިޚްތިލާފު އެފެދިފައިވާ މައްސަލައެއްގައި މީސްތަކުންގެ ހިތްތައް ބައިބައިވެ، ވަކިވެގެންދާފަދަ ގޮތަކށް މީސްތަކުންގެ މެދުގައި ޚިޔާލުތަފާތުވުން އުފެދޭކަމީ މިފަދަ ހުޅުވާލެވިފައިވާ މުޖްތަމަޢެއްގައި އުޅޭ އިރުގައި ހިތާމަ ކުރަން ޖެހޭ ކަމެކެވެ. ޞަޙާބީންގެ ޒަމާނުގައި ވެސް އެބޭކަލުން އެކި މައްސަލަތަކުގައި ޚިޔާލުތަފާތުވެ ވަޑައިގަތެވެ. އެހެންކަމުން އިޚްތިލާފީ މައްސަލަތައް އޭރުވެސް ހުއްޓެވެ. ނަމަވެސް އެބޭކަލުން އޭގެ ސަބަބުންނޭ ކިޔާފައި ވަކިވަކިވެ، ބައިބައިވެ ވަޑައެއް ނުގަންނަވައެވެ. އަދި ކިއެއްތަ، އެބޭކަލުންގެ ހިތްތައްވަނީ އެކުވެފައެވެ. އަޅުގަޑުމެން ގެ ޢަދާވާތްތެރިން އަޅުގަޑުމެންނާއި މެދުގައި ނުބައި ނަޡަރަކުން ބަލަމުން ދާކަން ދެނެހުރެ، އެއްބަނޑުއެއްބަފާ، އެއްބައެއް ވަންތަ ކަމުގައި، ދެމިތިބެ، ޢަދާވާތްތެރިންނާއި މެދު ފަރުވާތެރިވެ ތިބުމަކީ އަޅުގަޑުމެންގެ މައްޗަށް އޮތް ވާޖިބު ކަމެކެވެ. (އައްޝަރްޙުލް މުމްތިޢު 4/225)

މިމައްސަލާގައި މީސްތަކުން ވަނީ ދެބަޔަކަށް ބެހިފައެވެ. އަދި ކޮންމެ ބަޔަކުވެސް އެބަޔަކު ގަބޫލު ކުރާ ގޮތް ހިފެހެއްޓުމުގައި ހައްދުފަހަނަ އަޅައި ގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.

ފުރަތަމަ ބަޔަކީ: އެގާރަ ރަކްޢަތަށްވުރެ ގިނައިން ކުރާމީހުންނަކީ ބިދްޢަވެރިން ކަމުގައި ބަލައި، އެބައިމީހުން ގޯސް ކުރާ މީހުންނެވެ.



ދެވަނަ ބަޔަކީ: އެގާރަ ރަކްޢަތް ކުރާ މީހުންނަކީ އުއްމަތު ގެ އިޖްމާޢާއި ޚީލާފުވެފައިވާ ބައެއް ކަމުގައި ބުނެ އެބައިމީހުން ގެ މައްޗަށް އިންކާރު ކުރާ މީހުންނެވެ. އެހެންކަމުން ޝައިޚް ޢުޘައިމީނު- ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ.



"
އެހެންކަމުން ބުނަމެވެ. އެއްވެސް އަތަކަށް ބުރަވެ، ހައްދުފަހަނަ އަޅައިދިޔުމެއް ނެތެވެ. ބައެއް މީހުން ސުންނަތުގައި ހިފުމުގެ ގޮތުން ޢަދަދުގައި ހިފައެވެ. އެގޮތުން، ސުންނަތުގައި ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ކުރެއްވި ޢަދަދުކަމަށް ޘާބިތުވާން އޮތްވަރަށްވުރެ އިތުރަށް ކުރުން ހުއްދަ ނުވާނެކަމަށް ބުނެއުޅެއެވެ. އަދި އެގާރަ ރަކްޢަތަށްވުރެ އިތުރަށް ކުރާ މީހުންނަށް އެކަން އިންކާރުކޮށް، އެފަދަ މީހުންނަކީ ސުންނަތާ ޚިލާފަށްކަންތައް ކުރުމުގެ ސަބަބުން މާތް ﷲ އަށް އުރެދި، ފާފަވެރިވެފައިވާ ބައެއް ކަމުގައި ބުނެއުޅެއެވެ.



ޝައްކެއްނެތް ގޮތުގައި މިފަދައިން ބުނުމަކީ ބޮޑު ގޯހެކެވެ. އެގާރަ ރަކްޢަތަށްވުރެ ގިނައިން ކުރާ މީހުންނަކީ އުރެދުން ތެރިން ކަމުގައިވާނީ ކޮންގޮތަކުންތޯއެވެ؟ ރޭގަޑުގެ ނަމާދާއި ބެހޭ ގޮތުން ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އާއި ސުވާލު ވެވުމުން ޙަދީޘް ކުރެއްވިއެވެ. (مثنى مثنى) "ދެރަކްޢަތުން ދެރަކްޢަތުންނެވެ". ވަކި ޢަދަދެއް ކަނޑައަޅުއްވާފައެއް ނުވެއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ކުރެން ރޭގަޑުގެ ނަމާދުގެ ރަކްޢަތްތަކުގެ ޢަދަދާ ބޭހޭ ގޮތުން ސުވާލު ކުރެއްވި ޞަޙާބީ އަށް އެކަން އެނގިވަޑައިގެންފައިނުވާ ކަން އެނގެއެވެ. ސަބަބަކީ ރޭގަޑުގެ ނަމާދު ކުރާގޮތް ނޭގޭ މީހަކަށް ޢަދަދުވެސް ނޭގުން މާއައުލާކަން ބޮޑުވުމެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ގަނޑުވަރުގެ ތެރޭގައި ކަންތައް ހިނގާގޮތް އެބޭކަލަކަށް އެނގިވަޑައިގަންނަވާކަށް، އެއީ ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ޚިދުމަތުގައި އުޅުއްވާ ބޭކަލެއް ނޫނެވެ. ވަކި ޢަދަދެއް ކަނޑަ އެޅުއްވުމެއް ނެތި ކީރިތި- ރަސޫލާ –ޞައްލަﷲ ޢަލައިހި ވަސައްލަމަ- ރޭގަނޑުގެ ނަމާދު ކުރާނެގޮތް ބަޔާންކޮށްދެއްވުމުން ދޭހަވަނީ، މިކަމަކީ މިއީ ތަނަވަސްވެގެންވާ ކަމެއް ކަމެވެ. ސަތޭކަ ރަކްޢަތްކޮށްފައި ވިތްރި ކުރަން ބޭނުންވެއްޖެ ނަމަވެސް ކުރަންވީ އެވެ. އެމީހެއްގެ ކުޅަދާނަކަން ހުރި މިންވަރެކެވެ.

 

އަދި ނުނިމޭ

 

----ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން