ތަރާވީހް ނަމާދާބެހޭގޮތުން އުފެދޭ ބައެއް ސުވާލުތަކުގެ ޖަވާބާ ތަރާވީޙް ނަމާދުކުރާނެ ގޮތް- 2

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ތަރާވީހް ނަމާދާބެހޭގޮތުން އުފެދޭ ބައެއް ސުވާލުތަކުގެ ޖަވާބާ ތަރާވީޙް ނަމާދުކުރާނެ ގޮތް- 2

ރޭގަޑުގެ ނަމާދުގައި އެގާރަ ރަކްޢަތަށްވުރެ އިތުރު ނުކުރާން ވިދާޅުވާ ޢިލްމުވެރިންގެ ގާތުގައިވެސް، "ތިޔަބައިމީހުން ތިމަންކަލޭގެފާނު ނަމާދު ކުރައްވާތީ ދެކިލެއްވި ގޮތަށް ކުރާށޭ" އޮތް ޙަދީޘް ފުޅުގެ މުރާދު ޢާއްމެއް ނުކުރެއެވެ. އެހެންކަމުން، ވިތްރީގައި ބައެއްފަހަރު ފަސްރަކްޢަތް، އަނެއްބައިފަހަރު ހަތް ރަކްޢަތް، އަނެއް ބައިފަހަރު ނުވަ ރަކްޢަތް ކުރާކަށް އެބޭކަލުން ވިދާޅެއް ނުވެއެވެ. އެހެނީ،  "ތިޔަބައިމީހުން ތިމަންކަލޭގެފާނު ނަމާދު ކުރައްވާތީ ދެކިލެއްވި ގޮތަށް ކުރާށޭ" އޮތް ޙަދީޘް ފުޅުގެ މުރާދު ޢާއްމު ކޮށް ނަގާނަމަ، ވިތްރީގައި ބައެއް ފަހަރު ފަސްރަކްޢަތް، އަނެއްބައިފަހަރު ހަތް ރަކްޢަތް، އަދި އަނެއްބައިފަހަރު ނުވަރަކްޢަތް ކުރުމަށް ވިދާޅުވީހެވެ.

އެހެންކަމުން، "ތިޔަބައިމީހުން ތިމަންކަލޭގެފާނު ނަމާދު ކުރައްވާތީ ދެކިލެއްވި ގޮތަށް ކުރާށޭ" އޮތް ޙަދީޘް ފުޅުގެ މުރާދަކީ ތިމަންކަލޭގެފާނު ކުރެއްވި ގޮތަށް ކުރާށޭ އެވެ. ޢަދަދު ގައި ހިފާށެކޭ ނޫނެވެ. ނަމަވެސް، ވަކި ޢަދަދެއް ކަނޑައަޅުއްވާ ނައްޞު ކުރައްވާފައިވާނަމަ، އެގޮތުގައި ހިފުމެވެ. އެޔާ ޚިލާފަށް، ރޭގަޑުގެ ނަމާދުގައި ވަކީ ޢަދަދެއް ކަނޑައަޅުއްވާފައި ނެތުމުން ދޭހަވަނީ އެކަމަކީ މަގުތަނަވަސްވެގެންވާ ކަމެއް ކަމެވެ. ކުޅަދާނަކަން ހުރިނަމަ ކިތަންމެ ގިނައިންވެސް ކުރަންވީއެވެ. އެކަމުގައި ޝަރްޢީ ގޮތުން އެއްވެސް ހުރަހެއް، އަދި މަނައެއްވެސް ނެތެވެ. ވީމާ، މިފަދަ ތަނަވަސްވެގެންވާ މައްސަލަތަކުގައި ހަރުކަށިވެ، އެގާރަ ރަކްޢަތަށްވުރެ އިތުރަށް ކުރާ އިމާމުންގެ ފަހަތުގައި ނަމާދުނުކޮށް ޖަމާޢަތް ދޫކޮށްލާފައި މިސްކިތުންނިކުމެ ހެދުމުން އިމާމު މީހާއާއި އެކުގައި އޭނާ ނިމެންދެން ޖަމާޢަތުގައި ބައިވެރިވި މީހުންނަށް ލިބޭ މަތިވެރި ދަރަޖައިން އެމީހަކު މަޙްރޫމްވީއެވެ.  

އަދި ނުނިމޭ 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން