ލޮބުވެތި އަޚުންނާއި އުޚްތުން، ބަރަކާތްތެރި ރަމަޟާންމަހަށް އަޅުގަނޑުމެން ތައްޔާރުވުމުގަ މި ކިޔާ މަތިވެރި މަރުޙަބާގަ އަޅުގަނޑުމެން ކޮންކަމެއްތޯ ކުރަންވީ. އެއްވެސް ޝައްކެއްނަތް މީ ވަރަށް ބޮޑު މާތް މައްސަރެއް. މި މައްސަރަށްޓަކާ އަޅުގަނޑުމެން ވަރަށް ބޮޑު ތައްޔާރީއެއްވާންޖެހޭ.
އެގޮތުން ޢިލްމުވެރިން ބަޔާންކުރައްވާ " މުއުމިނުންގެ މައްޗަށް މުސްލިމުންގެ މައްޗަށް ތެދުވެރި ޢީމާނުގެ އަހުލުވެރިންގެ މައްޗަށް މިއަދު އެންމެ މުހިއްމު ކަމަކީ ބަރަކާތްތެރި ރަމްޟާންމަސް އަންނާތީވެ ރަނގަޅު ޢަޒްމެއް ވަރަށް ރަނގަޅު ތެދުވެރި އިޚްލާސްތެރި ޤަސްދެއް ރަނގަޅު ނިޔަތަކުން ނިޔަތްގަތުން. ކޮންކަމަކަށްތޯ. މި ބަރަކާތްތެރި މައްސަރު އެކުއެކުގާ ޙާސިލްކުރުމަށް، މި ބަރަކާތްތެރި މައްސަރުގެ ބާއްޖަވެރިކަން އެކުއެކުގައި ޙާސިލްކުރުމަށް އަދި އެ ޣަނީމާކުރުމަށް. އެމައްސަރުން އެއްވެސްކަމެއް ގެއްލިދިޔަވެސްނުދޭން ޢަޒުމްކުރުން.
މާތް ނަބިއްޔާ ޢަލައިހިއް ޞަލާތު ވައްސަލާމް ޙަދީޘްކުރައްވަނީ:
"އީމާންކަމާ އެކުގަ މުއުމިނަކު އިޙްތިސާވާ އެކުގަ ﷲ ގެ ހަޟްރަތުގަ ސަވާބަށް އެދިގެން ދަރުމަ ބޭނުންވެގެން ރޯދަ ހިފައިފި މީހެއްގެ އިސްވެދިޔަ ފާފަތައް ﷲ ފުއްސަވާނޭ." އެހެންވެ ޢިލްމުވެރިން ވިދާޅުވަނީ ރަމަޟާންމަހަށް ތައްޔާރު ވުމަށްޓަކާ ތެދުވެރި އިޚްލާސްތެރި ނިޔަތަކާއެކުގަ އަވަސްވެގަންނާށޭ! ދެވަނަކަމަކަށް މާތް ﷲ ގެ ހަޟްރަތަށް ތައުބާވެ ރުޖޫޢަވާން. އެހެންކަމުން އަޅުގަނޑުމެން ރަމަޟާންމަހަށް ކުރިމަތިލާން އުޅެނީ، އަޅުގަނޑުމެން ހައްޖަށް ޢުމްރާއަށް ދާންއުޅެނީ އަޅުގަނޑުމެން ހެޔޮ ޢަމަލަކަށް ޤަސްދުކުރާކަމަށްވަންޏާ އަޅުގަނޑުމެންގެ ޙަޔާތުގަ ދިރިއުޅުމުގަ ބައިވަރު ކުށްފާފަތައް އެބަހުރި، އަޅުގަނޑުމެންނަށް ނުބައި އާދަތައް އެބަހުރި ދޫކޮށްނުލެވިސަލާމަތްނުވެވި. އެހެންވީމަ މިފަދަ ފުރުސަތެއްގެ ބޭނުން ހިފުމަށްޓަކާ އަވަސްވެގަންނާށޭ. ތައުބާ ވާން. އިޚްލާސްތެރި ތެދުވެރި ތައުބާއަކުން ތައުބާވާން. ﷲ ވަޙީކުރައްވަނީ:
"އީމާންވީ މީސްތަކުންނޭ ތިޔަބައިމީހުން ﷲ ގެ ޙަޟްރަތަށް އިޚްލާސްތެރިކަމާއެކުގަ ތައުބާވާށޭ، އޭރުން ﷲ ތަބާރަކަ ވަތަޢާލާ އެ ތައުބާ ޤަބޫލުކުރައްވާނެ.
އެންމެމޮޅު ކަމަކީ އިސްވެދިޔަ ކަންތައް ނިޔަތް. އެ ނިޔަތުގެ ދަށުން އަޅުގަނޑުމެން ތައުބާވީމަ ﷲ ސުބުޙާނަހޫ ވަތަޢާލާ ދެންއަންނަ ހުރިހާ ކަމެއްވެސް ފުރިހަމަ ކޮށްދެއްވާނެ. އެހެންވެ ޢިލްމުވެރިން ވިދާޅުވަނީ ތިބާ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ކުއްތަން ވުމަށްޓަކާ މި މާތް މައްސަރު ދާއިރުގަ އެކަމަށް ތައްޔާރު ވުމަށްޓަކާ މާތް ﷲ ގެ ދީން އުނގެނި ދަސްކުރާށޭ.
"ﷲ ގެ ދީން އުނގެނި ދަސްކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބެކޭ. އެއީ އެމީހަކު މާތް ﷲ މަޢްރިފާކޮށް ދެނެގަތުމަށްޓަކާ އަދި އެކަލާންގެއަށް ކުއްތަންވެ އަޅުކަން އަދާކުރުމަށްޓަކާ އޭނާއަށް ލާޒިމްވާ މިންވަރު ކޮންމެ މީހަކުވެސް ޖެހޭ އުނގެނި ދަސްލކުރަން.
ލޮބުވެތި އަޚުންނާއި އުޚްތުން، ރަމްޟާންމަހުގެ ދަރުސްތަކާއި ވަޢުދުތައް ބައްލަވާ، ރަމްޟާންމަހުގެ އަހްކާމްތަކާ ބެހޭ ފޮތްތަކާއި ޕްރޮގްރާމްތަކުގައި ބައިވެރިވެ ރަމްޟާންމަހުގެ އަހްކާމްތައް އުނގެނި ދަސްކުރުން އެއީ ވަރަށް މުހިއްމު ވާޖިބެއް. އޭރުން އަޅުގަނޑުމެންނަށް ފުރިހަމަ ގޮތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހަޟްރަތަށް ކުއްތަންވެ ރަމްޟާންމަހުގެ ހެޔޮކަން ޙާސިލް ކުރެވޭނީ.
- އިސްލާމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން ބުރާސްފަތިދުވަހުގެ ރޭ "މަރުޙަބާ ރަމަޟާން" ގެ ނަމުގައި ޑރ. އާދަމް ޝަމީމް ދެއްވި ދަރުސުން