ނިމިގެން ދިއަ ފެބްރުވަރީ މަހުގެ މުސާރަ މިމަހު ލިބުމާއިއެކު ގިނަ ބައަކު އިސްކަން ދިނީ ރަމަމާން މަހަށް ގެއަށް ބޭނުންވާ ތަކެތި ގަތުމަށެވެ. އެއީ އެކަންވާނެވެސް ގޮތެވެ. ދެން މުސާރަ ލިބޭނީ ރަމަޟާން މަހުން 20 ވަރަކަށް ދުވަސް ފާއިތުވެގެންދާ ފަހުން ކަމުގައިވާތީއެވެ.
އެއީ ޢަމަލުކުރަން އެންމެ ރަނގަޅުވެސް ގޮތެވެ. ރަމަޟާން މަހުކުރަންޖެހޭ ބާޒާރު މަދުވުމަކީ ރަމަމާން މަހު ކުރަން ހުރި އަޅުކަން ކުރުމަށްވެސް މަގުފަހިވެގެންދާނެ ކަމެކެވެ. އެހެން ކަމާއިއެކުވެސް ހަނދާންކޮށްލައިދޭން ބޭނުންވަނީ މައިންބަފައިންނާއި ޢާއިލާގެ މީޙުންގެ މަތިން ހަނދާން ނައްތައިނުލުމަށެވެ.
ރޯދަމަހަށް ތިބާ ދިރިއުޅޭގެއަށް ކާބޯތަކެތި ވެއްދިފަދައިން މައިންބަފައިންނާއި ގާތް ތިމާގެ މީހުންގެ ގޭގޭގައިވެސް ކާބޯތަކެތި ހުރިކަން ކަށަވަރުކުރާށެވެ! ތަނަވަސްކަން ހުރިވަރަކުން އެމީހުންނަށްވެސް އެހީތެރިކަން ފޯރުކޮށްދޭށެވެ.
ކައިވެނި ރޫޅިގެން ނަމަވެސް ދަރިއަކު ދުރުގައި ހުރިނަމަ އެދަރިފުޅުގެ ކަންކަންވެސް ބަލައި އެހީތެރިވާންވާނެއެވެ. ގޭގައި މީރުކޮށް ގޭގައި ތިބި ދަރިންނާއިއެކު ކައިހަދާއިރު އެދަރިފުޅު ހުރީ ނިކަމެތި ޙާލުގައި ނަމަ ތިބާއަށް އެކަމުގެ ޒިންމާ އުފުލަންޖެހޭނެ ދުވަސް އޮތީ ކުރިއަށެވެ.
ތިމާއަށް ޙަލާލް ތަކެތި ޙަރާމްވާނެ ކަމަށް ބުނަނީއެއް ނޫނެވެ. ނަމަވެސް ބައެއް ޢިލްމްވެރިން ވިދާޅުވަނީ އަމިއްލަ ދަރިން ދަތިޙާލުގައި ބައިތިއްބާފައި ތިމާ މީރުކޮށް ކެއުމުން އެއީ ވިސްނާލަންޖެހޭނެ ކަމެއް ކަމަށެވެ.
އަމިއްލަ ދަރިންނާއި މައިންބަފައިންނަށް އަދި ޢާއިލާގެ މީހުންނަށް އަޅައިލަންވީ ހަމައެކަނި ރޯދަ މަހަކު ނޫނެވެ. ރަމަޟާން މަސް އައުމުން އޮތީ އަޅައިލުން އިތުރުކުރުމެވެ.
ބައެއް ޢިލްމުވެރިން ބަޔާން ކުރައްވާ ގޮތުގައި ރަމަޟާން މަހަށް ކުރާ ޞަދަޤާތުގައި ﷲ ތަޢާލާ ބަރަކާތް އިތުރުކުރައްވަވާނެތެވެ. އިން ޝާ ﷲ. ހަމަ އެއާއިއެކު ޞަދަޤާތް ދިނުން އޮތީވެސް ގާތުން ދުރަށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން