އަތްފޯރާ ފަށަށް ރަމަޟާން މަސް ކައިރިވީއެވެ! ވިސްނަންވީ ތައުބާވުމަށް ﷲ ލޯބިފުޅުވެވޮޑިގަންނަވާ ވަރާއިމެދުގައެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
އަތްފޯރާ ފަށަށް ރަމަޟާން މަސް ކައިރިވީއެވެ! ވިސްނަންވީ ތައުބާވުމަށް ﷲ ލޯބިފުޅުވެވޮޑިގަންނަވާ ވަރާއިމެދުގައެވެ!

މިއަހަރުގެ ރަމަޟާން މަސް ފެށެން ދާދިގާތްވީއެވެ. ތަކުރާރުކޮށް ބުނަމުން މިގެންދަނީ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ކުރަން އޮތް އެންމެ މުހިންމު ކަމަކީ އިޚްލާޞްތެރި ތައުބާވުމަކުން ތައުބާވުން ކަމަށެވެ. 

މީސްތަކުންނޭވެ! ތައުބާވުމަށް ﷲ ތަޢާލާ ލޯބިފުޅުވެވޮޑިގަންނަވާ ވަރާއިމެދުގައި ނިކަން ވިސްނައިލަބަލާށެވެ! އެންމެހައި އިންސާނުންގެ ބައްޕަ ކަމުގައިވި އާދަމްގެފާނަށް އެބޮޑު ފާފަކުރެއްވެވުމުން މިކުރެއްވެވުނީ ބޮޑުވެގެންވާ ފާފައެއްކަމާއި ﷲ ތަޢާލާ ފާފަ ފުއްސަވައިދެއްވެވުމުން ނޫނީ އެއްވެސް ސަލާމަތްކަމެއް ނެތްކަން އާދަމްގެފާނަށް ޤަބޫލުފުޅު ކުރެއްވެވުނު ހިނދު ﷲ ތަޢާލާ މިންވަރުކުރެއްވެވިގޮތް ނިކަން ދެކިބަލާށެވެ! 

އިޚްލާޞްތެރިކަމާއިއެކު ޢާދަމްގެފާނު ތައުބާވެވަޑައިގަންނަވަން ބޭނުންފުޅުވެވަޑައިގަތުމުން ތައުބާވެވަޑައިގަތުމަށް ވިދާޅުވީ ކަލިމަތައް ނުވަތަ ޢިބާރާތްވެސް އާދަމްގެފާނަށް އުނގަންނަވައި ދެއްވެވީ ﷲ ތަޢާލާއެވެ. އެކަމުންވެސް އެނގެންދަނީ ކޮންމެ މީހަކަށްވެސް ފާފަކުރެވޭނެ ކަމާއި ފާފަކުރެވުމުން އިޚްލާޞްތެރިކަމާއިއެކު ތައުބާވާން އެދޭމީހާއަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެ މިންވަރެވެ. 

މީސްތަކުންނޭވ! ތައުބާވުމަކީ ބޮޑުކަމެއްކަމަސް އެއްގޮތަކަށްވެސް ހީނުކުރާށެވެ! ކޮށްލަންޖެހޭ ހަމައެކަނި ކަމަކީ މީހާ އިޚްލާޞްތެރިކަމާއިއެކު ތައުބާވާން ބޭނުންވުމެވެ. އެއިރުން ﷲ ތަޢާލާ އެމީހަކަށް އެކަމަށް މަގުފަހިކުރައްވަވައިދެއްވަވާނެތެވެ. އެފަދައިން މީހާ ތައުބާވެއްޖެނަމަ ވަގުތުން ތައުބާ ޤަބޫލުފުޅުކުރައްވަވާނެތެވެ. އިން ޝާ ﷲ 

ވީމާ ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން ފުރަތަމަ ކުރަން އޮތް ކަންތައް ކުރާށެވެ. އެއީ އިޚްލާޞްތެރިކަމާއިއެކު ތައުބާވުމެވެ. ރަމަޟާންމަހުން ލިބެން އޮތް ފުރިހަމަ ފައިދާ އެމީހަކަށް ލިބޭނީ އެއިރުންނެވެ. 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން