މިއީ ފާފަކުރުން ހުއްޓާލަން ގަދައަޅައި އެންމެ ބޮޑަށް މަސައްކަތްކުރަންވީ ދުވަސްތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
މިއީ ފާފަކުރުން ހުއްޓާލަން ގަދައަޅައި އެންމެ ބޮޑަށް މަސައްކަތްކުރަންވީ ދުވަސްތައް!

ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ ރަމަޟާން މަހަށް ޝައިޠޯނުންތައް ކަސްތޮޅު އަޅުއްވަވާތީ ރަމަޟާން މަހުގައި ފާފަ ނުކުރެވޭނެކަމަށެވެ. ފާފަކުރުމުން ސަލާމަތްވެ ހުރެވޭނެ ކަމަށެވެ. ނަމަވެސް އެއީ އެއްވެސް ޙާލެއްގައި އެގޮތަށް އޮތް ކަމެއް ނޫނެވެ. ފާފަކުރުމުން ސަލާމަތްވެ ދުރުހެލިވާން މަސައްކަތްނުކުރާނަމަ ހަމަ ފާފަތައް ދާނީ ކުރެވެމުންނެވެ.  

ﷲ ތަޢާލާ ކަސްތޮޅު އަޅުއްވަވަނީ ބޮޑެތި ޝައިޠޯނުންނެވެ. ކުދި ޝައިޠޯނުންތައް ތިބެނީ ވީއްލިއެވެ. މީސްތަކުންގެ ތެރޭގައި ތިބޭ ޝައިޠޯނާގެ ބައިވެރިންގެ ނުފޫޒުވެސް ދާނީ ހަމަ ފޯރަމުން ކަމުގައިވާތީއެވެ.  

އަހަރެމެންނަށް އޮތީ ރަމަޟާން މަސް އައިސް ބައްދަލުކުރުމުން ފާފަ ނުކުރަން ގަދައަޅައި މަސައްކަތްކުރުމެވެ. ތައުބާވުން ގިނަކުރުމެވެ.  

ފާފަކުރަން ދެވި ހިފާފައި ތިބޭ މީހުންނަށްވެސް އެކަމުން ސަލާމަތްވެވޭނެއެވެ. އެފަދަ މީހުން ދެކަމެއް ކުރަން ޖެހޭނެއެވެ. ފުރަތަމަ ކަމަކީ ނަފްސާނީ ފަރުވާ ހޯދުމެވެ. އެގޮތުން ފުރަތަމަ ކަމެއްގެ ގޮތުން ކުރަން އޮތް ކަމަކީ ފާފަކުރެވޭ ހާލަތާއި ފާފަކުރަން ޝައުޤްވެރިވާ ސަބަބު ހޯދުމެވެ.  

މިސާލަކަށް އެއީ ވަކި މަންޒަރެއް ފެނުމުން ކަމަށްވާނަމަ އެފަދަ މަންޒަރުތައް ނުބަލާށެވެ. ވަކި ބައަކާއި އުޅެވުމުން ކަމަށްވާނަމަ އެބައަކާއިއެކު ނުއުޅޭށެވެ. އަތުގައި ފޯނުގެ ސަބަބުން ކަމަށްވާނަމަ އެކަނި ހުރެ ފޯނު ބޭނުން ކުރުމުގައި ސަމާލުވާށެވެ! މިފަދަ ކަންކަމުންވެސް ސަލާމަތް ނުވެވޭ ނަމަ އިތުބާރު ކުރެވޭ މުސްލިމް، ނަފްސާނީ ޢިލްމުވެރިއެއްގެ ލަފާ ހޯދާށެވެ! އަދި އިމާމުންގެ ލަފާ ހޯދާށެވެ!  

ހަމަ އެއާއިއެކު ގިނަގިނައިން ތައުބާވާ މީހަކަށްވާށެވެ! ކިތަންމެ ގިނައިން ނުވަތަ ގިނަ ފަހަރު ތައުބާވާން ޖެހުނު ނަމަވެސް ޖެހިލުންވުމެއް ނެތެވެ. ލަދުގަތުމެއްވެސް ނެތެވެ. ޖެހިލުންވާންވީވެސް ލަދުގަންނަންވީވެސް ތައުބާ ނުވެ ހުރުމަށެވެ. އެހެނީ ފާފައެއް ކުރެވުމުން ތައުބާވުމަށް އަވަސްވެ ނުގަންނަ ނަމަ އެމީހަކީ ކުށްވެރިއެކެވެ.  

ޔަޤީންކުރާށެވެ! ގިނަގިނައިން ތައުބާވާނަމަ ފާފަ ކުރެވުމުން އެމީހަކަށް ސަލާމަތްވެވޭނެއެވެ. ﷲ ތަޢާލާ މަގު ދައްކަވާނެތެވެ! ވީމާ އޮތީ އިޚްލާޞްތެރިކަމާއިއެކު ތައުބާވުން ގިނަ ކުރުމެވެ. ރޮއި ﷲ ތަޢާލާއަށް އާދޭސްކުރުން ގިނަކުރުމެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން